Roadha Mihaaru
ރޮހިންޖާ ފަންޑާ ގުޅޭ ހަބަރު ޖެހުމުން، މައްސަލަ ހުށަހަޅައިފި

ރޮހިންޖާ ފަންޑުގެ ފައިސާ ލަސްވާ ހަބަރު ޖެހުމުން، މައްސަލަ ހުށަހަޅައިފި

22 މާޗް 2018

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބަންގްލަދޭޝް ރެޑް ކްރެސެންޓާ ހަވާލުކުރުން ލަސްވާ ޚަބަރު މީޑިއާތަކުން ޖެހުމުން، އެއީ މައްސަލައަކަށް ހަދައި، އެކަން ބަލައިދޭން ކަމާ ގުޅޭ މުއައްސަސާތަކަށް މިނިސްޓްރީން ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބަންގްލަދޭޝް ރެޑް ކްރެސެންޓާ ހަވާލުކުރުން ލަސްވާ ޚަބަރު މީޑިއާތަކުން ޖެހުމުން، އެއީ މައްސަލައަކަށް ހަދައި، އެކަން ބަލައިދޭން ކަމާ ގުޅޭ މުއައްސަސާތަކަށް މިނިސްޓްރީން ހުށަހަޅައިފި އެވެ.

"މިހާރު" ނޫހާއި އެހެން ބައެއް މީޑިއާތަކުން، ރޮހިންޖާ ފަންޑުގެ ޚަބަރު ލިއުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންގި ހަރަކާތްތަކުން ހޯދި ފައިސާ ހަވާލުކުރި ކަން ނުވަތަ ނުކުރާ ކަން އިސްލާމިކް މިނިސްޓްރީން ޔަގީންކޮށް ނުދިނުމުންނެވެ. ފަންޑުގެ ފައިސާ ހަވާލުކުރީ، އެ ހަބަރު ޖެހި ފަހުން އިއްޔެގެ ވަގުތެއްގަ އެވެ.

ފަންޑަށް ލިބުނު ފައިސާ ހަވާލުކުރި ކަން އިއުލާންކޮށްދެއްވަން، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ރޮހިންޖާ ފަންޑާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ޚަބަރު ފެތުރީ ހަގީގަތް އޮޅުވާލައި، އެ މަސައްކަތުގައި އުޅުއްވި ދެ މިނިސްޓަރުންގެ އަބުރު ކަތިލުމަށް ކަމަށެވެ. ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ އިތުރުން އާއްމުންގެ އަތުން، ރޮހިންޖާ އަށް އެހީ ހޯދަން އެކުލަވާލި ކޮމެޓީގައި އިސްކޮށް އުޅުއްވީ ޒިޔާދުގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

މައްސަލަ ހުށަހެޅީ ކޮން ތަނަކަށް ކަމެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި މީޑިއާތަކުން އެ ޚަބަރު ގެނެސްދިނީ، ކަމާ ގުޅޭ ފަރާތްތަކުގެ ބަހެއް ނެތި އެވެ. އެ ހަބަރާ ގުޅޭ މައުލޫމާތު ހޯދަން މީޑިއާއަކުން އޭނާ އަށް ދެ ފަހަރަށް ގުޅި ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެކަމުގެ މައުލޫމާތު ހޯއްދެވުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށް ފުރަތަމަ ދުވަހު ވިދާޅުވި ކަމަށެވެ. ދެ ވަނަ ދުވަހު ގުޅިއިރު އޭނާ އިންނެވީ ބައްދަލުވުމެއްގައި ކަމަށާއި، ބައްދަލުވުން ނިމުނުއިރު އޭނާގެ ފޮޓޯއަކާ އެކު ހަބަރު ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އެކަން ތަހުގީގުކުރަން އެދުނީ، ރޮހިންޖާ ފައިސާއާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފެތުރުމުން ކަމަށެވެ.

އެ ފަންޑާ ގުޅޭ ޚަބަރު "މިހާރު" އިން ޝާއިއުކުރީ، އިސްލާމިކް މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކުގެ ބަހެއް ހޯދަން ތަކުރާރުކޮށް ކުރި މަސައްކަތުން ވެސް ޖަވާބު ނުލިބި އެތައް ދުވަހެއް ވި ފަހުންނެވެ. އެގޮތުން މިދިއަ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ވެސް ޒިޔާދު އަށް "މިހާރު"ގެ ފަރާތުން ސުވާލު ދެންނެވި އެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ފައިސާ ހަވާލުކުރުން ލަސްވީ އިދާރީ ބައެއް ކަންކަމާ ހެދި ކަމަށެވެ.

މިޔަންމާ ސިފައިން ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް އުދުވާނީ ހަމަލާތަކެއް ދީ އެތައް ބައެއްގެ ގެދޮރުގައި ހުޅުޖެހުމުގެ ސަބަބުން، މިދިޔަ އަހަރުގެ ފަހުކޮޅު އެތައް ލައްކަ ބަޔަކު ބަންގްލަދޭޝް އަށް ހިޖުރަކުރި އެވެ. އަދި އެ ހަމަނުޖެހުންތަކުގައި އެތައް ހާސް މުސްލިމުންނެއް ވަނީ މަރުވެފަ އެވެ.