Roadha Mihaaru
އިބާ: ނަރުހުންނާ މެދު ދެކޭ ގޮތް ބަދަލުކޮށްލާނެ

އިބާ: ނަރުހުންނާ މެދު ދެކޭ ގޮތް ބަދަލުކޮށްލާނެ

22 އޮކްޓޯބަރ 2022

ކިޔެވުމަށް އަބަދު ވެސް މޮޅުވުމުން ގިނަ މީހުން އާމިނަތު އިބާ މުހައްދަށް ލަފާ ދިނީ ވެސް ޑޮކްޓަރުކަމުން ކުރިއަށް ދިއުމަށެވެ. އެކަމަކު، އެ ކަމަށް ކޮންމެ ވެސް ޝައުގެއް ހުއްޓަސް އެއީ، އޯ ލެވެލް އަދި އޭ ލެވެލްގައި މުޅި ރާއްޖެއިން އެއް ވަނަ ހޯދި ޒުވާނާ ސީދާ ކުރިއަށްދާން ނިންމައިގެން ހުރި ދާއިރާއެއް ނޫނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކިޔެވުމަށް އަބަދު ވެސް މޮޅުވުމުން ގިނަ މީހުން އާމިނަތު އިބާ މުހައްދަށް ލަފާ ދިނީ ވެސް ޑޮކްޓަރުކަމުން ކުރިއަށް ދިއުމަށެވެ. އެކަމަކު، އެ ކަމަށް ކޮންމެ ވެސް ޝައުގެއް ހުއްޓަސް އެއީ، އޯ ލެވެލް އަދި އޭ ލެވެލްގައި މުޅި ރާއްޖެއިން އެއް ވަނަ ހޯދި ޒުވާނާ ސީދާ ކުރިއަށްދާން ނިންމައިގެން ހުރި ދާއިރާއެއް ނޫނެވެ.

ނަމަވެސް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ގްރޭޑު 12 ކިޔަވަމުން ދަނިކޮށް އިބާ، 23، ވަނީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ނިންމުން ނިންމައިފަ އެވެ. އަބަދު ވެސް ރަން ވަނަތަކެއް ހޯދާތީ އެމްބީބީއެސް ހެދުމަށް ބުނަމުންދާ ދިއުންތަކާ ހިލާފަށް އޭނާ ނިންމީ ނާސިންގެ ދާއިރާއިން ކުރިއަށްދާށެވެ.

އިބާ ބުނިގޮތުގައި އޭނާގެ ސިކުނޑީގައި ވެސް ކުރިން އިންނަނީ ކިޔެވޭނެ ހަމައެކަނި ދާއިރާއަކީ މެޑިސިން ކަމަށެވެ. ސިއްހީ ދާއިރާއަށް މުހިއްމު ނާސިންނަކީ ވެސް އޮތް ފުރުސަތެއް ކަމެއް އޭރު އެއްވެސް މީހަކު ކިޔައިނުދޭ ކަމަށް އޭނާ ބުންޏެވެ.

ނާސިންގެ ކޯހުން އެއް ވަނަ ލިބުނު އިބާއަށް، ކުރީގެ މިނިސްޓަރު އަނީސާ ރައީސްގެ އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެމްއެންޔޫ

ނާސިންގެ ކޯހުން އެއް ވަނަ ލިބުނު އިބާއަށް، ކުރީގެ މިނިސްޓަރު އަނީސާ ރައީސްގެ އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެމްއެންޔޫ

"މި ސޮސައިޓީގައި އިންނަ އެއްޗަކީ ނާސިންނަކަށް ނުދާނެއޭ އެހާ ކިޔެވުމުގައި އުޅޭ ކުދިންނެއް. އެހެންވެ، ކުރިން ވެސް ކޮންސިޑާއެއް ނުކުރަން. ދެން ބަލައިލީ މެޑިކަލް ފީލްޑުގައި ދެން ހުރި އޮޕްޝަންސްތައް. ބަލައިލިއިރު ނަރުހުން ބޮޑަށް ބަލި މީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ. ހުރިހާ ކެއާއެއް ވެސް އެންމެ ގާތުން ދެނީ ނަރުހުން. އެހެންވެ، ބޮޑަށް ޝައުގުވެރިކަން އުފެދުނީ ނާސިންނަށް،" މިދިޔަ ޖުލައި މަހު ކިޔެވުން ނިންމައި، ވަޒީފާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި ޒުވާނާ ބުންޏެވެ.

