Roadha Mihaaru
"މޮޔައަކަށް ވުރެ ހުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު"

އިންތިހާބުކުރާ މޮޔައަކަށް ވުރެ ބައެއް ފަހަރު ހުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު: ނިހާން

08 މާޗް 2018

ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން އިންތިހާބު ކުރާ "މޮޔައަކަށް ވުރެ" ބައެއް ފަހަރު ޚުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު ކަމަށް ވިދާޅުވެ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރަށް، ވިލިމާލޭ މެމްބަރު އަހުމަދު ނިހާން މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން އިންތިހާބު ކުރާ "މޮޔައަކަށް ވުރެ" ބައެއް ފަހަރު ޚުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު ކަމަށް ވިދާޅުވެ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރަށް، ވިލިމާލޭ މެމްބަރު އަހުމަދު ނިހާން މިއަދު ރައްދު ދެއްވައިފި އެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އެގޮތަށް ވިދާޅުވީ އިންތިހާބުގެ ތެރެއިން ބާރު ހޯއްދެވުމަށް ފަހު މުޅި ނިޒާމް ބަދަލުކޮށްލާ ހުދުމުހުތާރު ވެރިންނަށް ނިހާން މަގު ފަހިކޮށްދެއްވާ ކަމަށް އިޝާރާތް ކުރައްވައި، ނިޒާރު ޓްވީޓެއް ކުރެއްވުމުންނެވެ.

ދެ މެމްބަރުންގެ ޓުވީޓްގައި ވެސް ވަކި ބޭފުޅެއްގެ ނަމެއް ނުގެންނަވަ އެވެ. އެކަމަކު ނިޒާރުގެ އަމާޒަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ބެލެވެ އެވެ. އަދި ނިހާން އޭގެ ރައްދުގައި ތީރު ޖެއްސެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ލަފާކުރެވެ އެވެ.

އެމްޑީޕީ މެމްބަރުގެ ޓުވީޓްގައި ވިދާޅުވި ގޮތުގައި ހުދުމުހުތާރު ވެރިން ބާރު ހޯއްދަވަނީ އިންތިހާބުތަކަށް ފަހު އެވެ. ނަމަވެސް އިންތިހާބުވުމާ އެކު، އޭނާ އަށް އެހެން ބަޔަކަށް ޗެލެންޖް ނުކުރެވޭނެކަން ކަށަވަރުކުރަން ސިޔާސީ މުޅި ނިޒާމު ބަދަލުކޮށްލަ އެވެ.

އޭގެ ތެރޭގައި މިނިވަން އިންތިހާބެއް ކެންސަލްކުރާ ހަމައަށް އިދިކޮޅު ހަރަކާތްތައް ހުއްޓުވުން ހިމެނޭ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

"އެ މަގަށް އަހުމަދު ނިހާން ގެންދަވަނީ އެހީތެރިވަމުންނެވެ،" އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގައި ނިޒާރު ލިއުއްވި އެވެ.

ނިޒާރު ރޭ ކުރެއްވި ޓުވީޓު.

އެ ޓްވީޓަށް އިނގިރޭސި ބަހުން ނިހާން ރައްދު ދެއްވަން "ޓެރަރިސްޓުން"، "ގައްދާރުން" އަދި "ލާދީނީ އެޖެންޓުން" ފަދަ ބަސްތައް ބޭނުންކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ޓެރަރިސްޓުންނާއި ގައްދާރުންނާއި ލާދީނީ އެޖެންޓުންގެ ފަރާތުން މުސްލިމް ދިވެހިރާއްޖެ ސަލާމަތްކުރަން ކޮންމެ މަސައްކަތެއް ވެސް ކުރައްވަން ލޯބިކުރައްވާ ކަމަށެވެ.

ނިހާނު ރޭ ކުރެއްވި ޓުވީޓު.

"ޑިމޮކްރެޓިކް އުސޫލުތަކުން އިންތިހާބުކުރާ މޮޔައަކަށް ވުރެ، ބައެއް ފަހަރަށް، ގައުމު ދިފާއުކޮށްދޭނެ ހުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅެވެ،" ނިހާން ވިދާޅުވި އެވެ.

ނިހާނާ ދެކޮޅަށް ނިޒާރު ޓްވީޓް ކުރެއްވީ، ބެލެވޭ ގޮތުގައި، ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޭނާ ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ ބިލާ ގުޅިގެންނެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ ވަނީ އިއްވައިފަ އެވެ. އަދި އަންނަ ހަފުތާގައި ބަހުސް ފަށާނެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ އެންގެވުމަށް ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުން ހައްޔަރުކުރާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވެފަ އެވެ. އަދި މިހާރު ގައުމު ހިންގަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް، ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ކަމަށް ވެސް އިދިކޮޅު ބޭފުޅުން ވިދާޅުވެ އެވެ.

އެންޓި ޑިފެކްޝަން ބިލާ ގުޅިގެން ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވެސް ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެކަމަކު ނިހާން ރޭ "މިހާރު" އަށް ވިދާޅުވީ ބިލު ފާސްކުރާނީ އެ ހިޔާލު ތަފާތުވުމަށް ފަރުވާ ހޯދައިގެން ކަމަށެވެ.