Roadha Mihaaru
ސައުދީން ހައްޔަރުކުރި ބައެއް މީހުން ދޫކުރަން ފަށައިފި

ސައުދީން ހައްޔަރުކުރި ބައެއް މީހުން ދޫކުރަން ފަށައިފި

27 ޖެނުއަރީ 2018

ރިޔާޒް (ޖެނުއަރީ 27) - ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހު ސައުދީ އަރަބިއާ އިން ހައްޔަރުކުރި އެ ގައުމުގެ އެންމެ ނުފޫޒު ގަދަ އަދި މުއްސަނދިންގެ ތެރޭން އިތުރު މީހުން ދޫކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޖެނުއަރީ 27) - ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހު ސައުދީ އަރަބިއާ އިން ހައްޔަރުކުރި އެ ގައުމުގެ އެންމެ ނުފޫޒު ގަދަ އަދި މުއްސަނދިންގެ ތެރޭން އިތުރު މީހުން ދޫކުރަން ފަށައިފި އެވެ.

އެންމެ ފަހުން ދޫކުރި މީހުންގެ ތެރޭގައި މެދުއިރުމަތީގެ އެންމެ ބޮޑު ޓީވީ ނެޓްވޯކް އެމްބީސީގެ ޗެއާމަން ވަލީދު އަލް އިބްރާހިމ އާއި ރޯޔަލް ކޯޓުގެ ކުރީގެ ވެރިޔާ ޚާލިދު އަލް ތުވާޖިރީ ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހުން މިނިވަންވުމަށް ޓަކައި ވަނީ ފައިސާގެ ބޮޑު އަދަދެއް ސަރުކާރަށް ދައްކައިފަ އެވެ. ނަމަވެސް އެއީ ކިހާވަރެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ޚަބަރުތައް ބުނި ގޮތުގައި އެމްބީސީގެ ހިއްސާގެ ބައެއް ސަރުކާރަށް ދިނުމަށް އަލް އިބްރާހިމް ވަނީ އެއްބަސްވެފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ ސައުދީން ވަނީ 200 ވަރަކަށް މީހުން ހައްޔަރުކޮށްފަ އެވެ. ބިލިއަނަރުން ބަންދުކޮށްފައި ތިބި ރިޔާޒުގެ ރިޒް ކާލްޓަން ހޮޓާ އަންނަ މަހު 14 އިން ފެށިގެން ގެސްޓުންނަށް އަލުން ހުޅުވާލާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ސައުދީ ސަރުކާރުން އުއްމީދުކޮށްފައި ވަނީ ބަންދުގައި ތިބި މީހުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ސަރުކާރަށް ފައިސާ ދެއްކި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ސައުދީ ބިން ލާދިން ގްރޫޕުން މިހާރު ވަނީ ކުންފުނީގެ ބައެއް ހިއްސާ ސަރުކާރަށް ދޭން އެއްބަސްވެފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ވަނީ ބިން ލާދިން ގްރޫޕުގެ ޗެއާމަން ބަކްރު ބިން ލާދިން ހައްޔަރުކޮށްފަ އެވެ. އޭގެ ކުރިން ވަނީ ޕްރިންސް މުތުއަބް ބިން އަބްދުﷲ މިނިވަންކޮށްފަ އެވެ. ސައުދީގެ ބައެއް ނޫސްތަކުން ބުނީ މުތުއަބް މިނިވަން ކުރީ އެއް ބިލިއަން ޑޮލަރު ސަރުކާރަށް ދިނުމުން ކަމަށެވެ.

ސަރުކާރަށް ފައިސާ ދައްކަން އެއްބަސް ނުވާ މީހުން ދެން ފޮނުވާނީ ޖަލަށެވެ. ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު އެއް ބޭފުޅާ ކަމަށްވާ ޕްރިންސް ވަލީދު ބިން ތަލާލް ވެސް މިހާރު ދަނީ ސަރުކާރަށް ފައިސާ ދޭން މަޝްވަރާ ކުރަމުންނެވެ. ފޯބްސް އިން އަންދާޒާކޮށްފައިވާ ގޮތުގައި ކިންގްޑަމް ހޯލްޑިންގެ ޗެއާމަން ވަލީދުގެ މިލްކިއްޔާތުގެ އަގު 17 ބިލިއަން ޑޮލަރަށް އަރަ އެވެ.