ސުޕްރީމް ކޯޓުގެ ވަރުގަދަ ހުކުމް ނެރުނުތާ މިހާރު 17 ގަޑިއިރު ވީ އެވެ. އެކަމަކު ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މައްޗަށް ބޮޑެތި ކަންތައްތަކެއް ތަންފީޒު ކުރަން އައި އަމުރު އަދި އޮތީ އޮތްތާނގަ އެވެ. އެ އަމުރު ތަންފީޒު ކުރުމުގެ އަލާމާތެއް އެ މުއައްސަސާތަކަކުން ނުފެނެ އެވެ. އެކަމަކު އަމުރު ތަންފީޒު ނުކުރާނަމެކޭ ވެސް، އެ އަމުރާ ދޭތެރޭ އެއްވެސް ސުވާލެއް އޮތް ކަމަކަށް ވެސް ސަރުކާރަކުން ނުބުނެ އެވެ.
ސުޕްރީމް ކޯޓުގެ ވަރުގަދަ ހުކުމް ނެރުނުތާ މިހާރު 17 ގަޑިއިރު ވީ އެވެ. އެކަމަކު ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މައްޗަށް ބޮޑެތި ކަންތައްތަކެއް ތަންފީޒު ކުރަން އައި އަމުރު އަދި އޮތީ އޮތްތާނގަ އެވެ. އެ އަމުރު ތަންފީޒު ކުރުމުގެ އަލާމާތެއް އެ މުއައްސަސާތަކަކުން ނުފެނެ އެވެ. އެކަމަކު އަމުރު ތަންފީޒު ނުކުރާނަމެކޭ ވެސް، އެ އަމުރާ ދޭތެރޭ އެއްވެސް ސުވާލެއް އޮތް ކަމަކަށް ވެސް ސަރުކާރަކުން ނުބުނެ އެވެ.
އަމުރު އޮތް ތާނގައި އޮއްވާ، އެ ތަންފީޒު ކުރުމުގެ ބަދަލުގައި ސަރުކާރާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އުޅުއްވާ ތަން ފެންނަނީ މުޅިން އެހެން މަސައްކަތެއްގަ އެވެ. ސަރުކާރުގެ ބާރުވެރިކަމާއި ރައީސް ޔާމީންގެ ގަޓު ހުންނާނެ ކަމަށް ވިދާޅުވެ، ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ ޝުއޫރު ފާޅުކުރައްވަމުންނެވެ. ސަރުކާރު ނުވެއްޓޭނެ ކަމަށް އެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އެބޭފުޅުން ތިއްބެވީ ރައީސް ޔާމީނާއެކު ސާބިތުކަންމަތީގައި ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަނެއްކޮޅުން، ކޯޓުގެ އަމުރު ތަންފީޒު ކުރުން ލަސްވާތީ އިދިކޮޅު ފަރާތްތައް ވަނީ މާޔޫސް ކަމެއްގެ ތެރޭގަ އެވެ. ރުޅިވެރިކަމެއްގެ ތެރޭގަ އެވެ.
"ސުޕްރީމް ކޯޓުން ކަމެއް ނިންމީމާ އެއަށް ތަބާވާން ޖެހޭނީ. އެއީ ގާނޫނުއަސާސީގައި އޮންނަ ގޮތް. ތިމަންނާމެން މި މާނަކުރަނީއޭ... މާނައެއް ދެން ނޯންނާނެ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް މިހާރު އަމަލުކުރަން ޖެހޭ. ހުކުމް ތަންފީޒު ނުކޮށްފި ނަމަ އެ މައްސަލަތައް ބެލުން އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް."
