Roadha Mihaaru
އުއްތަމަ ފަނޑިޔާރު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

އުއްތަމަ ފަނޑިޔާރު ވެސް ޝަރީއަތް ނިމެެންދެން ބަންދުކުރަން އަމުރުކޮށްފި

21 މާޗް 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ މައްޗަށް ދައުވާއެއް އުފުލައި، ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު މިދިޔަ މަހު ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނު މިހާރު ހުންނެވީ ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފަ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ދައުލަތް ހިންގަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން ވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލައިފަ އެވެ.

އުއްތަމަ ފަނޑިޔާރު ބަންދުގައި ބަހައްޓަން އަމުރު ކުރިއިރު، އެމަނިކުފާނާ އެކު ހައްޔަރުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.

އެ ތިން ބޭފުޅުންގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެހެން ބައެއް ބޭފުޅުންނަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ހިމެނެ އެވެ.

އޭގެ ތެރެއިން އިލްހާމް ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާއިރު ދެން ތިބި ބޭފުޅުންގެ ބަންދާ މެދު މިއަދު ގޮތެއް ނިންމާނެ އެވެ.