Roadha Mihaaru
ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތު މަހްލޫފަށް

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތު އަނެއްކާވެސް މަހްލޫފަށް

17 ފެބުރުއަރީ 2018

އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ދެ މައްސަލައެއް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމާ ގުޅިގެން 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ވަނީ ޖަލުގައި ކުރިން ހޭދަކުރައްވައިފަ އެވެ. އޭނާ މިދިޔަ އަހަރުގެ ޖޫން 8 ގައި މިނިވަންވެ، ސިޔާސީ ކަންކަމުގައި އަލުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ އޭގެ ފަހުންނެވެ.

އެހެންކަމުން، މިއީ މަހްލޫފްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރާ ތިން ވަނަ ފަހަރެވެ. އަދި މި ކުށް ކޯޓުގައި ސާބިތުވެއްޖެ ނަމަ، ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ހަވީރާއި ރޭ ބޭއްވި މުޒާހަރާގައި މަހްލޫފްގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އެ ދެ މެމްބަރުން ރޭ ހައްޔަރު ކުރުމަށް ފަހު، ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.

މަހްލޫފަށް ފޮނުވި ޗިޓުގައި ބުނީ ބަޔަކު އިސް ނަގައިގެން މާލޭގެ އަމަންއަމާންކަން އިއްޔެ ނަގާލައި، ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކޮށް، މާލޭގެ ޓްރެފިކަށް ދަތިވާ ގޮތަށް އެއްވުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް ބޭނުންވާ ކަމަށެވެ.

އެހެންވެ، މަހްލޫފް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ މިރޭ 8:00 އަށެވެ.

މާލޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މުހައްމާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރު ފަހު 2:00 އަށެވެ.

މީގެ އިތުރުން މަހްލޫފް މި މަހުގެ 20 ގައި ކުރި ޓުވީޓަކާ ގުޅިގެން ސުވާލު ކުރުމަށް މިއަދު ހަވީރު 5:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. މަހްލޫފް މީގެ ކުރިން ކުރެއްވި ބައެއް ޓުވީޓުތަކާ ގުޅިގެން އިއްޔެ ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އޭގެ ފަހުން ކޮންމެ ރެއަކު ވެސް އެމްޑީޕީގެ ހަރުގެ ކައިރީގައި އިދިކޮޅު ހަރަކާތުން އެއްވުން ބާއްވަ އެވެ. އެކަމަކު، އިއްޔެ ހަވީރު ބާއްވަން އެއްވުން ނުފެށެނީސް، ފުލުހުން ވަނީ މުޒާހަރާ ރޫޅާލައިފަ އެވެ. މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް އާންމުންނާއި ބައެއް ނޫސްވެރިންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ.

ފުލުހުން މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެކަމަކު، މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.