Roadha Mihaaru
މިނިވަން މެމްބަރުން ޕާޓީއަށް ވަނުމަށް ހުރަހެއްނެތް!

އިންތިހާބުވާ މިނިވަން މެމްބަރުން ޕާޓީއަކަށް ވަނުމަށް ބިލުގައި ހުރަހެއް ނެތް!

06 މާޗް 2018

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެންޓި ޑިފެކްޝަންގެ ބިލުގައި ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެންޓި ޑިފެކްޝަންގެ ބިލުގައި ބުނެފި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު، މަޖިލީހަށް ފޮނުއްވި ބިލުގައިވާ ގޮތުން އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެމްބަރަކު، އެ މެމްބަރު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެވޭނެ ކަމަށެވެ. އެކަމަކު، މިނިވަން މެމްބަރުން ޕާޓީއަކަށް ބަދަލުވުމަށް ފަހު، އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ގައި ބޭއްވި ޖަލްސާގައި ނިހާން(ކ-3) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ޕީޕީއެމްގެ "ރުމާލު 2" ގައި ބޭއްވި ޖަލްސާގައި ނިހާން(ކ-3) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އެގޮތުން އެ މެމްބަރުން ވެސް ޕާޓީގެ މެމްބަރު ކަމުން ވަކި ކުރުމުންނާއި ޕާޓީގެ މެމްބަރު ކަމުން އަމިއްލައަށް ވަކިވުމުންނާއި އެހެން ޕާޓީއެއްގެ މެމްބަރަކަށްވުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަން ކަށަވަރުކުރުމާއެކު، މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއް ކަމަށް ހެދުމަށް ކަމަށެވެ.

މީގެއިތުރުން މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ އަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށްވެއްޖެނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއުތައް ބަޔާން ކުރުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

މި ބިލުގެ މަގްސަދުގެ ތެރޭގައި މެމްބަރުން ރައްޔިތުންނަށް ޖަވާބުދާރީކުރުވުމާއި މެމްބަރުންނަކީ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބުމަށް ބާރު އެޅުން ހިމެނެ އެވެ. އަދި މަޖިލީހަކީ ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއް ކަމަށް ހެދުމާއި ގޮނޑި ގެއްލޭ މެމްބަރުންނަށް ބައި އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު ލިބިދީފައިވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

ބިލުގައި ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތްތައް:

- ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު، ޕާޓީން އަމިއްލައަށް ވަކިވުން

- ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު، އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުން

- ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު، ޕާޓީގެ މެމްބަރު ކަމުން ވަކިކުރުމުން

ބިލުގައި ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ ހާލަތްތައް:

- މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވުމަށްފަހު، ސިޔާސީ ޕާޓީއަކާ ގުޅުމުން

- ސިޔާސީ ޕާޓީގެ ވިޕްލައިނާ މެމްބަރަކު ލައިނާ ހިލާފުވުމުން

- މެމްބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އެޅުމުން

ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ބިލުގައި ބުނި ގޮތުގައި މި ބިލުގެ މަގްސަދު ހާސިލް ކުރުމަށް ހަދަން ޖެހޭ އެންމެހާ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލަން ވާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އަދި ގަވައިދުތައް މި ބިލަށް އަމަލު ކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލަށް އަމަލު ކުރާނީ، ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ބިލު ފާސްވެއްޖެނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގައި މެމްބަރަކު ޕާޓީން ވަކި ކުރިޔަސް، ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ މާއްދާ އުވިގެން ދާނެ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ފުރަތަމަ ކަނޑައެޅީ މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުންނެވެ. ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އެގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އޭރު ޕީޕީއެމުން ވަކިވެފައި ތިބި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ.

އެގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުގައިވެ އެވެ.

އެ އަމުރު އެގޮތަށް ނެރެފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރުން ފަހުން ވަނީ އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އެގޮތަށް އަމުރެއް ނެރުނީ ކުރީގެ އަމުރުގެ އެ ބައި ބާތިލްކުރަން ދައުލަތުން ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލާގައި ގޮތެއް ނިންމެންދެނެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ނިހާނު ފޮނުއްވި އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިއުން ވެސް އިއްވާނެ އެވެ.