ރައީސްގެ ސްކޮލަޝިޕް ދޫކޮށްލައި ކިޔެވީ ރާއްޖޭގައި

ރަން ވަނަތަކެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެން އއ. ހިމަންދުއަށް އުފަން އިބާ ވަނީ 2015 ވަނަ އަހަރު ހިރިޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދައިފަ އެވެ. އޭ ލެވެލްގައި ވެސް ހަތް މާއްދާއިން އޭ ހޯދައިގެން އޭނާއަށް ރައީސްގެ ސްކޮލަޝިޕް ލިބުނެވެ.

މަސައްކަތްކުރީ ވެސް އެކަމަށް އަމާޒުކޮށްގެންނެވެ. އެކަމަކު، އިބާ ނެގީ ތަފާތު ނިންމުމެކެވެ.

ނަރުސްކަމުން ކުރިއަށްދާން ނިންމައި، އެކަމަށް އެންމެ ރަނގަޅު ޔުނިވާސިޓީއެއް ހޯދުމަށް އެ ދާއިރާގައި ތިބި ގިނަ ބައެއްގެ ހިޔާލު ހޯދި އެވެ. އެ އެންމެން ކަހަލަ ގޮތަކަށް އިބާއަށް ލަފާދިނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ނާސިން ސްކޫލުގައި ޑިގްރީ ހެދުމަށެވެ.

އިބާ (ވ)، ހިރިޔާ ސްކޫލުގައި 2016 ވަނަ އަހަރު ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމާއެކު.

އިބާ (ވ)، ހިރިޔާ ސްކޫލުގައި 2016 ވަނަ އަހަރު ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމާއެކު.

އެ ހިޔާލުތަކާ އެއްގޮތަށް އޭނާ ނިންމީ ރާއްޖޭގައި، އާއިލާ ކައިރީގައި މަތީ ތައުލީމް ހާސިލްކުރާށެވެ.

"ރާއްޖޭގައި ވަރަށް ބޮޑަށް ޕްރެކްޓިކަލް ބަޔަށް ފޯކަސްކޮށްފައި އޮވޭ މި ކޮޅުގައި ކިޔެވީމަ. އެހެންވެގެން ބޮޑަށް،" އިބާ ބުންޏެވެ.

އެމްއެންޔޫގައި ހަތަރު އަހަރުގެ ޑިގްރީ ކިޔަވަން ފެށިތަނާ އެ ޔުނިވާސިޓީން ވަނީ ސްކޮލަޝިޕަށް ހުޅުވާލައިފަ އެވެ. އެހެންވެ، ރައީސްގެ ސްކޮލަޝިޕާއި އެމްއެންޔޫ ސްކޮލަޝިޕް އަޅައި ކިޔުމަށްފަހު އިބާ ނިންމީ، އޭނާއަށް އެންމެ ރަނގަޅު ފުރުސަތަކަށް ވާނީ ޔުނިވާސިޓީގެ ސްކޮލަޝިޕް ކަމަށެވެ. އެއާއެކު، އެންމެ ޝަރަފުވެރި ސްކޮލަޝިޕް ދޫކޮށްލި އެވެ.

"އެމްއެންޔޫ ސްކޮލަޝިޕްގައި ބޮންޑެއް ނެތުމާއި ސްޓައިޕެންޑަށް ލިބޭނެ ވަރު ވަރަށް ސާފުކޮށްފައި ބުނެފައި އޮތީމަ ރައީސްގެ ސްކޮލަޝިޕް ދޫކޮށްލައި އެމްއެންޔޫ ސްކޮލަޝިޕްގައި ކިޔެވީ،" އިބާ ބުންޏެވެ.

އޭނާ ބުނީ މޮޅު ނަތީޖާއެއް ހޯދައިގެން ވެސް ރާއްޖޭގައި ކިޔަވަން ނިންމުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި ކަމަށެވެ. އެކަމަކު، އެ ހުރިހާ ފާޑުކިޔުމަކަށް ބީރު ކަންފަތެއް ދީ، ހަތަރު މީހުންގެ އާއިލާގައި އެންމެ ހަގަށް ހުރި އިބާ ވަނީ މިދިޔަ ހަފުތާގައި އެމްއެންޔޫއިން ބޭއްވި ގްރެޖުއޭޝަންގައި ނާސިން ކޯހުން ވެސް އެއްވަނަ ހޯދައިފަ އެވެ.

