04 އެޕްރީލް 2018
މާލޭގެ ފިހާރަތަކަށް ސަޕްލައިކޮށްދޭ ތާޒާ ފެނާއި އާއި ލައިފް ފެނުގެ އޯޑަރު ނެގުން އެ ދެ ކުންފުނިން މަޑުޖައްސައިލުމުން މާލޭގައި ފެން ލިބުން ދަތިވެއްޖެ އެވެ.
މާލޭގެ ފިހާރަތަކަށް ސަޕްލައިކޮށްދޭ ތާޒާ ފެނާއި އާއި ލައިފް ފެނުގެ އޯޑަރު ނެގުން އެ ދެ ކުންފުނިން މަޑުޖައްސައިލުމުން މާލޭގައި ފެން ލިބުން ދަތިވެއްޖެ އެވެ.
މާފަންނުގައި ހުންނަ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ އެމްޑަބްލިއުއެސްސީ އާއި ހެޕީ މާކެޓުން ވިއްކާ ފެނުގެ އޯޑަރު ނެގުން އަންނަ ހަފުތާ އަށް ފަސްކޮށްފައިވާ ކަމަށް އެ ދެ ކުންފުނިން ބުނާ ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީން އުފައްދާ "ތާޒާ" ބްރޭންޑްގެ ފެނަށް އޯޑަރު ދޭން ގުޅުމުން ކަސްޓަމަރުންނަށް މިހާރު އަންގަނީ އޯޑަރު ނޯޓުކުރެވޭނީ ވެސް ދެ ދުވަސް ފަހުން ކަމަށް އެ މީހާ ބުންޏެވެ.
"ތާޒާގެ 1.5 ލީޓަރުގެ ކޭހަށް އޯޑަރު ނޯޓު ވެސް ނުކޮށްދޭ. އެންމެ ފަހުން ވެސް ފެން ގެނެސްދިނީ މިދިޔަ ހޯމަ ދުވަހު،" އޭނާ ބުންޏެވެ.
"މި ވަގުތު ތާޒާ އިން ލިބެނީ ހަމައެކަނި ފަސް ލީޓަރު ފެން. އެހެން ސައިޒުތަކުގެ ފެން ޑެލިވަރީ ކުރެވޭނީ އެންމެ އަވަހަށް ވެސް އަންނަ އާދީއްތަ ދުވަހު ކަމަށް މިއަދު ގުޅީމަ ވެސް ބުނި."
އެ މީހާ ބުނީ ކުންފުނިތަކުން ފެން ހޯދުން ވަރަށް ބޮޑަށް އުނދަގޫ ކަމަށެވެ. އެހެންވެ ފެން ވިއްކުން ވެސް މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފެން ހިފައިގެން އަންނާނަމޭ ބުނެގެން ކޮންމެ ރެއަކު ބާރަ ޖަހަންދެން ހޭލާ ތިބެން އެބަ ޖެހޭ. މިހާރު އެހެން ބުނެގެން ފާއިތުވި ދެ ރޭ ވެސް ހޭލައި ތިބެގެން ފެނެއް ނުލިބޭ،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ ހެޕީ މާކެޓުން ސަޕްލައިކޮށްދޭ "ލައިފް" ބްރޭންޑްގެ ފެން ހޯދުން ވެސް ވަރަށް ބޮޑަށް އުނދަގޫ ކަމަށެވެ. އަދި އެ ތަނުން އެންމެ ފަހުން އެންގީ ދެން އޯޑަރު ނެގޭނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް އެ މީހާ ބުންޏެވެ.
"މިދިޔަ ހޮނިހިރު ދުވަހު ދިން އޯޑަރު އަދިވެސް ޑެލިވައެއް ނުކޮށްދޭ. ކޮންމެ ދުވަހަކު ވެސް ގުޅީމަ ބުނަނީ އެބަ ބަލަމޭ ޑެލިވާކުރެވޭތޯ،" އޭނާ ބުންޏެވެ.
