Roadha Mihaaru

ގައުމީ ޓީމުގެ އެއްވެސް މަގާމަކުން ނުފެންނާނެ: ސާންތީ

ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވެސް މަގާމަކުން އޭނާ ނުފެންނާނެ ކަމަށާއި ގައުމީ ޓީމަށް ހަމަޖައްސާނީ ބޭރު ކޯޗެއް ކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

ގައުމީ ޓީމުގެ އެއްވެސް މަގާމަކުން ނުފެންނާނެ: ސާންތީ
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

11 މާޗް 2018

ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވެސް މަގާމަކުން އޭނާ ނުފެންނާނެ ކަމަށާއި ގައުމީ ޓީމަށް ހަމަޖައްސާނީ ބޭރު ކޯޗެއް ކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

ހުސްވެފައިވާ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް މި ހަފުތާގެ ތެރޭގައި ބިދޭސީ ކޯޗެއް ހަމަޖައްސާނެ ކަމަށް ބެލެވެ އެވެ. އެކަމަކު މި މަހު ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގައި ވަގުތީ ގޮތުން ޓީމަށް ކޯޗުކޮށްދޭނީ ސާންތީ ކަމަށް ވަނީ ވަރަށް ބޮޑަށް އަރުއަރައިފަ އެވެ.

ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އަދި 2003 ވަނަ އަހަރު ދެ ވަނަ ހޯދިއިރު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ސާންތީ "މިހާރަ"ށް ބުނީ ގައުމީ ޓީމުގައި އޭނާގެ ޗެޕްޓަރު ނިމިއްޖެ ކަމަށެވެ.

އަޅުގަނޑު އަށް އަހަރު ގައުމީ ޓީމުގައި މަސައްކަތްކޮށްފިން. އެންމެ ގިނަ ދުވަހު ބެންޗުގައި ހުރި މީހަކަށް ވާނެ. އެހެންވީމާ އެ ޗެޕްޓަރު އެއޮތީ ނިމިފައި. ދެން އަޅުގަނޑު ފެންނާނީ ފުޓްބޯޅައިގެ އެހެން ދިމަދިމާލުން،" ސާންތީ ބުންޏެވެ.

ކްލަބް އީގަލްސް އަށް ގިނަ ދުވަސްތަކެއް ކޯޗުކޮށްދިނުމަށް ފަހު މިދިޔަ އަހަރު އެފްއޭއެމްއާ ގުޅުމަށް ފަހު ވެސް ސާންތީ ބުނީ "ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ މަގާމަކަށް އައުމުގެ އެއްވެސް ޝައުގެއް ނެތް" ކަމަށާއި އެފްއޭއެމާ ގުޅުނީ ކުޅުންތެރިން އުފައްދަން ކަމަށެވެ. އެފްއޭއެމުން ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ދުރު ރާސްތާ ޕްލޭނާއަކާ އެކު ފަސް އަހަރު ދުވަހަށް ސާންތީއާ ހަވާލުކޮށްފަ އެވެ. އަދި އެ އެސޯސިއޭޝަނުން މުޅި ރާއްޖޭން ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ފަށާ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމް ކުރިއަށްގެންދަން ވެސް ސާންތީއާ ހަވާލުކޮށްފަ އެވެ.

ސާންތީ ބުނީ އޭނާ ގައުމީ ޓީމަށް އަތުވެދާނެތީ އެއްވެސް މީހަކު "ބިރުގަންނާނެ" ކަމެއް ނެތް ކަމަށާއި އެއްވެސް މަގާމަކަށް ނާންނާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ގައުމީ ޓީމުން ވަކިވުމަށް ފަހު ސާންތީ 2011 ވަނަ އަހަރު އީގަލްސްއާ ހަވާލުވެ ޒުވާން ކުޅުންތެރިން ގެނެސް ރަނގަޅު ޓީމެއް ބިނާކުރި އެވެ. އޭނާގެ އިރުޝާދުގެ ދަށުން އީގަލްސް އިން ވަނީ އެފްއޭ ކަޕް ފައިނަލުގައި އެއް ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ދެ ފަހަރު ކުޅެ އެއް ފަހަރު ތަށި ހޯދައިފަ އެވެ.