Roadha Mihaaru
ބްރެޒިލް އަތުން ބަލިވެ ޖަރުމަނުގެ ރެކޯޑް ނިމުމަކަށް

ބްރެޒިލް އަތުން ބަލިވެ ޖަރުމަނުގެ ރެކޯޑް ނިމުމަކަށް

28 މާޗް 2018

ބާލިން، ޖާމަނީ (މާޗް 28) - އެކުވެރިކަމުގެ މެޗެއްގައި ރޭ ބްރެޒިލް އަތުން 1-0 ބަލިވެ ޖަރުމަނުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ނިމުމެސް އައިސްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާލިން، ޖާމަނީ (މާޗް 28) - އެކުވެރިކަމުގެ މެޗެއްގައި ރޭ ބްރެޒިލް އަތުން 1-0 ބަލިވެ ޖަރުމަނުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ނިމުމެސް އައިސްފި އެވެ.

މިއީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ލަދުވެތިގޮތަކަށް 7-1 އިން ޖަރުމަން އަތުން ބްރެޒިލް ބަލިވި މެޗަށް ފަހު މި ދެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 31 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެންޗެސްޓާ ސިޓީގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. ޖީސޫސް އަކީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރެޒިލް ކޯޗުކަމާ ޓީޓޭ ހަވާލުވި ފަހުން އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޖީސޫސް ވަނީ އެ މުއްދަތުގެ ތެރޭގައި ނުވަ ގޯލު ކާމިޔާބު ކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނީ މިއީ ވާދަވެރި މެޗަކުން ލިބުނު މޮޅަކަށް ނުވި ނަމަވެސް ހިތަށް ލިބުނު ފަސޭހައެއް ކަމަށެވެ.

"މިއީ ބަދަލު ހިފުމެއް ނޫން. އެކަމަކު ބްރެޒިލްގެ ޖާޒީ އަށް ދޭން ޖެހޭ އިހުތިރާމް އަދާކުރެވިއްޖެ. މިއީ ބޮޑު ގައުމެއް އަތުން ހޯދުނު މޮޅެއް. މިއީ ހިތަށް ލިބިގެންދިޔަ ފަސޭހަކަމެއް،" ޖަރުމަނު އަތުން 7-1 އިން ބަލިވި މެޗަށް ސަސްޕެންޑްވެފައި ހުރި ތިއާގޯ ސިލްވާ ރޭގެ މޮޅަށް ފަހު ބުންޏެވެ.

ޖަރުމަނުން ރޭގެ މެޗުގައި ކުޅުނީ ތޯމަސް މުލާ އާއި މެސުޓް އޮޒިލް ނުލަ އެވެ. އެ ޓީމުގެ ކޯޗު ޔަކީމް ލޯ ބުނީ ފެނިގެންދިޔައީ ބްރެޒިލް އާދަޔާހިލާފު ރޫހެއްގައި ނުކުމެ ދެއްކި ހިތްވަރު ކަމަށެވެ.

"އަހަރެން އުއްމީދުކުރިން ބްރެޒިލް މި ރޫހުގައި ނުކުންނާނެކަމަށް. އެކަމަކު ފެނިގެންދިޔައީ އާދަޔާހިލާފު ރޫހެއްގައި ބްރެޒިލް ކުޅެލިތަން. މިއީ އެ ޓީމަށް ހައްގު މޮޅެއް. އަހަރެމެންނަށް ގިނަ ގޯސްތަކެއް ހެދުނު،" ލޯ ބުންޏެވެ.

ރޭ އިންގްލެންޑުން އަމިއްލަ ދަނޑުގައި ވަނީ އިޓަލީއާ 1-1 އިން އެއްވަރުވެފަ އެވެ. ފުރަތަމަ ހާފުގައި ލެސްޓާގެ ފޯވާޑް ޖޭމީ ވާޑީގެ ލަނޑުން އިންގްލެންޑް ލީޑުނަގާފައިވަނިކޮށް އިޓަލީން އެއްވަރުކުރީ މެޗުގެ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ނަޕޯލީގެ ވިންގް ލޮރެންޒޯ އިންސީނިއޭ ޖެހި ގޯލުންނެވެ.

ރޭ އިޓަލީ އަށް ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގަ އެވެ. އިންގްލެންޑްގެ ޖޭމްސް ޓަކޯސްކީ އިޓަލީގެ ފެޑެރީކޯ ޗިއޭސާ އަށް އޭރިއާ ތެެރެއިން ފައުލުކުރުމުން މެޗުގެ ރެފްރީ ޑެނީސް އައިޓެކިން ފުރަތަމަ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ވީއޭއާރްގެ އެހީގައި އެ ނިންމުން ބަދަލުކޮށް އިޓަލީ އަށް ޕެނަލްޓީ ދިނެވެ.