20 މާޗް 2018
އެސްޓީއޯ މާލޭ ލީގުގައި މިރޭ އިޝާން އިބްރާހިމް (ސައްޓު) ޖެހި ދެ ގޯލާ އެކު 3-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ އިޝާން އިބްރާހިމް (ސައްޓު) ޖެހި ދެ ގޯލާ އެކު 3-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މި މޮޅާ އެކު ޓީސީ ވަނީ ލީގު ބްރޭކަކަށް ދިއުމުގެ ކުރިން ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ވެލެންސިއާ ހަތަރު މެޗު ކުޅުނުއިރު ލިބުނު އެއް ޕޮއިންޓާ އެކު އޮތީ ލީގުގެ ފުލުގަ އެވެ.
ޓީސީން ވަނީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވާއި ސައްޓު މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަދި އެ ޓީމު ގޯލުގައި މިރޭ ހުރީ އިފްރާހް އަރީފް (އިފްރާ)ގެ ބަދަލުގައި އިބްރާހިމް ނަދީމް (ރިކޫ) އެވެ.
ޓިސީން ވަނީ މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ތެރެއިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އޭރިއާ ބޭރުން އަނަޓޯލީ ފޮނުވާލި ބޯޅަ ވެލެންސިއާގެ ޖަޕާން ކީޕަރު ޖުން ކޮޮޗީ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ސައްޓު އަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް ނުހިފުނެވެ.
ވެެލެންސިއާގެ ކެޕްޓަން އަލީ އިމްރާން (އިންމަ) ވަނީ މެޗުގެ 22 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ތެރެއިން އިންމަ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް ފޮނުވާލީ ޓީސީންނެވެ. އެ ޓީމަށް ލީޑުނަަގައިދޭން މެޗުގެ 41 ވަނަ މިނިޓްގައި ޔާމީން އިބްރާހިމް (ޔާމްބެ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން މުޅިން ހުހަށް ހުރެ ޔާމްބެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ވެލެންސިއާ އިން ވަނީ ދެ ވަނަ ހާފަށް ނުކުތްއިރު މުހައްމަދު މިދުހަތުގެ ބަދަލުގައި އަންސަރު އިބްރާހިމް (އަންކޮ) ކުޅެން އަރުވައިފަ އެވެ. އަދި މި ހާފުގެ ކުޅުން ފެށިތާ ފަސް މިނިޓް ތެރޭ ޓީސީން ވަނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ ބަދަލުގައި ލައިބީރިއާގެ ފޯވާޑް ޑިއޯ ވިލިއަމްސް ކުޅެން އަރުވައިފަ އެވެ.
ޓީސީ އަށް މެޗުގެ 60 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ސައްޓު އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ ސައްޓު ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން ޓީސީގެ ލީޑުފުޅާކޮށްދިނީ ވެސް ސައްޓު އެވެ. އޭރިއާތެރެއިން ވިލިއަމްސް ހުސްކޮށްލާފައި ސައްޓު އަށް ދިން ބޯޅަ އޭނާ ވަނީ ކީޕަރު ޖުން އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޓީސީގެ ސައްޓު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓީސީގެ ތިން ވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަނަޓޯލީ އެވެ. ހާފްގެ މެދުތެރެއިން އަނަޓޯލީ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ސީޒަނުގައި ފެނިގެންދިޔަ އެންމެ ރީތީ އެއް ގޯލެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސައްޓު އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން މެޗުގެ 87 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ތެރެއިން ސައްޓު ޖެހި ބޯޅަ އަމާޒުވީ ކީޕަރު ކޮޗީ އަތަށެވެ.
މެޗާ ބެހޭގޮތުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗުގެ ދިޔައީ އެންމެ ބޭނުންވި ގޮތަށް ކަމަށެވެ.
"މެޗު ދިޔައީ އެންމެ ބޭނުންވި ގޮތަށް. ކުޅުންތެރިން ބުނި ހުރިހާ ގޮތް ހަދައިގެން. ރޭވުންތެރިކަމާ އެކު ހުރިހާ ކަމެއް ފުރިހަމަވެގެން ހޯދި މޮޅެއް މިއީ،" ނިޒާމްބެ ބުންޏެވެ.
ލީގު މި މެޗަށް ފަހު ބްރޭކަކަށް ދިއުމަކީ ޓީސީގެ ބައެއް ކުޅުންތެރިންނަށް ލިބިގެންދިޔަ ފަސޭހަކަމެއް ކަމަށާއި މެދުކެނޑުމެއްނެތި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވުމުން ވަރުބަލިކަން ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަމަށް ބުންޏެވެ.
ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ޓީސީން ވަރަށް ރަނގަޅަށް މި މެޗުގައި ކުޅުނު ކަމަށާއި މި މެޗު ވެސް ގެއްލުނީ ވަކި ވަގުތުތަކެއްގައި ސަމާލުކަންދޭންވީ ވަރަށް ނުދެވުމުން ކަމަށެވެ.
"ޓީސީން ވަރަށް ވަރުގަދަ އަށް ކުޅުނީ. އެކަން ފެނިގެންދިޔަ. ދެން ވެލެންސިއާ އަށް މި މެޗު ވެސް މި ގެއްލުނީ ވަގުތުތަކެއްގައި ޑިފެންސުން އެ އައި ބޯޅަތަކެއްގައި ކޮންސަންޓްރޭޝަން ދަށްކޮށް ދިއުމުން،" އޭނާ ބުންޏެވެ.
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ޓީސީ ތަފާތު ދައްކަން ވެލެންސިއާއާ ދެކޮޅަށް ނުކުންނަނީ
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ފުރުސަތު ކުޑަ ވިޔަސް ވެލެންސިއާ ދުލެއްނުދޭނެ: ލައްޗޭ
ވެލެންސިއާ އަނެއްކާ ވެސް ހާސްކަމުގެ ތެރެއަށް