06 މާޗް 2018
ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްއެއްގެ ޖެނެރަލް މެނޭޖަރާ އެކު ކޮފީއެއްގައި އިންދާ އެތަނުގެ ބޭރު މުވައްޒަފަކު އައިސް އެހީ މި މަހުގެ މުސާރަ ޖަމާވަނީ ކޮން އިރަކުންތޯ އެ؟ އެ ވަގުތު ޖެނެރަލް މެނޭޖަރު ޖަވާބު ދިނެވެ: "މި މަހު މުސާރަ ދެވޭނީ އަދި ތަންކޮޅެއް ފަހުން. މުސާރަ ދެވޭތޯ މަސައްކަތްކުރަމުން މި އަންނަނީ."
ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްއެއްގެ ޖެނެރަލް މެނޭޖަރާ އެކު ކޮފީއެއްގައި އިންދާ އެތަނުގެ ބޭރު މުވައްޒަފަކު އައިސް އެހީ މި މަހުގެ މުސާރަ ޖަމާވަނީ ކޮން އިރަކުންތޯ އެ؟ އެ ވަގުތު ޖެނެރަލް މެނޭޖަރު ޖަވާބު ދިނެވެ: "މި މަހު މުސާރަ ދެވޭނީ އަދި ތަންކޮޅެއް ފަހުން. މުސާރަ ދެވޭތޯ މަސައްކަތްކުރަމުން މި އަންނަނީ."
އެ ގެސްޓް ހައުސްގެ އޮކިއުޕެންސީ މިދިއަ މަހު 10 އިން ފެށިގެން ދަށްވަމުން ދިއުމުގެ ސަބަބުން މި މަހުގެ މުސާރަ އާއި ކުލި ދައްކަން ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މި ހުރިހާ މައްސަލައެއް ދިމާވެގެން މި އުޅެނީ ފެބްރުއަރީ 5 ގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުންނެވެ.
"ކުއްލި ހާލަތު އިއުލާންކުރުމުގެ ކުރިން މިތަން އޮތީ މުޅި މަހަށް ބަލާއިރު 90 ޕަސެންޓް ފުލްވެފައި. ނަމަވެސް ފެބްރުއަރީ ފަސް ވަނަ ދުވަހުން ފެށިގެން ބުކިންތައް ކެންސަލްވަމުން ގޮސް މަސް ނިމުނުއިރު 40 ޕަސެންޓަށް ވެއްޓުނު. އެހެންވެ ހަދާނެ ގޮތެއް ނެތިގެން މިއުޅެނީ،" ނަން ނުޖަހަން އެދި ވާހަކަ ދެއްކި ޖެނެރަލް މެނޭޖަރު ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް ކުއްޔާއި މުސާރަ އަދި ޓެކްސްތައް ދައްކަން އެބަ ޖެހޭ."
މާލެ އައި ޓޫރިސްޓުންތަކެއް މިދިޔަ މަހު ޖުމްހޫރީ މައިދާން ކައިރީގައި މަޑުކޮށްލައިގެން: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ޓޫރިޒަމް އިންޑަސްޓްރީއަށް މިލިއަން ޑޮލަރުގެ ގެއްލުން ދަނީ ލިބެމުން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
ސިޔާސީ މަސްރަހު ހަލަބޮލިވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މައި ތަނބު ކަމަށްވާ ޓޫރިޒަމަށެވެ. ހުޅުމާލެ އާއި އެކި ރަށްރަށުގައި ހިންގާ ގިނަ ގެސްޓް ހައުސްތަކާއި ގިނަ ރިސޯޓުތަކުގެ އޮކިއުޕަންސީ ވަރަށް ބޮޑަށް ދަށްވެ، މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ޓޫރިޒަމް އިންޑަސްޓްރީއަށް ލިބުނު އެންމެ ބޮޑު ގެއްލުމަށް ވާނެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު ބޭރުގެ ބޮޑެތި މީޑިއާތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ގެނެސްދިން ހަބަރުތަކާ ގުޅިގެން އެ ދުވަހުން ފެށިގެން ދުވާލަކު އެތައް ސަތޭކަ ބުކިންއެއް ކެންސަލްވާން ފެށީ އެވެ. ހާއްސަކޮށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން ރާއްޖެއަށް ދަތުރު ނުކުރަން ގޮވާލުމުން އޭގެ ނޭދެވޭ އަސަރު ކުރިލެއް ބޮޑެވެ.
