Roadha Mihaaru
"ފްލެޓުތަކުގެ ތަފްސީލު މި ހަފުތާގައި އާއްމުކުރާނަން"

ފްލެޓުތަކުގެ ހައްގުވެރިން ކަނޑައެޅުމުގެ ތަފުސީލް މި ހަފުތާގައި އާއްމު ކުރާނަން: ކޮމިޓީ

30 ޖޫން 2019

ކުރީގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދޫކުރި ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅަން ކުރާ މަސައްކަތްތަކުގެ ތަފުސީލް މި ހަފުތާގައި އާއްމުކުރާނެ ކަމަށް އެ މައްސަލަތައް ބަލާ ކޮމިޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދޫކުރި ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅަން ކުރާ މަސައްކަތްތަކުގެ ތަފުސީލް މި ހަފުތާގައި އާއްމުކުރާނެ ކަމަށް އެ މައްސަލަތައް ބަލާ ކޮމިޓީން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ހިޔާ"، އަދި "ގެދޮރުވެރިކަމުގެ" މަޝްރޫއުން ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރެ އެވެ. އެ ކަންކަން ބަލައި ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމު ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެކެވެ. އެކަމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ކޮމިޓީިއެއް އުފައްދަވައިފަ އެވެ.

އެ ކޮމިޓީގެ މަސައްކަތަށް ހަތް މަސް ވި އިރު ވެސް ނަތީޖާއެއް ނުފެންނާތީ އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

ފްލެޓްތަކާ ގުޅޭ ޝަކުވާތައް ބަލައި އިންސާފުވެރިން ކަނޑައެޅޭނީ ކޮން އިރަކުތޯ "މިހާރު" ން ސުވާލު ދެންނެވުމުން ކޮމިޓީގެ ނައިބު ރައީސް މުހައްމަދު މުއިއްޒާއި މެމްބަރު އަހްމަދު ތޮލާލް ވިދާޅުވީ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ވަރަށް އަވަހަށް އާއްމު ކުރައްވާނެ ކަމަށެވެ. އެ މަސައްކަތް ނިމޭނީ ކޮން އިރަކުންތޯ ދެންނެވުމުން ވިދާޅުވީ މި ހަފުތާގައި ނެރޭ ބަޔާނުގައި ތަފުސީލްތައް ކޮމިޓީން ހިމަނާނެ ކަމަށެވެ.

ފްލެޓްތަކުގެ މައްސަލަ ބަލަން ފެށި ފަހުން އެ ކޮމިޓީން މިހާތަނަށް ތަފުސީލް އާއްމުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ.

ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީ.

ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީ.

މިދިޔަ ފެބުރުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީން ބުނެފައި ވަނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 23،000 އަށް ވުރެ ގިނަ ފޯމުގެ މައުލޫމާތުތައް އަލުން ބަލައި، ފްލެޓް ދީފައި ވަނީ އިންސާފުންތޯ ކަށަވަރު ކުރުމަކީ އުނދަގޫ މަސައްކަތެކެވެ. އެހާތަނަށް ބެލިބެލުމުން ވެސް ކަންބޮޑުވާ ފަދަ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ކޮމިޓީން ވަނީ ބުނެފަ އެވެ.

ޔާމީންގެ ސަރުކާރުގައި ފުރަތަމަ ހުޅުވާލި މަޝްރޫއުން 700 ފްލެޓް ދޫކުރީ، މަތިން މާކްސް ލިބުނު މީހުން ބާކީކޮށްފައި، އެ އަށް ވުރެ ދަށުން ލިބުނު މީހުންނަށް ކަން ސާބިތުވާ ލިޔުންތަކާ އެކު ކަމާބެހޭ އިދާރާތަކަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ މައްސަލަތަކަށް އިންސާފު ނުލިބި ވަނިކޮށް، ދެ ވަނަ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި، އެ ފްލެޓްތައް ދިނީ ހައްގުވެރިންނަށް ނޫން ކަމުގެ ތުހުމަތު ކުރެ އެވެ.

އެކަމަކު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓްތައް ދޫކޮށްފައި ވާނީ، ހުށަހެޅި މައުލޫމާތުތަކަށް ބަލައި އިންސާފުވެރިކަމާ އެކު ކަމަށެވެ. ދެ މަޝްރޫއުން ފްލެޓް ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލުން ވާނީ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.