Roadha Mihaaru
ދިރާގަށް މިދިޔަ އަހަރު 898 މިލިއަންގެ ފައިދާއެއް

ދިރާގަށް މިދިޔަ އަހަރު 898 މިލިއަން ރުފިޔާގެ ފައިދާއެއް

30 އެޕްރީލް 2018

މިދިޔަ އަހަރުގެ ވިޔަފާރިން 898 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ދިރާގަށް ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ އަހަރުގެ ވިޔަފާރިން 898 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ދިރާގަށް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ނެރުނު، މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، 2017 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. އަދި ޓެކްސް އަށް ކެނޑުމުގެ ކުރިން، އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. ދިރާގުން ޓެކްސްގެ ގޮތުގައި 160 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 898 މިލިއަން ރުފިޔާ ދިރާގަށް ލިބުނުއިރު 2016 ވަނަ އަހަރު ސާފު ފައިދާ އަކީ 840 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ ސާފު ފައިދާ އިން ހިއްސާ އަކަށް 11.81ރ. ބަހަން ނިންމާފައިވެ އެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގަ އެވެ.

ދިރާގުގެ އަހަރީ ރިޕޯޓުގައި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ކާމިޔާބީތައް ރިކޯޑު މިންވަރަކަށް ހާސިލްވި ކަމަށެވެ. އެގޮތުން އާމްދަނީ އާއި ފައިދާ އިތުރުވެ އަދި ކަސްޓަމަރުންގެ އަދަދު ވެސް ގިނަވެ، ހުރިހާ ދިމާއަކުން ވިޔަފާރި ކުރިއަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ، މޮބައިލް ކަސްޓަމަރުންގެ އަދަދު މިދިޔަ އަހަރު ނުވަ ޕަސެންޓް އިތުރުވެ، ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ އަދަދު 18 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި ގޭގެ އަށް ފައިބާ ބްރޯޑް ބޭންޑް ހިދުމަތް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން އިތުރު 20 ރަށަކަށް މިދިޔަ އަހަރު އެ ހިދުމަތް ތައާރަފް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވަނީ މިދިޔަ އަހަރު ދިރާގު ޓީވީ އާއި ދިރާގު ޕޭގެ ހިދުމަތް ތައާރަފްކޮށް ދިރާގުގެ ބްރޭންޑް އައިޑެންޓިޓީ ބަދަލުކުރިކަން ވެސް ފާހަގަކުރައްވައިފަ އެވެ.