ޓޫރިޒަމް އިންޑަސްޓްރީއަށް ލިބޭ ގެއްލުމަކީ މުޅި ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުމެކެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ ލިބޭ ދާއިރާއަށް މިލިއަން ޑޮލަރުން ގެއްލުންވުމުން، އޭގެ ނޭދެވޭ އަސަރު ދައުލަތަށާއި އާއްމުންނަށް ވެސް ކުރާނެ އެވެ. ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ މަދުވެ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެ އެވެ.
ގިނަ ރިސޯޓުތަކުން މިހާރު ވެސް ވަނީ ހަރަދު ކުޑަކުރަން ތަފާތު ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެގޮތުން މުވައްޒަފުން ނޯޕޭގެ އުސޫލުން ފޮނުވާލުމާއި ތަޖުރިބާ ކުޑަ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ފަދަ ފިޔަވަޅުތައް ބައެއް ރިސޯޓުތަކުން އެބަ އަޅަ އެވެ. ހަމަ އެގޮތަށް ހޮޓާ، ގެސްޓް ހައުސް ފަދަ ތަންތަނުން ވެސް ދަނީ އެފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ އެންމެ ބޮޑު ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އިސް ބޭފުޅަކު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހަލާތު އިއުލާންކުރުމާ ގުޅިގެން ވަރަށް ގިނަ ބުކިން ކެންސަލްވަމުން ދާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
"އެންމެ ބޮޑު ގެއްލުމެއް ލިބެނީ ހައި އެންޑް ރިޒޯޓްތަކަށް. ހުރިހާ ފެންވަރެއްގެ ރިސޯޓް، ހޮޓާތަކަށް އެބަ އަސަރުކުރޭ. އެންމެ ގިނައިން ކެންސަލްކުރަނީ އިންޓަނެޓް މެދުވެރިކޮށް ހަދާ ބުކިންތައް. ޓުއަ އޮޕަރޭޓަރުން މެދުވެރިކޮށް ހެދި ބުކިންތައް ކެންސަލްވާ މިންވަރު މަދު،" އޭނާ ވިދާޅުވި އެވެ.
މަޓީގެ އޮފިޝަލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށް ކުރަމުންދާ އަސަރު ކުރިޔަށް އޮތް ތަނުގައި އަދި ބޮޑުވާނެ ކަމަށެވެ.
"ކުރިޔަށް އޮތް މަސްތަކަށް ހަދާފައި ހުރި ބުކިންތައް ދަނީ ކެންސަލްވަމުން. އެހެންވީމަ މީގެ އަސަރު ބޮޑަށް ފެންނަން ފަށާނީ މަހެއް ދެ މަހެއް ވަރު ފަހުން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ މިކަމުން އަވަހަށް އަރައިގަނެވޭތޯ ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން."
އެ އޮފިޝަލް ވިދާޅުވީ ބުކިންތައް ކެންސަލްވަމުންދާ މިންވަރު މިވަގުތު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުން ނުފެންނާނެ ކަމަށެވެ.
ރިސޯޓެއް ޖެޓީ މަތިން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ޓޫރިޒަމްގެ ހައި ސީޒަންގައި.
