04 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަން ނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ ނަމަ ވަކީލެއްގެ ޝަރުތު އުނިވީ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަން ނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ ނަމަ ވަކީލެއްގެ ޝަރުތު އުނިވީ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމުގެ އަމުރެއް ސުޕްރީމް ކޯޓު ނެރުނަސް، އެ އަމުރަށް ތަބާނުވާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވަނީ ވިދާޅުވެފަ އެވެ. ރައީސުލް ޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމަކީ މަޖިލީހަށް ކުރެވޭނެ ކަމެއް ކަން ފާހަގަ ކުރައްވައި، އަނިލް ވިދާޅުވެފައިވަނީ ގާނޫނު އަސާސީން ނުދޭ ބާރެއް ސުޕްރީމް ކޯޓަށް ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވީ ކޯޓެއްގެ އަމުރަށް ތަބާ ނުވާނެ ކަމަށް ބުނުމަކީ ކުށެއް ކަމަށާއި އެއީ ވަކީލެއްގެ ގޮތުގައި ހުރެ ބަންޑާރަ ނައިބަށް ވިދާޅުވެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެގޮތަށް ބުނެފި ނަމަ ވަކީލެއްގެ ޝަރުތު އުނިވީ ކަމަށް ވިދާޅުވެ، އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"ތިމަންނަ ކޯޓެއްގެ އަމުރަށް ތަބާ ނުވާނަމޭ ގާނޫނީ ވަކީލަކު އަދި ދައުލަތުގެ ބަންޑާރަ ނައިބު ބުނެފި ނަަމަ އޭނާ އެހެރީ ސަސްޕެންޑް ކުރާ ހިސާބުގައި. ކޯޓު ހުރުމަތް ކަނޑާލުމުގެ އަމަލެއް އެއީ، އެއީ ކުށެއް. އެއީކީ ނަމޫނާ ދައްކަވަންޖެހޭ ޕަބްލިކް އޮފިޝަލުން ދައްކަވަންޖެހޭ ވާހަކައެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުގެ ކަންބޮޑުވުންތަކެއް ހުރެއްޖެ ނަމަ އެކަން ހައްލު ކުރަން ޖެހޭނީ އެ އަމުރަށް އަމަލު ކުރުމަށް ފަހު އެވެ. އަމުރު ތަންފީޒު ކުރާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދު ދެއްވައި، ސުއޫދު ވިދާޅުވީ ޑިއު ޕްރޮސެސްއަކީ ގާނޫނާ އެއްގޮތަށް އަމަލު ކުރުން ކަމަށާއި ކޯޓުގެ އަމުރެއް ނަމަ އެންމެ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި އަމުރު ތަންފީޒު ކުރަންޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަން ދަތިތަކެއް ހުރެދާނެ. ޕެންޑިން ޕްރޮސެކިއުޝަންތަކެއް ވެސް ހުރެދާނެ. އެހެން ނަމަވެސް އެކަން ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދަން ލަފާ ދެވޭނެ ވަރުގެ މީހުން ތިބެން ޖެހޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އަމުރަށް އަމަލު ކުރުމަށް ވެސް ހައްްލު ހޯދޭނެ ގޮތްތަކެއް ރޭވޭނެ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން އަމަލު ނުކުރުމަކީ ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުުކުރުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނާނެ ކަމެއް ނޫނެވެ. ރައީސް މަގާމުން ދުރު ކުރުމަކީ ހަމައެކަނި މަޖިލީހަށް އޮތް ބާރެއް ކަމަށާއި އެ ނޫން ގޮތަކަށް ރައީސް މަގާމުން ވަކި ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގެ އެ އަމުރުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަކީ ސަލާމަތީ ޚިދުމަތްތަކުގެ ވެރިންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާއަކު ދުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ޝަރީއަތެއްކޮށް، ކުށް ސާބިތުވާ ނަމަ. ދެން ސުވާލަކީ ސުޕްރީމް ކޯޓަށް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ކަމެއް ކުރެވިދާނެތޯ. އެ ސުވާލަށް ޖަވާބު ދޭއިރު ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއް ގާނޫނު އަސާސީގައި އެބަހުރި ބަޔާން ކޮށްފައި. އެއިން ޝަރުތެއް ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓަށް ހުކުމް ކުރެވިދާނެ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރަންޖެހޭ ކަމަށާއި ކޯޓުތަކަށް ގާބިލް ފަނޑިޔާރުން އައްޔަންކޮށް، ސަރުކާރުގެ ނުފޫޒުން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
ދީބާޖާގެ ހުކުމް މުރާޖައާ ކުރަންޖެހޭ: ސުއޫދު
މެންބަރުންގެ އަދަދު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
މަޖިލިސް ގަވައިދު ބަދަލުކުރީ އަމުރާ ހިލާފަށް: ދައުލަތް
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް
ކައުންސިލްތަކަށް ކޯޓަށް ނުދެވުން:ކޯޓުގައި ބަހުސެއް ނެތް
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
އައިކޮމް ނިންމުންތައް ނުބަލަންކުރި ހުކުމް އިސްތިއުނާފަށް
"ޖޭއެސްސީގެ ގާނޫނުގެ މައްސަލަ ސުޕްރީމްކޯޓަށް ނުބެލޭނެ"
ޖަމީލު ވަކިކުރި މައްސަލައަށް ކޯޓުން ހައްލެއް ނެތް