އެ ފިހާރައިން ވާހަކަދެއްކި މީހާ ބުނީ އެ ތަނުން ދުވާލަކު މަދުވެގެން ފަސް ލީޓަރުގެ 20 ކޭސް ވިކޭ ކަމަށެވެ. އަދި 500 އެމްއެލް އާއި 1.5 ލީޓަރުގެ 12 ކޭސް ފެން ވިކޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މާލޭގެ ބައެއް ފިހާރަތަކުން ވަނީ 1.5 ލީޓަރުގެ ފެން ފުޅިއެއް ވިއްކާ އަގު ހަތް ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. ފަސް ލީޓަރު ވިއްކާ 15ރ. އަށް ވެސް ބައެއް ތަންތަނުން ވިއްކާ އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ ފެން އުފައްދާ ކުންފުނިތަކަށް ފިހާރަތަކުން ބޭނުންވާ މިންވަރަށް މިހާރު ފެން ޑެލިވާ ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް އެނގޭ ދުވާލު ފެން ޑެލިވާކުރި ގޮތަށް ރޭގަނޑު ލިބޭ ކުޑަ ވަގުތުކޮޅު އެކަން ކުރަން ދަތިވާނެ ކަން. އެހެންވެ އަޅުގަނޑުމެން ވެސް ފެން ވިއްކުން ކޮންޓްރޯލް ކޮށްގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
އެ ވިޔަފާރިވެރިޔާ ވިދާޅުވީ މި ދުވަސްވަރު އާދަޔާ ހިލާފަށް ހޫނު ގަދަވުމުން ފެން ވިކޭ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
"މީގައި އެބައުޅޭ ދެ ކަމެއް. ފެނުގެ ޑިމާންޑް މި ދުވަސްވަރު ބޮޑުވުމާއި ޑެލިވަރީކުރާ ވަގުތަށް އައި ބަދަލާ ގުޅިގެން ރޭގަނޑު ޑެލިވަރީ ނުކުރެވުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މާލޭގެ ފިހާރަތަކުން ފެން ލިބުން ދަތިވެފައި ވަނީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، މާލެ ތެރެއަށް ދުވާލު ގަޑީގައި މުދާ އުފުލުން ސަރުކާރުން މަނާކުރުމާ ގުޅިގެންނެވެ.
ނަމަވެސް ހެޕީ މާކެޓްގެ ސީއީއޯ އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ މާލޭގައި މިހާރު ރޭގަނޑު ފެން ޑެލިވަރީކުރަން ލިބޭ ވަގުތުގައި، ކުރެވޭ ވަރަށް ގެންގޮސްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިން ޑެލިވަރީ ނުކުރެވި އޯޑަރުތަކެއް ހުރުމުން އޯޑަރު ނަގަނީ ޑެލިވަރީކުރެވޭ މިންވަރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިޔަށް ވުރެ ޑިމާންޑް ވެސް ބޮޑުވެއްޖެ، އެ ޑިމާންޑާ އެއް ވަރަށް ޑެލިވާކުރަން މަސައްކަތްކުރަމުން ދަނީ. މި ވަގުތު އޯޑަރު ނަގަނީ ލިބިފައިވާ ވަގުތުގައި ޑެލިވަރީކުރެވޭ ވަރަށް،" އޭނާ ވިދާޅުވި އެވެ.
އިހުސާން އިއްޔެ ވިދާޅުވީ ރޭގަނޑު އެންމެ ފުރަތަމަ ފެން ގެންގޮސް ދެނީ ވެސް ފިހާރަތަކަށް ކަމަށެވެ.
"ރޭގަނޑު ޑެލިވަކުރަން ފަށަނީ ފިހާރަތަކަށް. އޭގެ ފަހުން ރެސްޓޯރަންޓް، ކެފޭ އަދި ހޮޓާތަކަށް ގެންގޮސް ދެނީ. އެއީ ރެސްޓޯރަންޓްތައް ބަންދުކުރާ ގަޑި ފަސްކުރުމުން،" އިހުސާން ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އެމްޑަބްލިއުއެސްސީން ވާހަކަދައްކަން ބޭނުމެއްނުވި އެވެ.
ދެ ހަފުތާ ވީއިރު ވެސް ބޯފެން ލިބުން ދަތިވެފައި
އަނެއްކާ ވެސް ބޯ ފެން ލިބުން ތާށިވެއްޖެ
"ތާޒާ އަހަރަކަށް": އަހަރު ދުވަހަށް ފެން ހިލޭ
ތާޒާ އިން ތިމާވެއްޓާ ރައްޓެހި އާ ޕްރޮޑަކްޓްތަކެއް
ހޫނުގަދަވެ ޑިމާންޑުބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި
ބޮޑު އަގުގައި ފެން ނުވިއްކުމަށް ސަރުކާރުން ގޮވާލައިފި
ފެނުގެ ޑިމާންޑް ބޮޑު، ޕްލާންޓްތައް މަރާމާތުގައި
ތާށިކަން ފިލުވާލުމަށް "ލައިފު"ން އިތުރަށް އުފައްދަނީ
މާލެއިން ބޯފެން ލިބުން ދަތިވެއްޖެ!
މައްސަލަ ޖެހުނު ތާޒާ ފެން ޓެސްޓް ކުރަނީ