މިއަދުގެ ހުކުރު ވަގުތު، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ސިފައިންނާއި ފުލުހުން ބަލަހައްޓަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ހުކުމް ތަންފީޒު ކުރަން ސަރުކާރުން ހަގީގަތުގައި ވެސް ޖެހިލުން ވެއްޖެ ކަމަށާއި ހުކުމް ތަންފީޒު ކޮށްފާނެ ކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. މީގެ ކުރިން ކޯޓުގެ ހުކުމެއް އަތުވެއްޖެ ނަމަ، "ހަމަ ވަގުތުން ކޯޓުން ސީދާ ޖަލަށް މީހުން ގެންދާ ސަރުކާރެއް" މި ހުކުމާ އެކު މަޑުން އޮތީ ކީއްވެގެންތޯ ވަރަށް ގިނަ ބޭފުޅުން ސުވާލު އުފައްދަވަ އެވެ.
ބައެއް މީހުންގެ ވިސްނުމުގައި މި ހުކުމް ރައީސް ޔާމީން ތަންފީޒު ކުރައްވައިފި ނަމަ އެކަމަކީ އެމަނިކުފާނުގެ ވެރިކަމަށް "ލޮޅުން" އަރައިފާނެ ކަމެކެވެ. މިވަގުތަށް މިނިވަން ކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ، ރައީސް ޔާމީންގެ ސަރުކާރަށް އެތައް ގޮތަކުން ގޮންޖެހުންތައް ކުރިމަތި ކުރަމުން އައި ސިޔާސީ ބޭފުޅުން ކަމަށް ވުމުން، އެބޭފުޅުން "ވީއްލިފައި" ތިއްބެވުމަކީ މި ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމް އެ އޮތީ އެހެން މީހަކަށް އެހެން ތަރުޖަމާއެއް ވެސް ނުނެރެވޭހާ ސާފުކޮށް ކަމަށެވެ. އަދި ވިދާޅުވީ މިއީ ސުޕްރީމް ކޯޓުން ނެރުނު ހުކުމްތަކަށް ބަލާއިރު އެންމެ ސާފުކޮށް، އަކުރުން އަކުރަށް އަދި ބަހުން ބަހަށް މާނަ ވަރަށް ސާފުކޮށް އޮތް އަމުރެއް ކަމަށެވެ.
"އެހެންވެ ސަރުކާރަށް މިއިން އިތުރަށް އޮޅުމެއް އަރައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ނެރުމާ އެކު ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ފުރަތަމަ ސުވާލު އުފައްދާފައި ވަނީ އެއީ އަސްލު ހުކުމެއް ނޫން ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާ އެކު އެ ހުކުމް އަލުން އާންމުކުރި އެވެ. އޭގެ ފަހުން އެ ހުކުމުގެ އިނގިރޭސި ތަރުޖަމާ ވެސް ވަނީ ޝާއިއުކޮށްފަ އެވެ.
"ލިޔަންކިޔަން ދަންނަ މީހުން އުޅޭ ގައުމެކޭ މިއީ. އެ ހުކުމް މިއޮތީ ތަމަޅަ ބަހުން ލިޔެފައެއް ނޫނޭ. ސާފު ދިވެހި ބަހުންނޭ ލިޔެފައޭ މިއޮތީ. ކޮން އޮޅުމެއްތޯ އަރާކަށް،" ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް ނުހައްގުން މިހާރު އަދަބު ދެވިއްޖެ. ނުހައްގުން މީހުންނަށް ދޭ އަދަބަށް އެ އަދަބު ދިން މީހުން ކުރިމަތިލާން ޖެހޭނެ."
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރެއޭ ބުނާ މައިގަނޑު ސަބަބަކީ، އޭގައި ބުނެފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެވެ. އެކި ކުށްކުށުގެ ތުހުމަތުގަ އާއި ހުކުމްތަކާ އެކު ޖަލުގައި ތިއްބެވި ސިޔާސީ މީހުން ނަންތަކާ އެކު އަމުރުގައި ވެ އެވެ. އެހެންވެ، އަމުރާ އެކު އެ ބޭފުޅުންގެ އާއިލާތަކުން ވަނީ ރޭ މާލޭ ޖަލަށް ގޮސް އެ ބޭފުޅުން ދޫކޮށްލަން އެދިފަ އެވެ. އެކަމަކު މިހާތަނަށް އައިއިރު ވެސް އެއްވެސް ބޭފުޅަކު ދޫކޮށްލާފައި ނުވާތީ، އެ މީހުން މިހާރު ތިބީ ރަހީނު ކޮށްފައި ކަމަށް އާއިލާތަކުން ބުނެ އެވެ.
