18 ފެބުރުއަރީ 2018
ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ އަތުގައި ޑިގްރީއެއް އޮތުން މަޖުބޫރުކޮށް، ހޯމް މިނިސްޓްރީން އަލަށް ނެރުނު ގަވައިދު ގަބޫލު ނުކުރެވޭ ކަމަށާއި އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ އަތުގައި ޑިގްރީއެއް އޮތުން މަޖުބޫރުކޮށް، ހޯމް މިނިސްޓްރީން އަލަށް ނެރުނު ގަވައިދު ގަބޫލު ނުކުރެވޭ ކަމަށާއި އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިދިޔަ މަހު 30 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ، "ނޫސް މަޖައްލާ އާއި މި ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"ގައިވާ ގޮތުން ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭނީ ނޫސްވެރިކަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށް، އޭގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާ އިން ފަސް އަހަރުގެ ތަޖުރިބާ ހުންނަ މީހަކަށެވެ. އަދި ޝަރުތު ހަމަނުވާ އެޑިޓަރުން ތިބި ނަމަ، ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެޑިޓަރުން ބަދަލު ކުރުމަށް އެ މިނިސްޓްރީން އަންގާފައިވެ އެވެ.
އެމްއެމްސީގެ މެމްބަރަކު ވިދާޅުވީ މިނިސްޓްރީގެ މި ގަވައިދާ މެދު އެ ކައުންސިލުން ކަންބޮޑުވާ ކަމަށާއި ގަވައިދު ބަދަލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ނޫސްވެރިކަމާއި ގުޅުން ހުރި ދާއިރާތަކުން ޑިގްރީ ނަގާފައިވާ މީހުންގެ އަދަދު މަދުވުމާއި އެ ފަދަ މީހުންގެ ތަޖުރިބާ ނެތުމެވެ. އެހެންވެ، ޑިގްރީއެއް ނެތް ކަމަށް ބުނެ، މިހާރު ތިބި އެޑިޓަރުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ މި ގަވައިދާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އަންނަ ބުދަ ދުވަހަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި މި މައްސަލައިގައި ދެން އަމަލު ކުރަންވީ ގޮތް އެނގޭނީ އެ ބައްދަލުވުމަށް ފަހުގައި ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ނޫސްވެރިން: އަލަށް ކަނޑައެޅި އެޑިޓަރުންގެ ޝަރުތުތަކާމެދު ގިނަ ނޫސްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
އެމްއެމްސީގެ މެމްބަރު އަދި ވީޓީވީގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު ވިދާޅުވީ އެޑިޓަރުންގެ ޝަރުތާ ގުޅޭ ގޮތުން ގަވައިދުގައިވާ މާއްދާ ބާތިލް ކުރަން ކޯޓަށް ވެއްދުމަށް، ކައުންސިލްގެ ބައްދަލުވުމުގައި އޭނާ ހުށަހަޅުއްވާނެ ކަމަށެވެ.
"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނުވަތަ މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލުމަށް މި ފަދަ [ތައުލީމީ] ޝަރުތެއް ބޭނުމެއް ނުވޭ. އެއީ އެންމެ މުހިއްމު މީހުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ނޫސްތަކުގެ އެޑިޓަރުންނަށް ވެސް މި ޝަރުތު އޮންނަން ޖެހޭނީ ހަމަ އެއް ހަމައަކުން،" ރިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޑިޓަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ޑިގްރީއެއް އޮތުން ނުވަތަ ފަސް އަހަރުގެ ތަޖުރިބާ ހުރުން ގަބޫލު ކުރެވޭ ކަމަށާއި އެކަމަކު މައްސަލައަކީ ޑިގްރީއަކާއެކު އެހާ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވުން ކަމަށެވެ.
އެމްއެމްސީގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވީ މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މެމްބަރުން ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނީ އެ ކައުންސިލްގެ ގާނޫނީ ވަކީލުގެ ލަފާ ހޯދުމަށް ފަހުގައި ކަމަށެވެ.
