Roadha Mihaaru
ޕްރެޝަރުގައި ތިބުމުން ރަނގަޅަށް ނުކުޅެވުނު: ކާއްޓޭ

ޕްރެޝަރުގައި ތިބުމުން ރަނގަޅަށް ނުކުޅެވުނު: ކާއްޓޭ

23 އެޕްރީލް 2018

ބަންގްލަދޭޝްގައި މިހާރު ކުރިއަށް ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވީ މާ ބޮޑަށް ޕްރެޝަރުގައި ތިބެގެން ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބަންގްލަދޭޝްގައި މިހާރު ކުރިއަށް ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވީ މާ ބޮޑަށް ޕްރެޝަރުގައި ތިބެގެން ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ނޭޕާލް އަތުން އިއްޔެ ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-21، 25-17 އަދި 25-15 އިންނެވެ. މި ފަހަރުގެ ޓީމުގައި މިދިޔަ އަހަރުގެ މުބާރާތްތަކުގައި ގަވާއިދުން ކުޅުނު ބައެއް ކުޅުންތެރިން އެކި ސަބަބުތަކާ ހުރެ ނުކުޅޭއިރު، ޓީމުގައި އާ ކުޅުންތެރިން ވެސް ހިމެނެ އެވެ.

ކާއްޓޭ ބުނީ ފުރަތަމަ ދެ ސެޓުގައި ރަނގަޅަށް ކުޅެން މަސައްކަތް ކުރެވުނު ކަމަށާއި އެހެން ނަމަވެސް ފެނިގެންދިޔައީ ކުޅުންތެރިން ޕްރެޝަރުގައި ތިބުމުން އެންމެ ރަނގަޅު ކުޅުން ނުދެއްކުނު މަންޒަރު ކަމަށެވެ.

"ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ޕްރެޝަރުގައި ދެން ނޭނގެ ކީއްވެގެން ކަމެއް. ގައިމުވެސް އަޅުގަނޑުމެން ތައިލެންޑްގައި ތައިލެންޑް ނެޝަނަލް ޓީމާ އެކު ކުޅުނުއިރު ވެސް މި އަށް ވުރެ ވަރުގަދަ ޓީމެއް އެއީ. އެ ޓީމާ އެކު ކުޅުނުއިރު ވެސް އެއްވެސް ޕްރެޝަރެއް ނެތި ކުޅުނު،" ކާއްޓޭ ބުންޏެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި އެންމެ ފަހުން މިދިޔަ އަހަރު މާޗް މަހު މާލޭގައި ނޭޕާލް ރާއްޖެ ބަލިކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. އެހެން ކަމުން އިއްޔެގެ މެޗަށް ނުކުތްއިރު، އެ މެޗުގެ ބަދަލު ހިފުމަކަށް ވިސްނައިގެން ކުޅުންތެރިން ކުޅުމުގެ ވިސްނުން ހުރުން އެކަށީގެންވެ އެވެ.

"ވެދާނެ މުބާރާތުގެ މެޗެއްވީމަ މޮޅުވާން ބޭނުންވެފައި ތިބި ކަހަލަ ގޮތަކަށް ތިބެގެން ކުޅެގެން ކަންނޭނގެ އެހެން (ޕްރެޝަރު ބޮޑު) އެވީ. އުއްމީދުކުރި ކުޅުމަށް ވުރެ ދަށްކޮށް މި ދިޔައީ،" ކާއްޓޭ ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން ރާއްޖެ އަށް ޖެހިފައިވަނީ މިއަދު ހަވީރު ކުޅޭ މެޗުން ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން މޮޅުވާށެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ ތިން ސެޓު އެއް ސެޓުން ނޭޕާލް ބަލިކޮށްފަ އެވެ.

"އެއީ ދެން ވަރަށް ހަނި ފުރުސަތެއް. ދެން މި މެޗުގައި (ނޭޕާލް މެޗު) ފަސް ސެޓަށް ގޮސްގެން ބަލިވި ނަމަވެސް ފުރުސަތު ބޮޑުވާނެ. މިހާރު ދެން އޮތީ (ބަންގްލަދޭޝް މެޗުގައި) ދޫނުކޮށްލާ އެ ހިސާބަށްދާން މަސައްކަތްކުރުން،" ކާއްޓޭ ބުންޏެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ވަނީ 2016 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ބަންގްލަދޭޝް އިން ވަނީ ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.