ދެން އޮތް ސުވާލަކީ މި އެވެ؛ ސުޕްރީމް ކޯޓުގެ އަމުރާ ދޭތެރޭ ސަރުކާރުން ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އަމުރު ތަންފީޒު ނުކޮށްފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ސިޔާސީ އެންމެ އިސް ބޭފުޅުންގެ ހިތުގައި ވެސް އޮތް ސުވާލެވެ. ގާނޫނީ އިސް ބޭފުޅުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ އަމުރު އޮތް ގޮތުން އަމުރު ތަންފީޒު ނުކޮށްފިއްޔާ ދެން ކުރިމަތިވެދާނެ ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި ސަރުކާރުން ފުރަތަމަ ބުނެފައިވާ ގޮތަށް އަމުރާ ގުޅިގެން އެ އަމުރުގެ ސައްހަ ކަމާ ދޭތެރޭ ކޯޓާ މަޝްވަރާ ވެސް ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ ސިޔާސީ ބޭފުޅުން
""ސުޕްރީމް ކޯޓަކީ މަޝްވަރާ ކޯޓެއް ނޫން. އެ ކޯޓުން ވަކި ގޮތެއް ކަނޑައެޅީމަ އިތުރަށް ކުރަން ޖެހޭ މަޝްވަރާއެއް ނޯންނާނެ. ބަންޑާރަ ނައިބު މާ ގިނައިން މަޝްވަރާކުރައްވާތީވެ ހީފުޅުވަނީ އެ ހުކުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވަން ޖެހެއޭ،" ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް އިސް ބޭފުޅުން މި އަމުރު ސިފަކޮށްފައި ވަނީ ބަޣާވާތެއްގެ ގޮތުގަ އެވެ. އެ ބޭފުޅުންގެ ވާހަކަތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު އެ އަމުރު ގަބޫލެއް ނުކުރެ އެވެ. ހަމައެހެންމެ، ގައުމުގެ އެންމެ އިސް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިދާޅުވެ އެންމެ އިސް ވިދާޅުވާނީ ރައީސް ކަމަށް ސިފަވާ ގޮތަށް ވަރަށް ގިނަ ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އަމުރު ތަންފީޒު ކުރަންދެން އިދިކޮޅު ފަރާތްތައް "ހޭލައި ތިބޭނެ" ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެއްވުންތައް ބާއްވާނެ ކަމަށާއި ދެކޮޅުންތައް ކުރިއަށް ދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ. އެހެން ނަމަވެސް އަމުރު ތަންފީޒު ކުރުމުގެ އެއްވެސް ރަސްމީ އަލާމާތެއް ނެތެވެ. ސަރުކާރުގެ ރަސްމީ ބަހަކީ އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. އެކަމަކު އަމަލީ އެއްވެސް ސިފައެއް އަދި ނުފެނެ އެވެ.
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!
އެސްއޯއީ ނުގެނައި ނަމަ ނަތީޖާ ގޯސްވުމުގެ ބިރު އޮތް
މިފަހަރުގެ އެސްއޯއީ: އެންމެ ހައިޖާނު ބޮޑުވި ހާާލަތު
މިއީ ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް
އަމުރު ތަންފީޒު ކުރި ނަމަ އެއީ އަނެއް ފެބްރުއަރީ 7
އިލްހާމާއި ސިނާން ކްރިމިނަލް ކޯޓަށް ގެންނަނީ
މިސްރާބު ހުރީ ރައްޔިތުން އަޅުންނަށް ހަދަން: ސައުދު
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!