Roadha Mihaaru
"ޖޭޕީއާ ގުޅުނީ އަދުލުވެރި ވެރިޔަކަށް ގާސިމް ވާނެތީ"

ޖޭޕީއާ ގުޅުނީ އަދުލުވެރި ވެރިޔަކަށް ގާސިމް ވާނެތީ: ޖަމީލް

10 ފެބުރުއަރީ 2018

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދިވެހި ހުރިހާ ރައްޔިތުން ގޮވައިގެން އިންސާނިއްޔަތުކަމާއި އަދުލުގެ ތެރެއިން ފުރިހަމަ ވެރިކަމެއް ކޮށްދެވޭނެ ބޭފުޅަކަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދިވެހި ހުރިހާ ރައްޔިތުން ގޮވައިގެން އިންސާނިއްޔަތުކަމާއި އަދުލުގެ ތެރެއިން ފުރިހަމަ ވެރިކަމެއް ކޮށްދެވޭނެ ބޭފުޅަކަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ފްރެންކްފާޓްގައި ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން، ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިއުއްވުމަށް ފަހު ޖަމީލް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ސިޔާސީ ވަކި ފިކުރެއް ގެންގުޅޭތީ، ވަޒީފާ ނުލިބޭ، ވިޔަފާރީގެ ފުރުސަތު ނެތް، އިންސާފުން އެއްކިބާވެފައިވާ ވެރިއެއް ނޫން ކަމަށެވެ.

"މިއަދު ސަރުކާރު އިސްވެ އޮވެ ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން ދާ އެންމެ ބޮޑު އަނިޔާއަކީ މި ދެންނެވި ނިޒާމު ފުނޑާލުން، އިންސާފު ނެތުން. ދުސްތޫރު ނަގައި އެއްލައިލުން،" 2013 ގެ ރިޔާސީ ކެމްޕޭންގައި، ހަމަހަމަކަމާއި އިންސާވެރިކަމާ އެކު ވެރިކަން ކުރަން ޕީޕީއެމުން ވީ ވައުދުތަކާ ދުރަށް ދިޔަކަމުގެ އެތައް މިސާލެއް ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު މި ފެންނަނީ ރާއްޖެ އަކީ އެންމެ މީހެއްގެ އެއްޗަކަށް ވެފައިވާ ތަނެވެ. ވެރިކަމަކީ ރައްޔިތުންނަށް ވުރެ ބޮޑު އެއްޗަކަށް ހަދައިފި ކަމަށާއި ސަރުކާރު މިހާރު ބަދަލުވެފައި ވަނީ ރައްޔިތުންނަށް އޮތް ތަކުލީފަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެންމެ ބުރަކޮށް މަސައްކަތްކުރެއްވީ ޖަމީލެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތްޕުޅު ކުރެއްވީ ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމްކޮށްދޭށެވެ. އެކަމަކު މިއަދު އެންމެ ކުޑަވެގެން ވަޒީފާއެއް ވެސް ލިބެނީ، ވަޒީފާއަށް އެދޭ ކުދިންގެ ނަތީޖާއަށް ވުރެ ބޮޑަށް، ސިޔާސީ ގޮތުން އެ ކުއްޖާގެ އާއިލާ ނިސްބަތްވާ ފިކުރަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ނަންފުޅު ނުގެންނެވި ނަމަވެސް ޖަމީލްގެ ބައެއް ހަމަލާތައް އެކަމަނާއަށް ވެސް އަމާޒުވި އެވެ. އެގޮތުން ސަރުކާރުން ވަޒީފާ ހޯދާށާއި ބޯހިޔާވަހިކަން ކަށަވަރުކުރެވެން އޮތީ ވެސް "އަންހެނެއްގެ މޭޒު ކައިރި" އާއި ސަރުކާރު ވެރިންގެ ވަށައިގެން އުޅެގެން ކަމަށް ވިދާޅުވި އެވެ.

"މިއަދު ދިވެހި ގައުމު އެދި ގޮވަނީ...ތިމާގެ ގެއަށް ގެންނަ އެއްޗެއް [ހޯދި ގޮތް] އަނބިމީހާ ވެސް ނާހާނެއޭ އަދި [ކުރީގެ ނައިބު ރައީސް އަހުމަދު] އަދީބު މެމްބަރުންނަށް ބެހި ފައިސާ އަކީ ތިމަން މަނިކުފާނަށް ދޭ ފައިސާއޭ ބުނާ ކަހަލަ ވެރިއެއް ނޫން،" ރައީސް ޔާމީނަށް އަމާޒުކުރައްވައި، ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގާސިމެވެ. ދެވަނަ ބުރުގައި ޕީޕީއެމާ ގުޅިވަޑައިގަންނަވަން ގާސިމް ނިންމެވީ ރައްޔިތުންނަށް އަނިޔާވެރިނުވުމަށާއި އަދުލުވެރިކަމާއި އިންސާވެރިކަމާއި ހަމަހަމަކަމާ އެކު ވެރިކަން ކުރާނެކަމުގެ އުއްމީދުގަ އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު ތަކުލީފެއް މިއަދު އުފުއްލަވަނީ ގާސިމް ކަމަށް ވިދާޅުވި އެވެ.

"އެދުވަހު ގާސިމް އިބްރާހިމް، ނޫނެކޭ ތިކަމެއް ނުކުރެވޭނެއޭ [ވިދާޅުވެވޭނެ] އިހުތިޔާރުތަކެއް އޮތް. އެ ދުވަހު އެމަނިކުފާނު ނިންމެވި އެންމެ ނިންމެވުމަކުން ޕީޕީއެމަށް ވެރިކަމަކަށް ނާދެވުނީސް،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލާއި ކުރީގެ މިނިސްޓަރުން ކަމަށް ވާ މުހައްމަދު މަލީހު އަދި އަބްދުﷲ އަމީން، ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ މި މަހު 2 ގަ އެވެ. ނަމަވެސް އެކަން އިއުލާންކުރީ މިރޭ ވީޓީވީން ދެއްކި ހާއްސަ ޕްރޮގްރާމެއްގަ އެވެ.

ގާސިމަށް ތާއީދުކުރައްވަން ޖަމީލް ނިންމެވި ނަމަވެސް ގާސިމް މިވަގުތު ހުންނެވީ ހުކުމެއްގަ އެވެ. އޭނާ އާއި ސިޔާސީ ބައެއް އެހެން ލީޑަރުން ވަގުތުން ދޫކުރަން މި މަހު 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރު މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

އެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން އަނެއް ތިން ފަނޑިޔާރުން ނިންމެވީ ކުރީގެ އަމުރުގައި ހުކުމުގައި ތިއްބެވި ބޭފުޅުން ދޫކުރުން އޮތް ބައި އުނިކުރައްވާށެވެ.