Roadha Mihaaru

ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލް ފާސްކޮށްފި

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލް ފާސްކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

13 މާޗް 2018

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެހެން ދުވަސްތަކާ ޚިލާފަށް މެންދުރު ފަހު، 1:00 ގައި ބޭއްވި ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސްކުރިއިރު، ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލަށް މާ ބޮޑު ބަދަލެއް ނުގެނެ އެވެ. ހަމައެކަނި ކޮމިޓީގައި ބަދަލު ގެނައީ ބިލުގައި ހުރި ބައެއް އިބާރާތްތަކަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމެކެވެ. ގާނޫނުއަސާސީގެ 154 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވިޔަސް އަދި ނުވިޔަސް، ފަނޑިޔާރަކު ވަކިކުރެވޭނީ މަޖިލީހަށެވެ.

އެކަމަކު ބިލުގައިވާ ގޮތުން ބިލުގައި ބުނާ ހާލަތުގައި ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބުނާ އިޖްރާއާތުތައް ނުހިނގާނެ އެވެ. އެއީ ކުށެއް ސާބިތުވެގެން ފަނޑިޔާރަކު ވަކިކުރާ ކުރުމަކީ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ނުވަތަ ތައުދީބީ ފިޔަވަޅެއް އެޅުން ކަމަށް ނުވާތީ ކަމަށް ބިލުގައިވެ އެވެ.

މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލޭ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ވެސް ބިލްގައި ބުނެފައިވެ އެވެ. އެގޮތުން ދަށު ކޯޓުން އެ މައްސަލަ ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން އިސްތިއުފާން ނިންމަން ޖެހެ އެވެ. އަދި ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުފާންކުރާތާ 30 ދުވަހުގެ ތެރޭގައި އެންމެ މަތީ ކޯޓުން ވެސް މައްސަލަ ނިންމަން ބިލްގައި ލާޒިމްކުރެ އެވެ.

ބިލު ފާސްކުރިއިރު، ޖިނާއީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މި ވަގުތު ތިއްބެވީ ހައްޔަރުކޮށްފަ އެވެ. އެހެންވެ، މި އިސްލާހު އެ ގޮތަށް ފާސްކުރުމަށް ފަހު، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެ، އިސްތިއުނާފު މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި މަގާމުން ވަކިވާނެ އެވެ.