Roadha Mihaaru
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލް ވައްދައިފި

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލް މަޖިލީހަށް ވައްދައިފި

05 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެންޓި ޑިފެކްޝަންގެ ބިލް ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެންޓި ޑިފެކްޝަންގެ ބިލް ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ދެންމެ ކުރެއްވި ޓްވީޓެއްގައިވަނީ ސަރުކާރު ކޯލިޝަންގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭނާ ކަމަށެވެ.

އެ ބިލުގައިވާ ގޮތުން އެ ބިލަކީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ބިލެކެވެ. އަދި އެފަދަ ގޮތަކަށް ގޮނޑިއެއް ހުސްވެއްޖެ ނަމަ ބައި އިލެކްޝަން ބޭއްވުމުގެ އިޖްރާއާތުތައް ބަޔާން ކުރުމަކީ ވެސް އެ ބިލުގެ މަގްސަދެކެވެ. އެހެން ނަމަވެސް، ނިހާން ކުރެއްވި ޓްވީޓްގައި ބުނެފައިވާ ވަރަށް ވުރެ މި ބިލާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ނުލިބުނެވެ.

މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ފުރަތަމަ ކަނޑައެޅީ މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކުންނެވެ. ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އެގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އޭރު ޕީޕީއެމުން ވަކިވެފައި ތިބި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ.

އެގޮތަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށާއި އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

އެ އަމުރު އެގޮތަށް ނެރެފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރުން ފަހުން ވަނީ އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އެގޮތަށް އަމުރެއް ނެރުނީ ކުރީގެ އަމުރުގެ އެ ބައި ބާތިލްކުރަން ދައުލަތުން ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލާގައި ގޮތެއް ނިންމެންދެނެވެ.