12 މާޗް 2018
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅެން ނެތީމަ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅެން ނެތީމަ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ބިލުގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ. ގާނޫނުއަސާސީގެ 154 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ޝަރުއީ ދާއިރާގެ ތެރެއިން ފަނޑިޔާރުންތަކެއް ގެންނަން އުޅުނު "ބަޣާވާތުގެ" ސަބަބުން ސުޕްރީމް ކޯޓުގެ ގަދަރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އެކަމަކު، ޝަރުއީ ދާއިރާއަކީ އެންމެންގެ އިހްތިރާމާއި ލޯބި ކުރިން ލިބިފައި އޮތް ތަނެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ބަޣާވާތް ނާކާމިޔާބުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދުގެ ވިސްނުން ތޫނުކަމާއި ގައުމަށް ވެވަޑައިގެންނެވި ލޯތްބާއި އިހްތިރާމްގެ ސަބަބުންނެވެ. އޭނާ ވަނީ އެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.
"ދިވެހި ދައުލަތަކީ ތިން ބާރު ވަކިވެފައި އޮތް ދައުލަތެއް. ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނަ އިރު، އޭގެ ތެރެއިން އެއްވެސް ބާރަކަށް ދައުލަތް ހުއްޓުވުމުގެ ފުރުސަތު ލިބިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ސިފަ ކުރެއްވި ގޮތުގައި ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް، އިދިކޮޅު ނުވަ ލީޑަރަކު ދޫކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ ދައުލަތް ހުއްޓުވުމަށް ނެރުނު އަމުރެކެވެ. އެއީ ގާނޫނުއަސާސީ ތައާރަޒްވާ އަމުރެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ބިލަށް ބަހުސް ކުރެއްވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ. މި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އެންމެ ނިކަމެތި މީހާ އަށް އަދަބު ލިބޭނަމަ، ފަނޑިޔާރުންނަށް ވެސް އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އެކަމަކު، އެކަން ކުރަން ޖެހޭނީ އިންސާފާއި ގާނޫނުގެ ތެރެއިން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހު 1 ގައި ނެރުނު އަމުރު ތަންފީޒު ނުކޮށް، ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ އަމުރުގެ ދެ ބައެއް ބާތިލުކޮށްފަ އެވެ.
އެހެންވެ މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ނުޖެހޭ ކަމަށް ސަރުކާރުން ގަބޫލު ކުރާއިރު، އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ކެނޑިނޭޅި ގޮވާލަމުންނެވެ. އަދި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، ކޮންމެ ރެއަކު މުޒާހަރާ ދަނީ ކުރަމުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ބަޔަކު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެ އެވެ. ދެން ތިބި މީހުންގެ މައްޗަށް ފުލުހުން ކުރަނީ ރިޝްވަތު ހިފުމާއި ދިނުމުގެ ތުހުމަތާއި މާލޭގައި ރޯކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.
"އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަކިކުރަން ޖެހޭ"
ބަޣާވާތުގައި މުހިންމު އެއްޗަކީ ކަޅުފޮށި: އަބްދުއްރަހީމް
އުއްތަމަފަނޑިޔާރު ކަމަށް ޑީޑީ އައްޔަންކުރަން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރަކަށް ޑީޑީ އައްޔަން ކުރުން މިރޭ
ޖިނާއީ ތުހުމަތެއް އޮތުމަކުން އަމުރުތައް ބާތިލެއް ނުވާނެ
އަމުރު ނެރުނީ ފަނޑިޔާރުންނަށް އޮޅުވާލައިގެން: ދައުލަތް
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލަން ގޮވާލައިފި
ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލް ފާސްކޮށްފި
މުހިންމު ދެ ބިލް މަޖިލީހުން މިއަދު ފާސްކުރަނީ
ފަނޑިޔާރުން ވަކިކުރެވޭ ބިލް ކޮމިޓީން ފާސްކޮށްފި