Roadha Mihaaru
ވިއްކާ ފްލެޓްތައް އަދި ހުހެއް ނުވޭ: އެޗްޑީސީ

ވިއްކަން ހުޅުވާލި ޓާޓާ ފްލެޓްތައް އަދި ހުހެއް ނުވޭ: އެޗްޑީސީ

11 ފެބުރުއަރީ 2018

ޓާޓާ އިން އެޅި ފްލެޓްތަކުގެ ތެރެއިން ވިއްކަން ހުޅުވާލި ހުރިހާ ފްލެޓެއް އަދި ނުވިކޭ ކަމަށާއި ކުރިމަތިލުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓާޓާ އިން އެޅި ފްލެޓްތަކުގެ ތެރެއިން ވިއްކަން ހުޅުވާލި ހުރިހާ ފްލެޓެއް އަދި ނުވިކޭ ކަމަށާއި ކުރިމަތިލުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ކުރިން ގާކޮށި އޮތް ބިމާއިި އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި އިމާރާތްކުރި 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ވިއްކާލަން އިއުލާންކުރީ، އެ ފްލެޓްތައް ލިބުނު މީހުން ދައްކަން ޖެހޭ ފައިސާ ސަރުކާރަށް ނުދެއްކުމުންނެވެ.

އެ ފްލެޓުތައް ވިއްކަން ފުރަތަމަ ފޯމު ދޫކުރަން އޮތީ ޑިސެމްބަރު، 4، 2017 ގަ އެވެ. އޭގެ ދެ ދުވަސް ކުރިން އެތައް ބަޔަކު ކިޔޫގައި ޖެހުނެވެ. އެހެންކަމުން ބޮޑު ކިޔޫއެއްގައި ރައްޔިތުން ޖައްސައިގެން ފްލެޓް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ މެދުކަނޑާލުމަށް ފަހު، މިހާރު ފްލެޓް ވިއްކަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "މިހާރު" އަށް ވިދާޅުވީ ދެ މިލިއަން ރުފިޔާ ދައްކައި ބައެއް މީހުން މިހާރު ފްލެޓް ގަނެފައިވާ ކަމަށެވެ. އެކަމަކު އެއީ ކިތައް ފްލެޓް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ފްލެޓްތަކަށް ބޮޑު ތަރުހީބެއް ލިބޭ، އަދިވެސް ކުރިމަތިލުމުގެ ފުރުސަތު އެބަ އޮތް. ސޭލް ނިމެންދެން ކުރިމަތިލެވޭނެ،" ސައިމަން ވިދާޅުވި އެވެ.

ފްލެޓް ވިއްކަނީ ދެ މިލިއަން ރުފިޔާ އެއްފަހަރާ ދެއްކޭނެ ކަމުގެ ލިއުމެއް ނުވަތަ ބޭންކުން ލޯނު ހަމަޖެހޭ ކަމުގެ ލިއުން ދޭ ފަރާތްތަކަށެވެ. އުމުރުން 21 އަހަރު ވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް މި ފްލެޓްތަކަށް ކުރިމަތިލެވެ އެވެ.

އޮންލައިންކޮށް ފްލެޓް ވިއްކުމަކީ ދެ ފުށް ފެންނަ ގޮތެއް ނޫން ކަަމަށް ބުނެ ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ސައިމަން ވިދާޅުވީ ފްލެޓް ވިއްކަނީ ޝަރުތު ހަމަވެ، އެންމެ ފުރަތަމަ ފައިސާ ދައްކާ މީހުންނަށް އިސްކަންދީގެން ކަމަށެވެ. އެކަމުގައި އެއްވެސް މައްސަލައެއް އުޅޭތޯ މުއައްސަސާތަކުން ބެލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޓާޓާ ފްލެޓްތަކަށް ސަރުކާރުން ބޮޑު ލޯނުތަކެއް ނަގާފައި އޮތީ، އެ ލޯނުތައް ރިކަވާކުރެވެން އަންނަނީ ފްލެޓްތައް ވިއްކައިގެން،" ސައިމަން ވިދާޅުވި އެވެ.

ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާ އިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމާ ގުޅިގެން އުފުލަން ޖެހުނު މާލީ ތަކުލީފުތަކާ ހެދި އެވެ.