Roadha Mihaaru
ކެންޑީގެ ކާފިއު އުވާލައިފި

ކެންޑީގެ ކާފިއު އުވާލައިފި

10 މާޗް 2018

ކޮލަމްބޯ (މާޗް 10) - މުސްލިމުންނަށް އަމާޒުކޮށް ސްރީ ލަންކާގެ ފައްދުފަހަނަޅާފައިވާ ބުޑިސްޓުން އެންމެ ބޮޑަށް ހަމަލާ ދިން ކެންޑީގައި އިއުލާންކުރި ކާފިއު މިއަދު އުވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 10) - މުސްލިމުންނަށް އަމާޒުކޮށް ސްރީ ލަންކާގެ ފައްދުފަހަނަޅާފައިވާ ބުޑިސްޓުން އެންމެ ބޮޑަށް ހަމަލާ ދިން ކެންޑީގައި އިއުލާންކުރި ކާފިއު މިއަދު އުވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކާފިއު އުވާލި ނަމަވެސް ކެންޑީގެ މަގުތަކާއި މުސްލިމުންގެ އިމާރާތްތައް ބެލެހެއްޓުން ސަލާމަތީ ފަރާތްތަކުން ކުރިއަށް ގެންދާނެ ކަމަށެވެ. ކެންޑީގެ ކާފިއު އުވާލީ، ފުލުހުން ބުނި ގޮތުގައި، ހާލަތު މަޑުމަޑުން ހަމައަކަށް އެޅެން ފެށުމުންނެވެ.

މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ބުޑިސްޓުންގެ 150 އަށް ވުރެ ގިނަ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަމަލާގައި އެންމެ އިސްކޮށް އުޅުނު މީހުން ވެސް ހިމެނެ އެވެ. ފުލުހުން މިހާރު ވަނީ ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު އެނގޭ މީހެއް ނަމަ ފުލުހުންނަށް އެކަން އެންގުމަށް އެދިފަ އެވެ.

ބޮޑު ވަޒީރު ރަނިިލް ވިކްރަމަސިންހަ މިއަދު ވަނީ ކެންޑީ އަށް ވަޑައިގެންފަ އެވެ. އަދި ސުލްހަ ނަގާލަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ހަމަނުޖެހުންތަކުގައި ވަނީ ތިން މީހުން މަރުވެ މުސްލިމުންގެ 200 އަށް ވުރެ ގިނަ ތަންތަނަށް ގެއްލުން ދީފަ އެވެ. ގެއްލުން ދިން 11 މިސްކިތުގެ ތެރޭން ނުވަ މިސްކިތް ހުންނަނީ ކެންޑީގަ އެވެ.

ލަންކާގެ ހަމަނުޖެހުންތައް ބޮޑުވުމުން މިދިޔަ ހަފުތާގައި ވަނީ 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.