Roadha Mihaaru
އެލީގެ އުފަންދުވަހު މަހްލޫފް މި އަހަރު ވެސް ޖަލުގައި!

ދަރިފުޅުގެ އުފަންދުވަހު މަހްލޫފް މި އަހަރު ވެސް ޖަލުގައި!

03 މާޗް 2018

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ (އެލީ) އަށް މިއަދު ފަސް އަހަރު ފުރޭއިރު، އޭނާ އޮންނެވީ ދޫނިދޫ ގޮޅީގަ އެވެ. މިދިޔަ އަހަރުގެ މި ދުވަސް ހޭދަކުރެއްވީ، މާފުށީ ޖަލުގަ އެވެ. އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އާއި ދަރިކަނބަލުންނާ އެކު ހުންނެވުމުގެ ނަސީބެއް ލިބިވަޑައެއް ނުގަތެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ (އެލީ) އަށް މިއަދު ފަސް އަހަރު ފުރޭއިރު، އޭނާ އޮންނެވީ ދޫނިދޫ ގޮޅީގަ އެވެ. މިދިޔަ އަހަރުގެ މި ދުވަސް ހޭދަކުރެއްވީ، މާފުށީ ޖަލުގަ އެވެ. އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އާއި ދަރިކަނބަލުންނާ އެކު ހުންނެވުމުގެ ނަސީބެއް ލިބިވަޑައެއް ނުގަތެވެ.

މިއީ، ނަޒޫ ވިދާޅުވި ގޮތުގައި، ވަރަށް ހިތްދަތި އިހްސާސެކެވެ. އުފަންދުވަހު، ދަރިފުޅުގެ ގާތުގައި މަހްލޫފް ނެތް ސަބަބާ ގުޅޭ ގޮތުން އެލީ ކުރާ ސުވާލުތަކާއި ޝަކުވާތަކަށް ޖަވާބުދޭން އެހާ ފަސޭހަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ އުފަންދުވަހު ޕާޓީއެއް ވެސް ބާއްވަން ޕްލޭންކޮށްފައި އޮތީ. އެއީ ކްލާސް ކުދިންނާ މި އަހަރު ވަކިވާނެތީއާ އެކު. ވަރަށް ސުވާލުކޮށް ހަދާ ޕާޕާ [މަހްލޫފް] އަންނާނެހޭ ޕާޓީ އަށް،" ނަޒޫ ވިދާޅުވި އެވެ.

މަހްލޫފުގެ އެދުމަކީ، ނަޒޫ ވިދާޅުވި ގޮތުގައި، އޭނާ ނެތަސް އެލީގެ ފަސް ވަނަ އުފަން ދުވަސް ފާހަގަކޮށްދިނުމެވެ.

އޭނާ ވިދާޅުވީ މަހްލޫފާ ގުޅޭގޮތުން، ކޮންމެ ދުވަހަކު ވެސް އެލީ އެތައް ސުވާލެއް ކުރާއިރު، އެންމެ ދެރަވެގެން އުޅެނީ މޫދަށާއި ސައިކަލް ދުއްވަން ނުދެވޭތީ ކަމަަށެވެ. މިކަންކަން ގޯސްނުކޮށް، ވިސްނޭ ގޮތަށް ކިޔައިދޭތީ ދަރިފުޅު ބޮޑުވެގެން މަހްލޫފް އެދޭ ގޮތަށް "ވަަރަށް ހިތްވަރުގަދަ ކުއްޖަކަށް ވާނެ" ކަމަށް އުއްމީދުކުރާ ކަމަށް ނަޒޫ ވިދާޅުވި އެވެ.

ނަޒޫ ވިދާޅުވި ގޮތުގައި މި އަހަރު ވެސް ދަރިފުޅުގެ އުފަންދުވަހު އާއިލާއެކު މަހްލޫފަށް ނުހުންނެވުނީ، ގައުމާއި ރައްޔިތުންގެ ހައްގުތައް އޭނާ އިސްކުރައްވާތީ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ފާޑުވިދާޅުވެ ޕީޕީއެމުން ދުރަށް ވަޑައިގަތް، މަހްލޫފް މިފަހަރު ވެސް ހައްޔަރުކުރީ އިދިކޮޅު އެއްވުމުގެ ތެރެއިންނެވެ. މިދިޔަ އަހަރުގެ މި ދުވަހު ޖަލުގައި އޮންނެވީ، އެއްވުމެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެންނެވެ.

އެ ދެ މައްސަލައިގައި 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ވަނީ ޖަލުގައި ހޭދަކުރެއްވި އެވެ. އެ ހުކުމުން ޖޫން، 8، 2017 ގައި މިނިވަންވުމާ އެކު އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި އަނެއްކާވެސް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. ޖަލަށް ހުކުމް ކޮށްފައިވާ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް، ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ މަހުލޫފެވެ.