ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އިސްލާމް ދީނާ ޚިލާފު ކަންކަން ހިމެނޭ ކަމަށާއި އެކަންކަން ބަލައި ނުގަނެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
20 އެޕްރީލް 2018
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އިސްލާމް ދީނާ ޚިލާފު ކަންކަން ހިމެނޭ ކަމަށާއި އެކަންކަން ބަލައި ނުގަނެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 8-11 އަށް އީޔޫން ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު، އާންމު ކުރި ރިޕޯޓުގައި މައިގަނޑު ހުށަހެޅުންތަކަކީ އިންތިޚާބުތަކާ ގުޅޭ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ. އެ އިސްލާހުގެ ތެރޭގައި ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިޚާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން އީޔޫ އިން ހުށަހަޅާފައިވެ އެވެ.
މި މައްސަލާގައި ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށާއި ރާއްޖޭގައި ހަދާ ހުރިހާ ގާނޫނުތަކެއް ވެސް ހަދަނީ އެ ދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އިސްލާމް ދީނާ ޚިލާފުވާ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އާއި 73 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވާ ހުށަހެޅުން ދިވެހި ސަރުކާރުން ގަބޫލު ނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި، ދިވެހި ރައްޔިތުން މާނަކޮށްދީ، ބުނެފައި ވަނީ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. އީޔޫ އިން ހުށަހެޅީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މި މާއްދާ އިސްލާހްކޮށް، ދިވެހި ރައްޔިތަކަށް ވުމަށްޓަކައި މުސްލިމަކަށް ވުން ލާޒިމް ނުކުރުމަށެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ދިވެހި ސަރުކާރަށް ހުށަހަޅާފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ 2014 ވަނަ އަހަރުން ފެށިގެން ސަރުކާރުން ތަންފީޒު ކޮށްފައިވާ ކަންތައްތައް އީޔޫގެ ރިޕޯޓުގައި ހިމަނާފައި ނުވާތީ ހިތާމަ ކުރާ ކަމަށެވެ. އަދި އީޔޫ އިން މީގެ އެތައް އަހަރެއް ކުރިން ހުށަހެޅި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
އެގޮތުން ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު އެކުލަވާލި ގައިޑްލައިންގައި ހުރި ކަންކަން ހިމަނައިގެން އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި ފުލުހުންނާ މަޝްވަރާ ކޮށްގެން ބިލެއް ޑްރާފްޓް ކޮށްފައިވާ ކަމަށް ވެސް ފޮރިންސް މިނިސްޓްރީން ބުންޏެވެ. އިންތިޚާބާ ގުޅޭ މުހިންމު ކަންކަން އެ ބިލްގައި ހިމަނާފައިވާ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
މީގެ އިތުރުން މިދިޔަ ފެބްރުއަރީ 1 ގައި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމަށް ފަހު، ހިނގާފައިވާ ކަންތައްތައް ރިޕޯޓުގައި ހިމަނާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބަޔާނުގައި ވެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް މިދިޔަ ފެބްރުއަރީ މަހުގެ 22 ގައި އިލެކްޝަނުން ފަށާފައިވާ ކަމަށާއި އަދި އިންތިޚާބު އޮބްޒާވް ކުރުމަށް ސަރުކާރުން ހުރިހާ ފަރާތްތަކަށް ދައުވަތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
އީޔޫ ރިޕޯޓުގެ ފައިދާ ނަގަންނޫޅޭ، ލާދީނީ ޓެގު ނޭޅުވޭނެ
ދީނީ މިނިވަންކަން ނުދޭނެކަން އީޔޫއަށް އަންގައިފި
ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން ޖެހޭނެ:އިދިކޮޅު
އީޔޫ އިން ބޭނުންވާ ކަންތައް ވިޔަކަ ނުދޭނަން: ނިހާން
ކޮންމެ ދިވެއްސަކު މުސްލިމަކަށްވުން ލާޒިމް ނުކުރޭ: އީޔޫ
ރަސޫލާއަށް ފުރައްސާރަކުރުން ރާއްޖޭން ކުށްވެރިކޮށްފި
ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަންގެ ޕްރޮޖެކްޓެއް
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
"ދީން ގަބޫލުނުކުރާ މީހުންނަށް އެއްޗެއް ދޭން ނުޖެހޭ"
"ދީނަށް ނިކަމެތިވާ ގޮތަށް ހަދާ ޖަމާއަތްތަކުން ވަކިވޭ"