"އެކަން ފެނިގެންދާނީ ކުރިޔަށް އޮތް މަސްތަކުގައި. މި ދުވަސްވަރު ބުކިންތައް ކެންސަލްކުރަނީ ނިސްބަތުން ވަރަށް މަދު ބައެއް. ޗައިނާ އިން މަދުކުރި ނަމަވެސް ޔޫރަޕުން އެހާ ގިނަ ކެންސަލޭޝަނެއް ނާދޭ. ޔޫރަޕްގެ ކެންސަލޭޝަން ލިބެން އެފެށި އަދި،" އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާތީ، އެ ހާލަތު އުވާލުމަށް ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ އެކި ޖަމިއްޔާތަކުގެ އިތުރުން ބޭރުގެ ބޮޑެތި ޖަމާއަތްތަކުން ގޮވާލި ނަމަވެސް އެކަމަށް ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ. އޭގެ ބަދަލުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.
ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ބޮޑު އެއް ކުންފުނި، ވިލާ ހޮޓެލްސްގެ އޮފިޝަލަކު ދާދި ފަހުން ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ އެ ކުންފުނީގެ ރިސޯޓްތަކުން ދުވާލަކު 50 އާއި 60 އާ ދެމެދުގެ އަދަދަކަށް ރޫމް ކެންސަލްވަމުން އަންނަ ކަމަށެވެ. އެ ކުންފުނިން ފަސް ރިސޯޓެއް ހިންގަ އެވެ.
ރާއްޖޭގެ އުތުރުގައި ހިންގާ މަތީ ފެންވަރު ރިސޯޓެއްގެ އޮފިޝަލަކު ވިދާޅުވީ ހައި ސީޒަންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ހީނުކުރާވަރުގެ ގެއްލުމެއް ލިބެމުން ދާ ކަމަށެވެ.
"މިދިޔަ މަހުގެ ހަތެއްގައި މި ރަށް އޮތީ ފުލްވާ ގޮތަށް. ނަމަވެސް ފަސްވަނަ ދުވަހު ކުއްލި ހާލަތު އިއުލާންކުރުމުން ވަގުތުން ބުކިންތައް ކެންސަލްވެ ދުވާލަކު އެތައް ހާސް ޑޮލަރެއް ދަނީ ގެއްލުންވަމުން. މި ކަން ދިގު ދަންމާ ނަމަ އިންޑަސްޓްރީ ފުނޑުމުގެ ބިރު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއިރު ޗައިނީސް ނިއު އިޔާ ފާހަގަކުރަން އެތައް ހާސް ބަޔަކު އަންނަން އޮތީ ބުކިން ހަދައިފަ އެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެތައް ސަތޭކަ ބުކިންއެއް ކެންސަލްވަމުން ދާ ކަމަށް ޗައިނާގެ ބައެއް ޓްރެވަލް އެޖެންޓުންނާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ. އިންޑިއާގެ ބައެއް އެއާލައިންތަކުން ވަނީ ޓޫރިސްޓުންނަށް ދަތުރު ފަސްކުރަން ނުވަތަ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މީގެ ދެ އަހަރު ކުރިން 2015 ގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން އޭރު ހަ ޕަސެންޓްގައި ކުރިއަރަމުން އައި އިންޑަސްޓްރީ 2.8 ޕަސެންޓަށް ވެއްޓި، އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.
މި ފަހަރު އެ ގެއްލުން ނިސްބަތުން މާ ބޮޑުވާނެ އެވެ. އެކަމަކު ޓޫރިޒަމްގެ މި ހާލަތުން އަރައިގަނެވެން އޮތީ ސަރުކާރުން ވެސް ގޮތްދޫކޮށްގެންނެވެ. ސުވާލަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ އެ ހިތްވަރު ނުވަތަ ގައުމު އިސްކުރުމުގެ ހަގީގީ ލޯބި އެބަ އޮތް ހެއްޔެވެ؟
މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވެނީ ރޭގަނޑު
މަޓީން ބުނަނީ މިއަހަރު ޓޫރިސްޓުން ނާންނާނެއޭ: ނަޝީދު
ރިސޯޓްތަކާއި އެއާޕޯޓަށް ބާރު ބޮޑުވެއްޖެ
އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓަަކަށް ވެލާނާ އެއާޕޯޓް
އިމަޖެންސީއާ ގުޅިގެން ބުކިންތައް ކެންސަލްކުރަން ފަށައިފި
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް