Roadha Mihaaru
ހާބަރު ފުޑް ކޯޓުގެ ބިޑް 19 ފަރާތަކުން ކާމިޔާބުކޮށްފި

އާ ހާބަރުގެ ފުޑް ކޯޓުގެ ބިޑް 19 ފަރާތަކުން ކާމިޔާބުކޮށްފި

05 މާޗް 2018

ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އަލަށް ހެދި ފުޑް ކޯޓަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 19 ފަރާތަކުން ބިޑް ކާމިޔާބުކޮށްފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އަލަށް ހެދި ފުޑް ކޯޓަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 19 ފަރާތަކުން ބިޑް ކާމިޔާބުކޮށްފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ފުޑް ކޯޓުތައް ހެދި އެސްޓީއޯގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އަލަށް ހެދި 26 ފުޑް ކޯޓު ކުއްޔަށް ދޭން ޖެނުއަރީ މަހު އިއުލާންކުރުމުން ބިޑް ހުށަހެޅީ 22 ޔުނިޓަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެވޯޑް ނޮޓިފިކޭޝަން ފޮނުވާފައިވާ 19 ފަރާތަކާ އެކު ކުރިޔަށް އޮތް ހަފުތާގައި އެގްރިމަންޓްގައި ސޮއިކުރަން ފެށޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ކުއްޔަށް ދޭން ބިޑަށް ހުޅުވާލި ތަންތަނުގެ ތެރެއިން ބިޑް ހުށަހަޅާފައިނުވާ ހަތަރު ތަނެއް ދެވަނަ ފަހަރަށް އިއުލާންކުރުމުން އެ ތަންތަނަށް ވެސް ބިޑް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހަތަރު ޔުނިޓަށް ވެސް ހުށަހެޅި ބިޑްތައް އިވެލުއޭޓްކޮށް ނިންމައި ހަވާލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޑްކޯޓުގެ 26 ޔުނިޓްގެ ތެރެއިން އަމީނީމަގާވީ ފަޅީގައި ހަދާ ދެ ބްލޮކް ނިމި، މިހާރު ވަނީ އެތަނުގެ ލޭންޑް ސްކޭޕިންގެ މަސައްކަތް ފަށައިފަ އެވެ. އަދި އެ މަސައްކަތް މިމަހު ނިންމައި އޮޕަރޭޝަން ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އިއްޒުއްދީން މަގާވީ ފަޅީގައި ހަދާ ދެ ބްލޮކްގެ އަމަލީ މަސައްކަތް އަންނަ މަހު ނިންމައި މެއި މަހު އޮޕަރޭޝަން ފެށޭނެ ކަމަށެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ. އެ ތަނުގެ އަކަފޫޓެއް ކުއްޔަށް ދޭން ނިންމީ 53ރ. ގެ ރޭޓުންނެވެ. އަދި އެތަނުގެ ޔުނިޓެއް ކުއްޔަށް ދެނީ ފަސް އަހަރަށެވެ. އޭގެ އިތުރުން ތިން މަސްދުވަހުގެ ކުލި އެއް ފަހަރާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ކުލީގެ މުއްދަތަށް ބަހާލައިގެން މަހަކަށް ޖެހޭ މިންވަރުން އުނިކުރެވެ އެވެ.

އާ ހާބަރުގައި ސަރަހައްދުގައި ހަދާ ކެފޭތަކުގެ މަސައްކަތްކުރަނީ ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އެ ތަނުގެ 13 ކެފޭއެއްގެ މަސައްކަތެވެ.

ކުރިން އަމިއްލަ މީހުން ހިންގި ކެފޭތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016 ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު ހުޅުވާ ގޮތަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެ ނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.