Roadha Mihaaru
މިޝްޔާއަށް ވާހަކަ ނުދެއްކޭތީ ސްޕީޗް ތެރަޕީ ފަށައިފި

މިޝްޔާއަށް ވާހަކަ ނުދެއްކޭތީ ސްޕީޗް ތެރަޕީ ދޭން ފަށައިފި

25 ޖެނުއަރީ 2018

އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން ހާލު ސީރިއަސްވި އައިޝަތު މިޝްޔާއަށް ވާހަކަ ނުދެއްކޭތީ ސްޕީޗް ތެރަޕީ ދޭން ފަށާފައިވާ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އާދައިގެ ހުމެއް ކަމަށް ބަލައި، އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ނުދިނުމުން ހާލު ސީރިއަސްވި އައިޝަތު މިޝްޔާއަށް ވާހަކަ ނުދެއްކޭތީ ސްޕީޗް ތެރަޕީ ދޭން ފަށާފައިވާ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

ހަ އަހަރުގެ މިޝްޔާ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައިޖީއެމްއެޗަށް ގެންދިޔައީ ހުން އައުމުންނެވެ. އެއީ އާދައިގެ ހުމެއް ކަމަށް ބަލައި ހަތަރު ދުވަސް ވާންދެން އެތަނުގައި ފަރުވާ ދިނެވެ. ނަމަވެސް ހާލަތަށް ބަދަލެއް ނައުމުން ސްރީ ލަންކާ އަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގުނެވެ.

މިޝްޔާގެ ބައްޕަ، ފުއާދު އަހުމަދު ބުނިގޮތުގައި ލަންކާގައި ފަރުވާ ދެމުން އަންނަތާ މަހެއް ވެފައިވާއިރު ދަރިފުޅަށް އަދިވެސް ވާހަކައެއް ނުދެއްކެ އެވެ. އެހެންވެ ނަވަލޯކާ ހޮސްޕިޓަލުގައި މިހާރު އޭނާއަށް ސްޕީޗް ތެރަޕީ ދެމުން އަންނަ ކަމަށް ބުންޏެވެ.

މިޝްޔާ ލަންކާއަށް ގެންދިޔައިރު ލޮލާއި އަނގަ ނުހުޅުވޭ ކަމަށާއި ތަނެއްގައި އިށީނދެ ވެސް ނީނދެވޭ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

"މިހާރު މިޝްޔާއަށް އިށީނދެގެން އިނދެވޭ. އެކަމަކު ވާހަކައެއް ނުދެއްކޭ، ނުހިނގޭ. އެހެންވެ، ވާހަކަ ދެއްކޭތޯ ބްރެއިން ސްޓިމިއުލޭޓްކޮށްގެން މިހާރު ސްޕީޗް ތެރަޕީ ދެމުން މިދަނީ،" ފުއާދު ބުންޏެވެ.

މިޝްޔާއަށް ޖެހިފައި ވަނީ ނިއުރޯ މައިލީޓިސް އޮޕްޓިކާ (އެންއެމްއޯ) ކިޔާ ބައްޔެއް ކަމަށް ވަނީ ދެނެގަނެވިފަ އެވެ. މިއީ އާއްމުކޮށް ނުފެންނަ އެކަމަކު ހާލު ވަރަށް ސީރިއަސް ވެދާނެ ފަދަ މައްސަލައެކެވެ.

ފުއާދު ބުނީ މިޝްޔާއަށް އަމިއްލައަށް ކަންކަން ކުރެވޭ ވަރަށް ސިކުނޑިން ސިގްނަލް ފޮނުވައި ނުދޭ ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. ދަރިފުޅު މުޅިން ރަނގަޅު ކުރެވެން އޮތީ އަހަރެއް ވަންދެން އެންޓިބޮޑީސް ފަރުވާ ދީގެންނެވެ. އެ ފަރުވާ ދެމުން އަންނަ އިރު ވެސް ބަލި ބޮޑުވެ ހާލު ސީރިއަސް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، ފުއާދު ބުންޏެވެ.

ފުއާދުގެ ހަ އަހަރުގެ މިޝްޔާ: އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ލަންކާގައި

ފުއާދުގެ ހަ އަހަރުގެ މިޝްޔާ: އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ލަންކާގައި

އޭނާ ގަބޫލުކުރާ ގޮތުގައި ދަރިފުޅުގެ ހާލު އެހާ ބޮޑަށް ދަށްވީ އާދައިގެ ހުމެއް ކަމަށް ބަލައި އައިޖީއެމްއެޗުން އަޅާ ނުލުމުންނެވެ. އަދި ހަތަރު ދުވަސް ވީ އިރު ވެސް ދަރިފުޅުގެ ހާލަތަށް ބަދަލެއް ނައުމުން، ރާއްޖޭން ބޭރަށް ގެންދަން އެދުމުން ކުޑަކުޑަ ކަމެއް ބޮޑުކުރަނީ ކަމަށާއި ބޭރަށް ގެންދިޔުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ ޑޮކްޓަރު ރުޅިގަދަވެގެން އޭނާއާ ވާހަކަ ދެއްކި ކަމަށް ވެސް ފުއާދު ބުންޏެވެ.

އެހެންވެ އެއީ ސިއްހީ އިހުމާލުގެ މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވެސް ބުނެ އެވެ.