Roadha Mihaaru
އެންމެ ގިނަ ދުވަސްވީ މީހާ 117 އަހަރުގައި މަރުވެއްޖެ

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ މީހާ 117 އަހަރުގައި މަރުވެއްޖެ

22 އެޕްރީލް 2018

ޓޯކިޔޯ (އެޕްރީލް 22) - ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ މީހާ ކަމަށް ބެލެވޭ ޖަޕާނުގެ އަންހެނެއް ކަމަށްވާ ނާބީ ތަޖީމާ އުމުރުން 117 އަހަރުގައި މިއަދު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓޯކިޔޯ (އެޕްރީލް 22) - ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ މީހާ ކަމަށް ބެލެވޭ ޖަޕާނުގެ އަންހެނެއް ކަމަށްވާ ނާބީ ތަޖީމާ އުމުރުން 117 އަހަރުގައި މިއަދު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ތަޖީމާ އުފަންވެފައިވާ ކަމަށް ވަނީ އޮގަސްޓް 4، 1900ގަ އެވެ. ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށް ބެލެވޭ ޖަމައިކާ މީހެއް ކަމަށްވާ ވައިލެޓް ބްރައުން 117 އަހަރުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރުވުމުން، ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ މީހާ އަކީ ތަޖީމާ ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެފައިވެ އެވެ.

ބްރައުން މަރުވުމާ ގުޅިގެން ގިނިސް ވޯލްޑް ރެކޯޑްސް އިން ދަނީ ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ މީހަކީ ކާކުތޯ ބަލަމުންނެވެ. އެކަމަކު ދުނިޔޭގެ އެންމެ ދުވަސްވީ މީހަކީ ތަޖީމާ ކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ނިންމައިފައެއް ނުވެ އެވެ.

ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ ފިރިހެނަކީ ޖަޕާނުގެ މޮސާޒޯ ނޮނަކާ ކަމަށް މި މަހު 10 ވަނަ ދުވަހު ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ އިއުލާންކޮށްފަ އެވެ. އޭނާގެ އުމުރަކީ 112 އަހަރެވެ.

ޖަޕާނަކީ އުމުރުން ދުވަސްވީ މީހުން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމެވެ. އެ ގައުމުގައި 100 އަހަރުން މަތީގެ 68،000 މީހުން މިހާރު ވެސް އެބަ ތިބި ކަމަށް އެ ގައުމުގެ ސަރުކާރުން މިދިޔަ އަހަރު ބުނެފައިވެ އެވެ.