Roadha Mihaaru
ދިރާގާއި މީޑިއާ ނެޓުން ވޯލްޑް ވޯލްޑްކަޕް ދައްކާނެ

ދިރާގާއި މީޑިއާ ނެޓުން ވޯލްޑް ވޯލްޑްކަޕް ދައްކާނެ

11 އެޕްރީލް 2018

މި އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކަމަށް ވިޔަސް، އެ މުބާރާތުގެ ހުރިހާ މެޗެއް ދައްކާނެ ކަމަށް ދިރާގާއި މީޑިއާ ނެޓުން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މި އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކަމަށް ވިޔަސް، އެ މުބާރާތުގެ ހުރިހާ މެޗެއް ދައްކާނެ ކަމަށް ދިރާގާއި މީޑިއާ ނެޓުން ބުނެފި އެވެ.

ޕީއެސްއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުއްދަ ނެތި "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ"ގެ ނަމުގައި ބައެއް މީޑިއާތަކާއިި ވިޔަފާރި ކުންފުނިތަކުން ހުއްދަ ނޫން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންދާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއާއެކު ކޭބަލް ޓީވީގެ ހިދުމަތް ދޭ ކުންފުނިތަކަށް މެޗްތައް ދެއްކޭނެތޯ ގިނަ އަދަދެއްގެ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ނަމަވެސް ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ދިރާގުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވޯލްޑްކަޕްގެ މެޗްތައް ދައްކާނެ ކަމަށެވެ. އަދި އެ ކުންފުނިން މެޗްތައް ދައްކާނީ މި ސަރަަހައްދުގައި މެޗް ދެއްކުމުގެ ރައިޓްސް އޮތް ޗެނަލްތައް މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯލްޑް ކަޕްގެ މެޗްތައް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދެއްކުމުގެ އެއްވެސް ހުރަހެއް ނެތް. އެއީ ސޮނީ ސްޕޯޓްސް ނެޓްވޯކްގެ ރައިޓްސް އަޅުގަނޑުމެންނަށް ލިބިފައި އޮތުމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.

ދިރާގުގެ އިތުރުން ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދޭ މީޑިއާ ނެޓްގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގެ މެޗްތައް ކަސްޓަމަރުންނަށް ދައްކާނެ ކަމަމަށެވެ. އެގޮތުން ސޮނީ ޓެން2 އާއި ޓެން3 އިން މެޗްތައް ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޗެނަލްތައް ދެއްކުމުގެ އެއްވެސް ހުރަހެއް ނެތް. އެހެންވެ އަޅުގަނޑުމެން މެޗްތައް ދައްކާއިރު އެނަލިސިސް ވެސް އަންނާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޕީއެސްއެމުން ބުނެފައި ވަނީ ވޯލްޑް ކަޕްގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެ ނަމުގައި އެހެން ވެސް ހަރަކާތެއް ހިންގާ ނަމަ އެ ފަރާތްތަކުން އެ ކުރަނީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ" އާ ގުޅިގެން ރާއްޖޭގެ އެއްވެސް ޖަމިއްޔާއެއް، ޖަމާއަތެއް، ވިޔަފާރި ކުންފުންޏެއް އަދި މީޑިއާއަކުން އެއްވެސް ހަރަކާތެއް ހިންގަން ޝައުގުވެރިވާ ނަމަ އެ ފުރުސަތު ޕީއެސްއެމާ ގުޅިގެން ހިންގުމުގެ ފުރުސަތު އޮންނާނެ އެވެ.