Roadha Mihaaru
ގެއްލުނު ކުދިން ހޯދާތާ 9 ދުވަސް: މަސައްކަތަށް ހުއްޓުމެއް ނެތް

ގެއްލުނު ކުދިން ހޯދާތާ 9 ދުވަސް: މަސައްކަތަށް ހުއްޓުމެއް ނެތް

29 އެޕްރީލް 2018

މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ ނުވަ ދުވަސްވެގެން ދިޔަ ނަމަވެސް، ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ ނުވަ ދުވަސްވެގެން ދިޔަ ނަމަވެސް، ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ގެއްލިން ހޯދަނީ ހިތަދޫ ޓޮޕާޒް މަޔާމީން އަލީ، 14، އާއި އެ އަވަށު ޗަނބޭލީގޭ އަލީ ފަހުމީ، 15، އެވެ. އެ ދެ ކުދިން ގެއްލުނީ ހިތަދޫ ހޮސްޕިޓަލާ ދިމާލުން ފުށްޓަރު ފަރާތަށް މޫދަށް އެރިގެން އުޅެނިކޮށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް "މިހާރު" އަށް ވިދާޅުވީ ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް މިހާރު މަސައްކަތް ކުރަނީ ޑައިވްކޮށްގެން ހޯދުމުގެ މަސައްކަތް. މިއީ ފުދޭ ވަރަކަށް ބޮޑު މަސައްކަތެއް. ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއް އެބަ ޖެހޭ ސާޗް ކުރަން. މިހާތަނަށް ވަަރަށް ބޮޑު ބައި ސާޗް ވެސް ކުރެވިއްޖެ،" އޭނާ ވިދާޅުވި އެވެ. "ޑައިވިން ރޮބަޓާއި އެ ނޫން ވެސް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްހެން ބޭނުންކޮށްގެން މަސައްކަތް ކުރިއަށް މި ގެންދަނީ."

މަޔާމީން އާއި ފަހުމީ ގެއްލުނު ދުވަހުން ފެށިގެން މޫސުން ވެސް އެހާ ރަނގަޅެއް ނޫނެވެ. އެކަމަކު އެކަމަށް ބެލުމެއް ނެތި ސާޗް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންދެވޭ ވަރަށް ވުރެ މޫސުން ގޯހެއް ނޫން. އެހެންވީމާ މަސައްކަތަކަށް ހުއްޓުމެއް ނެތް." އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އައްޑޫގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރާއި ހިތަދޫގެ ޑައިވަރުންގެ ޓީމެއް ވެސް ކުދިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އެވެ.

ގެއްލިގެން ހޯދާ ފަހުމީގެ ސޯޓް: ސޯޓް ފެނުނީ މި މަހުގެ 23 ވަނަ ދުވަހު. ފޮޓޯ/ އައްޑޫ ލައިވް

ގެއްލިގެން ހޯދާ ފަހުމީގެ ސޯޓް: ސޯޓް ފެނުނީ މި މަހުގެ 23 ވަނަ ދުވަހު. ފޮޓޯ/ އައްޑޫ ލައިވް

ދެ ކުދިން ހޯދަމުން އަންނަނިކޮށް ފަހުމީ މޫދަށް އެރުނު އިރު، ލައިގެން ހުރި ސޯޓް ވަނީ މޫދަށް އެރުނު ދިމާ ފަރުމަތިން މި މަހުގެ 23 ވަނަ ދުވަހު ފެނިފަ އެވެ.

މަޔާމީން އާއި ފަހުމިއާ އެކު، މޫދަށް އެރުނު ހިތަދޫ ބްލޫ ރާއިފް އަލީ، 16، ވަނީ ގެނބުނު ހާދިސާގައި ސަލާމަތްވެފަ އެވެ.

ގެއްލުނު ކުދިންގެ އާއިލާތަކުން ބުނެފައި ވަނީ ކުދިން ފެންނާނެ ކަމުގެ އުންމީދުގައި ތިބި ކަމަށެވެ.

އެ އާއިލާތަކަށް ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިދިޔަ ބުރާސްފަތި ދުވަހު ގުޅުއްވައި ހިތްވަރު ވެސް ދެއްވާފައިވެ އެވެ. އަދި ސާޗިން އޮޕަރޭޝަނާ ބެހޭ މައުލޫމާތު ވެސް އާއިލާތަކަށް ހިއްސާ ކުރައްވާފައިވެ އެވެ.