އިބާ: އޭނާ ނާސިން ކިޔެވީ ރައީސްގެ ސްކޮލަޝިޕް ދޫކޮށްލުމަށްފަހު، އެމްއެންޔޫގެ ސްކޮލަޝިޕްގައި.-- ފޮޓޯ ފަޔާޒު މޫސާ/ މިހާރު

އިބާ: އޭނާ ނާސިން ކިޔެވީ ރައީސްގެ ސްކޮލަޝިޕް ދޫކޮށްލުމަށްފަހު، އެމްއެންޔޫގެ ސްކޮލަޝިޕްގައި.-- ފޮޓޯ ފަޔާޒު މޫސާ/ މިހާރު

ނާސިންނާ މެދު ގޯސް ނަޒަރެއް، ބަދަލެއް ގެނެވޭނެ ކަމުގެ އުއްމީދުގައި

އިބާ ބުނިގޮތުގައި، އޭނާ ނާސިން ހަދަން ނިންމައި ކިޔަވަން ފެށުމުން ވެސް އެ ދާއިރާއިން ކުރިއަށްދާނީ ވަރަށް ދަށް ކުދިން ކަމަށް މީހުން ބުންޏެވެ. އެކަމަކު، އަމިއްލަ ތަޖުރިބާގެ އަލީގައި އެ ޒުވާނާ ބުނީ، އެހެން ދާއިރާތަކޭ އެއްގޮތަށް ވެސް މިއީ، ވަރަށް ރަނގަޅަށް އަދި ގިނަ ވަގުތު ހޭދަކޮށްގެން ނޫނީ ކިޔެވޭނެ ދާއިރާއެއް ނޫނެވެ.

"ނާސިން ކެރިއާ ނޫނަސް އަޅުގަނޑު ބުނަން ބޭނުންވަނީ ސްކޫލުގައި މަތީ މާކްސް ލިބުނޭ ކިޔާފައި ނުޖެހެއޭ ވަކި ފީލްޑުތަކެއް އިހުތިޔާރު ކުރާކަށް. ހަމައެކަނި މެޑިސިން، އިންޖީނިއަރިން ނޫނީ ލޯއެއް ނޫނޭ އޮޕްޝަންސްތަކަށް ވާންޖެހޭނީ. މާކްސް މަތިވިޔަސް އެހެން ދާއިރާއަކަށް ދިއުމަކީ މީހާގެ ހުރި ގާބިލްކަން ބޭކާރުކޮށްލުމެއް ނޫނޭ. އެހެން ދާއިރާތަކަށް ވެސް ތި ހުނަރާއި ގާބިލްކަން އެބަ ބޭނުންވެއޭ،" ނާސިންގެ ވަކި ސްޕެޝަލައިޒޭޝަނެއް ކަނޑަނޭޅިއަސް، އެކަމުން ކުރިއަށް ދާން ނިންމައިގެން ހުރި އިބާ ބުންޏެވެ.

އޭނާ ބުނީ މީހުން ކިޔާ އެއްޗިއްސަށް ނުބަލައި، ނަތީޖާ ކިތަންމެ ރަނގަޅު ނަމަވެސް ނާސިންނަކީ ވަރަށް ރަނގަޅު ދާއިރާއެއް ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ދަރިވަރުން، އެ ކެރިއާ އިހުތިޔާރުކުރަން ވިސްނުމަށް އޭނާ އެދެ އެވެ.

ދުނިޔޭގެ ކޮންމެ ތަނަކުން، ބޭނުން ދާއިރާއަކުން ކިޔެވުމަށް ފުރުސަތު ލިބިފައި އޮއްވައި، އާއިލާގެ ފުރިހަމަ ސަޕޯޓާއެކު އިބާ މި ނިންމި ނިންމުމާއެކު، ނަރުހުންނާ މެދު އާއްމުން ދެކޭ ގޮތް ބަދަލުވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.

"އެއްވެސް ވަރަކަށް ރިގްރެޓެއް ނުކުރަން މި ގޮތަށް ނިންމުނީމަ،" އިބާ ބުންޏެވެ.