Roadha Mihaaru
ކޯސްތައް ހަރުދަނާކޮށް އެމްއެންޔޫގައި ނާސިން ސްކޫލެއް

ކޯސްތައް ހަރުދަނާކޮށް އެމްއެންޔޫގައި ނާސިން ސްކޫލެއް ހުޅުވައިފި

01 ފެބުރުއަރީ 2018

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ހިންގާ ނާސިންގެ ކޯސްތައް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރަން، ނާސިން އަށް ހާއްސަ ސްކޫލެއް އެ ޔުނިވާސިޓީގައި މިއަދު ހުޅުވައިިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ހިންގާ ނާސިންގެ ކޯސްތައް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރަން، ނާސިން އަށް ހާއްސަ ސްކޫލެއް އެ ޔުނިވާސިޓީގައި މިއަދު ހުޅުވައިިފި އެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި، ނާސިިން ސްކޫލު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު ވިދާޅުވީ ރާއްޖޭގައި ސިއްހީ ދާއިރާ އިތުރަށް ފުޅާވެ ތަރައްގީވަމުން އަންނަ ކަމަށެވެ. އެހެންވެ އެ ތަންތަނުގައި މަސައްކަތްކުރާނެ ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރަންޖެހޭ ކަން ލަތީފު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ނަރުހުން ތަމްރީނުކުރާނެ ހާއްސަ ސްކޫލެއް ގާއިމްކުރެވިގެން ދިއުމަކީ ސިއްހީ ދާއިރާ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމްއެންޔޫގެ އަލަށް ގާއިމުކުރި ނާސިން ސްކޫލު ހުޅުވަން މިއަދު ބޭއްވި ހަފްލާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްއެންޔޫގެ އަލަށް ގާއިމުކުރި ނާސިން ސްކޫލު ހުޅުވަން މިއަދު ބޭއްވި ހަފްލާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްއެންޔޫގައި ހިންގާ ކޯސްތަކުގެ ތެރެއިން ދަރިވަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެއް ކޯހަކީ ނާސިންގެ ޕްރޮގްރާމެވެ. ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން އެ ޔުނިވާސިޓީން މިހާރު ވެސް އަންނަނީ އަހަރަކު ހަތަރު ފަހަރަށް ނާސިންގެ ޕްރޮގްރާމްތަކަށް ހުޅުވާލަމުންނެވެ. އެއީ ޖެނުއަރީ އާއި އޭޕްރީލް މަހާއި ޖޫންގެ އިތުރުން ސެޕްޓެމްބަރު މަހެވެ.

މީގެ ކުރިން ނާސިންގެ ކޯސްތައް ހިންގީ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ދަށުންނެވެ. އެކަމަކު ދެން އެ ކޯސްތައް ހިންގާނީ ނާސިން ސްކޫލުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިން ސްކޫލުގެ ޑީން އާސިޔާ އިބްރާހިމް ވިދާޅުވީ، ނާސިން އަށް ހާއްސަ ތަނެއް ހަމަޖެއްސުމުން، އެ ދާއިރާގެ ކޯސްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

އެމްއެންޔޫގެ ނާސިން ސްކޫލުގެ ލެބޯޓަރީގައި ދަރިވަރުން ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްއެންޔޫގެ ނާސިން ސްކޫލުގެ ލެބޯޓަރީގައި ދަރިވަރުން ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ އެމްއެންޔޫ އިން ތަމްރީނުވެފައިވާ ގިނަ އަދަދެއްގެ ނަރުހުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ ސިއްހީ ދާއިރާ ތަރައްގީ ވާއިރު، ނާސިންގެ ދާއިރާއިން އިތުރަށް މީހުން ތަމްރީނުކޮށްދޭން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އާސިިޔާ ވިދާޅުވީ ނާސިންގެ ކުރިމަގަށް ބަލާއިރު، އެ ދާއިރާއިން ސްޕެޝަލިޓީގެ ކޯސްތައް ހިންގަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ކެމްޕަސްތަކުގައި ޑިގްރީ އަދި މާސްޓާސް ފެންވަރަށް ނާސިންގެ ކޯސްތައް ހިންގައި، އެ ދާއިރާއިން ރާއްޖޭގައި ތިބެގެން ޕީއެޗްޑީ އަށް ކިޔެވޭނެ މަގު ފަހިވެގެން ދިއުމަކީ ވެސް އުއްމީދެއް ކަން އާސިޔާ ފާހަގަކުރެއްވި އެވެ.

އެމްއެންޔޫގައި މިހާރު ވެސް 900 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ނާސިން ކިޔަވަމުންނެވެ.