ހޯމް މިނިސްޓްރީގެ ގަވައިދާ މެދު ރާއްޖޭގެ ބޮޑެތި ބައެއް ނޫސްތަކުގެ އެޑިޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ސަން އޮންލައިންގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ އެޑިޓަރުގެ މަގާމަށް ޝަރުތުތަކެއް ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް ތަޖުރިބާގެ އިތުރުން ޑިގްރީއެއް އޮތުން ޝަރުތު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި މި ދާއިރާގައި ލިބޭ ތަޖުރިބާއަކީ ވެސް ޑިގްރީއަށް ދޫކުރާނެ އެއްޗެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އިން ޑިގްރީ ހާސިލްކޮށްފައިވަނީ ވަރަށް މަދު މީހަކަށް ވެފައި، އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ބޮޑު ބަދަލެއް ގެނައުމަކީ ނޫސްތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެއްވެސް ކަހަލަ ބޭސިސްއެއް އޮވެގެން ނިންމި ނިންމުމެއް ނޫން. މިއީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ނޫސްތަކަށް ސީރިއަސް ޗެލެންޖުތަކެއް ދިމާވާނެ ކަމެއް،" ނޫސްވެރިކަމުގެ ދާއިރާ އިން އާއްމު ހިދުމަތުގެ އިނާމު ހޯއްދަވާފައިވާ ހިރިގާ ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ އެޑިޓަރުންގެ އަތުގައި ޑިގްރީއެއް ނެތް ނަމަވެސް، އެއީ މަދުވެގެން 20 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅުންނެވެ. އަދި އޭގެ ތެރޭގައި ގިނައީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހޯއްދަވާފައި ބޭފުޅުންނެވެ.
"އަވަސް" ނޫހުގެ އެޑިޓަރު އާދަމް ހަލީމް (މުންޑޫ) ވިދާޅުވި ގޮތުގައި ނޫސްތަކާ ގުޅޭ ގޮތުން މިހާ ބޮޑު ބަދަލެއް ހޯމް މިނިސްޓްރީން ގެންނަން ޖެހޭނީ މި ދާއިރާގެ ތަޖުރިބާކާރުންނާއި މީޑިއާތަކުގެ އިސް ވެރިންނާ މަޝްވަރާ ކުރުމަށް ފަހު އެވެ. އަދި ވަރަށް ކުއްލި ގޮތަކަށް މި ފަދަ ބަދަލެއް ގެނައުމަކީ ކަންބޮޑުވާ ކަމެއް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ އެޑިޓަރުން ތިބެން ބޭނުންވި ނަމަވެސް ނޫސްވެރިން ބިނާ ކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ. އެހެންވެ، ވަރަށް އާދައިގެ ހާލަތެއްގައި އޮތް ނޫސްވެރިކަމަށް، ސަރުކާރުގެ މި ކުއްލި ބަދަލުން އެއްވެސް ކުރިއެރުމެއް އަންނާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
ހޯމް މިނިސްޓްރީގެ މި ގަވައިދު އޭނާ ސިފަ ކުރެއްވީ މީޑިއާއަށް ކުރި އުނދަގުލެއް ނުވަތަ ޖެއްސުމެއްގެ ގޮތުގަ އެވެ.
"އެހެން ވެއްޖެ ނަމަ އަޅުގަނޑު ދަންނަވަން ބޭނުންވަނީ މީޑިއާއަށް އެ އުނދަގޫ ފޯރައިފިއޭ...އެހެންވެ، މި ނިންމުމާމެދު އަލުން ވިސްނުމަށް އަޅުގަނޑު ގޮވާލަން،" އޭނާ ވިދާޅުވި އެވެ.
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެޑިޓޯރިއަލް ޕޮލިސީ އެމްއެމްސީ އަށް ފޮނުވަން ލަފާދީފި
އެމްއެމްސީން ހޯމް މިނިސްޓްރީއާ މަޝްވަރާކޮށްފި
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސޯދިގަށް
އެމްއެމްސީ އިންތިޚާބަށް ރަޖިސްޓްރީވާން ހުޅުވާލައިފި
އެޑިޓަރުންގެ އާ ޝަރުތުތަކަށް އަމަލުކުރުން ފަސްކޮށްފި
އެޑިޓަރުން ބަދަލު ކުރަން ދިން މުއްދަތު އިތުރު ކޮށްފި
އެޑިޓަރުންގެ ޝަރުތު ބާތިލު ކުރަން ހޯމް މިނިސްޓްރީއަށް
މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ މަހަށް ފަސްކޮށްފި