Roadha Mihaaru
ކުޑަކުދިން އަވަހަށް ނިންދެވުމުގެ ފައިދާ އެހެން ގޮތަކަށް

ކުޑަކުދިން އަވަހަށް ނިންދެވުމުގެ ފައިދާ އެހެން ގޮތަކަށް

19 ޖުލައި 2016

ޕްރީސްކޫލްގައި އުޅޭ އުމުރުގެ ކުދިން އަވަހަށް ނިދަން ފޮނުވުމަކީ އެ ކުދިންގެ ކިޔެވުމަށް ފައިދާކުރާ ކަމެއްގެ ގޮތުގައި މީގެ ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައިވެ އެވެ. މިފަހަރު މިއީ އެހެން ފައިދާއެއްގެ ވާހަކަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޕްރީސްކޫލްގައި އުޅޭ އުމުރުގެ ކުދިން އަވަހަށް ނިދަން ފޮނުވުމަކީ އެ ކުދިންގެ ކިޔެވުމަށް ފައިދާކުރާ ކަމެއްގެ ގޮތުގައި މީގެ ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައިވެ އެވެ. މިފަހަރު މިއީ އެހެން ފައިދާއެއްގެ ވާހަކަ އެވެ.

އޮހާޔޯ ސްޓޭޓް ޔުނިވަސިޓީ ކޮލެޖުން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ ޕްރީސްކޫލަށް ދާ އުމުރުގެ ކުރިން އަވަހަށް ނިދާ ނަމަ އެ ކުދިން ބޮޑުވެ ފުރާވަރަށް އަރާއިރު އެކަށީގެންވާ ވަރަށް ވުރެ ބަރު ނުވަތަ ފަލަ ވުމުގެ ފުރުސަތު ކުޑަވެގެންދާ ކަމަށެވެ.

މި ދިރާސާކުރުމަށް ސައިންސްވެރިން ވަނީ ޕްރީސްކޫލަށް ދާ އުމުރުގެ ކުދިންގެ ތެރެއިން، ރޭގަނޑު 8:00 ގައި ނިދާ ކުދިންނާއި އޭގެ އެއްގަޑިއިރު ފަހުން ނިދާ ކުދިންގެ ސިއްހަތަށް، އެ ކުދިންގެ ދޮށީ އުމުރުގައި ކުރާ އަސަރު ދެނެގެންފަ އެވެ. މި ބެލުންތަކުން އެނގުނު ގޮތުގައި އެއްގަޑިއިރު ފަހުން ނިދި ކުދިންނަށް، އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުގެ ފުރުސަތު ދެ ގުނަ އިތުރެވެ.

"މިއީ ކުދިން ނިންދަވަން ވަކި ވަގުތެއް ކަނޑައަޅާފައި ބޭއްުވުމުން މުހިންމުކަން މައިންބަފައިންނަށް އިތުރަށް ކަށަވަރުކޮށްދިން ދިރާސާއެއް،" ދިރާސާގައި އިސްކޮށް ހުންނެވި އެސޯސިއޭޓް ޕްރޮފެސަރު ސާރާ އެންޑާސަން ވިދާޅުވެފައިވެ އެވެ.

މިއީ ސާރާ ވިދާޅުވި ގޮތުގައި އާއިލީ ސިއްހަތަށްޓަކައި އާއިލާތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ. މީގެ އިތުރުން، އަވަހަށް ނިދުމުން ކުޑަކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމުން ފައިދާކުރާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އުމުރުން ހަތަރު އަހަރުގައި އެ ކުދިން ރޭގަނޑު ނިދާ ވަގުތާއި އެ ކުދިންގެ އުމުރުން 15 އަހަރުގައި ބަރުދަން ހުރި މިންވަރު ބަލައިފަ އެވެ. މިގޮތަށް ބެލުމުން އެނގުނީ އުމުރުން 15 އަހަރު ފުރުނުއިރު މާ ބަރުކޮށް ތިބުމުގެ ފުރުސަތު ލަހުން ނިދި ކުދިންގެ މެދުގައި 16 ޕަސެންޓަށް އޮތް ކަމަށެވެ. އެކަމަކު އަވަހަށް ނިދި ކުދިންގެ މެދުގައި މި ނިސްބަތް އޮތީ 10 ޕަސެންޓުގަ އެވެ. މިއީ 8-9 އާ ދެމެދުގައި ނިދި ކުދިންނެވެ. އެކަމަކު 9:00 ގެ ފަހުން ނިދި ކުދިންގެ މެދުގައި މި ނިސްބަތް 23 ޕަސެންޓަށް މައްޗެވެ.

ދިރާސާ ޓީމުން ބުނެފައި ވަނީ ކުޑަކުދިން ނިންދެވުމުގެ އާދަ ވަކި ގޮތަކަށް ހަރުލެއްވުމަށް ސަމާލުކަން ދޭންޖެހޭކަން މި ދިރާސާއިން އެނގޭ ކަމަށެވެ.