Roadha Mihaaru
މަހްލޫފާއި މުހަންމާ ދޫކޮށްލައިފި

މަހްލޫފާއި މުހަންމާ ދޫކޮށްލައިފި

15 ފެބުރުއަރީ 2018

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ދެންމެ ދޫކޮށްލައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ދެންމެ ދޫކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ގެންދިޔައީ ސޯސަންމަގާ ހިސާބުންނެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން މަހްލޫފް "މިހާރު" އަށް ވިދާޅުވީ، ފުލުހުން ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށާއި ބަދަލު ހިފުމުގެ ރޫހު އެއްގޮތަކަށް ވެސް އެމީހުންގެ ކިބައިން ފާހަގަ ނުކުރެއްވޭ ކަމަށެވެ.

"ފުލުހުންނާ އަޅުގަނޑުމެންނާ އެއްވެސް މައްސަލައެއް ނެތް. އެ މީހުންގެ ފަރާތުން ކަންކަން ފެނުނީ ވަރަށް ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އޭގެ ފަހުން ކޮންމެ ރެއަކު ވެސް އެމްޑީޕީގެ ހަރުގެ ކައިރީގައި އިދިކޮޅު ހަރަކާތުން އެއްވުން ބާއްވަ އެވެ. އެހެން ބައެއް ރޭ ތަކެކޭ އެއްގޮތަށް، މިރޭ ވެސް އެ ސަރަހައްދަށް އެއްވި މީހުން ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި ބައެއް މީހުންނަށް ވަރަށް ބޮޑަށް އޭގެ އަސަރު ކޮށްގެން އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފަރުވާދީފަ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ސިޔާސީ ބޭފުޅުންތަކެއް ދޫކުރުމަށް އަންގާފައިވީ ނަމަވެސް، އޭގައި ސޮއިކުރެއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ އަމުރުގެ އެ ބައި ބާތިލްކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރީ، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގަ އެވެ.