Roadha Mihaaru
ކޯޓު އަމުރާ އެކު ސަރުކާރު ބައިނަލްއަގުވާމީ ޕްރެޝަރަށް

ސުޕްރީމް ކޯޓުގެ އަމުރާއެކު ސަރުކާރު ބައިނަލްއަގުވާމީ ޕްރެޝަރަށް

03 ފެބުރުއަރީ 2018

އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލުމަށް، މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ބައިނަލްއަގުވާމީ ޕްރެޝަރު ދިވެހި ސަރުކާރަށް ވަރަށް ބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލުމަށް، މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ބައިނަލްއަގުވާމީ ޕްރެޝަރު ދިވެހި ސަރުކާރަށް ވަރަށް ބޮޑުވެއްޖެ އެވެ.

ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ، ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް ފުޅާކޮށް، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބައިނަލްއަގުވާމީ އެހީ އަށް އެދިފައި ވަނިކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރުން، އިދިކޮޅު ފަރާތްތަކުގެ އެ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާއެކު ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކެއްގެ ލޯ މިވަނީ ރާއްޖެ އަށް އަމާޒުވެފަ އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު، އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ދިގުދެންމުން، ބައިނަލްއަގުވާމީ މުޖުތަމައުން ނަގަނީ ކުޑަ ކަމެއްގެ ގޮތުގައެއް ނޫނެވެ. ރާއްޖެ އާއި އެންމެ އެކުވެރި ގައުމުތަކާއި އެހެން ވެސް ޖަމާއަތްތަކުން އަންނަނީ، އެއްވެސް ޝަރުތެއް ނެތި ވީ އެންމެ އަވަހަކަށް އެ ހުކުމް ތަންފީޒުކުރުމަށް ގޮވާލަމުންނެވެ.

އޭގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ އާއި އެމެރިކާ އާއި ޖަރުމަނާއި އިނގިރޭސިވިލާތް ހިމެނެ އެވެ. މީގެ އިތުރުން އދ.ގެ އިންސާނީ ހިއުމަން ރައިޓްސް ކޮމެޓީ އާއި އެމްނެސްޓީ ފަދަ ޖަމާއަތްތައް ވެސް ހިމެނެ އެވެ.

މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ ސިޔާސީ ބޭފުޅުން

މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ ސިޔާސީ ބޭފުޅުން

ސުޕްރީމް ކޯޓުގެ އަމުރު ވަގުތުން ތަންފީޒުކުރަން ގޮވާލައި އދ. އިން ބުނީ ރާއްޖޭގެ ހާލަތާ މެދު އެ ޖަމާއަތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ ގިނަ އަަހަރުތަކެއް ވެފައިވާ ކަމަށެވެ. އެެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު، ރާއްޖޭގެ ހާލަތާއި ސަރުކާރާއި ސަލާމަތީ ބާރުތަކުން ކަންތައްތައް ކުރަމުން ދާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންބޮޑުވުންތަކުގައި އިދިކޮޅު ފަރާތްތަކުން އެންމެ ގިނައިން އެހީ އަށް އެދޭ އެއް ގައުމަކީ އިންޑިއާ އެވެ. އެކަމަކު، އެ ކަންކަމާ މެދު ކަންބޮޑުވާ ކަމަށް ބުނުން ފިޔަވައި، ވަރުގަދަ ބަޔާންތަކެއް އެ ގައުމުން މިހާތަނަކަށް ނުނެރެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމާ އެކު އިންޑިއާ އިން ވަނީ ރާއްޖެ އިން ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށާއި އަދި ގާނޫނު ނެގެހެއްޓުމަށް ސަރުކާރަށް ގޮވާލައި ބަޔާނެއް ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ދިވެހި ސަރުކާރުން ތަބާވުން މުހިއްމު ކަމަށް ބުނެ، އެއަށް އަމަލުކުރަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އިނގިރޭސި ސަފީރު ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމާއެކު ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކި ގައުމުތަކުން އުއްމީދު ކުރަނީ، ކޯޓުގެ އަމުރު އެއްވެސް ޝަރުތަކާ ނުލައި ވީހާ ވެސް އަވަހަކަށް ދިވެހި ސަރުކާރުން ތަންފީޒު ކުރުން ކަމަށް ވިދާޅުވި އެވެ.

އަމުރު ތަންފީޒުކުރަން ގޮވާލައި އެމެރިކާ އިން ނެރުނު ބަޔާން.

ރާއްޖެ އަށް މިހާރު ދިމާވެފައިވާ މައްސަލައަށް ހުރިހާ ޕާޓީތަކުން ވެސް ސުލްހަވެރި ހައްލެއް ހޯދަން ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުން ސަރުކާރަށް އަމުރުކޮށްފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށެވެ.

އެ އަމުރުގައި، ދައުލަތުގެ ހުރިހާ ފަރާތަކުން ވެސް ވަގުތުން އަމަލުކުރަން އަންގާފައި ވިޔަސް ސަރުކާރުން އެއިން އެއްވެސް ބޭފުޅަކު އަދި މިނިވަނެއް ނުކުރެ އެވެ.

ސަރުކާރުން ބުނަމުން އަންނަނީ ކުށްވެރިންތަކެއް ދޫކޮށްލުމާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ޕްރޮސިކިއުޓަ ޖެނެރަލް އެ ކަންކަން އުއްތަމަ ފަނޑިޔާރަށް ހުށަހަޅުއްވާނެ ކަމަށެވެ. މި ވާހަކަ އަށް ރައްދު ދެއްވައި އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމުން، އިތުރަށް ދިރާސާކޮށް، މަޝްވަރާކުރަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ.