Roadha Mihaaru
ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ދަށު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

22 މާޗް 2018

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދަން މިދިޔަ ޖެނުއަރީ މަހު ޖޭއެސްސީން ހުޅުވާލި ފުރުސަތު ފުރަތަމަ އޮތީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަމަވާ ގޮތަށެވެ. އެކަމަކު ފަހުން ވަނީ އެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މިފަހަރު އެ މުއްދަތު ޖޭއެސްސީން އިތުރުކުރީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރިއިރު ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހު ވަނީ ހަމަވެފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ހަސަން އަލީ މިދިޔަ ހަފުތާގައި ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ. ބާކީ އޮތް ދެ މަގާމަށް ބޭފުޅުން އަދި އައްޔަން ނުކުރެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނީ މަހަކު 46،000ރ. އެވެ.