Roadha Mihaaru
ފުޑްކޯޓުގެ ކެފޭއެއްގެ ކުއްޔަކީ އަކަފޫޓެއް 53ރ.

ފުޑްކޯޓުގެ ކެފޭއެއްގެ ކުއްޔަކީ އަކަފޫޓެއް 53ރ.

07 ޖެނުއަރީ 2018

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ކެފޭތައް އަލުން ބިޑަށް ހުޅުވާލިއިރު، އަކަފޫޓެއް 53ރ. ގެ ރޭޓުން ކުއްޔަށް ދޭން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ކެފޭތައް އަލުން ބިޑަށް ހުޅުވާލިއިރު، އަކަފޫޓެއް 53ރ. ގެ ރޭޓުން ކުއްޔަށް ދޭން ނިންމައިފި އެވެ.

އެސްޓީއޯއިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީ ކުރާ 26 ކެފޭ ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ހުށަހަޅާއިރު 100،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ވެސް ހުށަހަޅަންޖެހެ އެވެ.

އެސްޓީއޯއިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ.

އެ ކެފޭތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރެވެނީ އިއްޒުއްދީން މަގާވީ ފަޅީގައި ހުންނަ 12 ތަނެއްގައި އެކަންޏެވެ.

އެސްޓީއޯއިން ބުނީ ކެފޭތަކުގެ ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް ތިން މަސް ދުވަހުގެ ސެކިއުރިޓީ ޑިޕޮޒިޓް ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެ އެވެ.

އެސްޓީއޯއިން ވަނީ އާ ހާބަރު ސަރަހައްދުގެ ކެފޭތަކުގެ ތެރެއިން އަމީނީމަގާ ވީ ފަޅީގެ ކެފޭތައް ކުއްޔަށް ދޭން މިދިޔަ މަހު ބިޑަށް ހުޅުވާލުމަށް ފަހު، އެކަށީގެންވާ ތަރުހީބެއް ނުލިބިގެން ކަމަށް ބުނެ ކެންސަލްކޮށްފަ އެވެ. މިއީ އެ ކުންފުނިން އެ ކެފޭތައް ބިޑަށް ހުޅުވާލި ދެވަނަ ފަހަރެވެ.

ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ދެވަނަ ވިންގް މި މަހުގެ 31 ގެ ނިޔަލަށް ނިންމާނެ ކަމަށް އެސްޓީއޯއިން ކުރިން ބުނެފައިވެ އެވެ.

ސިފައިންގެ ތެރޭގައި އޮންނަ ވެލްފެއާ ކުންފުނި ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގައި ހަދަނީ 13 ކެފޭ އެވެ.

ހާބަރުގެ ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސް ވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016 ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު، އަލުން ހުޅުވާ ގޮތަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.