Roadha Mihaaru
އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެއްޖެ: މައުމޫން

ޕީޕީއެމްގެ އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެއްޖެ: މައުމޫން

23 ޖެނުއަރީ 2018

ޕީޕީއެމްގެ އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވާ މައުމޫން އަބްދުލް ގައްޔޫމް، އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެންނަވައިފި އެވެ.

ޕީޕީއެމްގެ އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވާ މައުމޫން އަބްދުލް ގައްޔޫމް، އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެންނަވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހު މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، 2013 ވަނަ އަހަރުގެ ޖެނުއަރީ 17 ން 19 އަށް ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ފާސްކުރި އަސާސީ ގަވައިދުގައި، އެ ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލް ކުރެވޭ ގޮތަށް ބާއްވާ ގައުމީ ޖަލްސާއެއް ކޮންމެ ދޭއްބައި އަހަރަކުން އެއް ފަހަރު ބާއްވަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެހެން ގޮތަކަށް އެ ގަވާއިދުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަސާސީ ގަވައިދުގެ ދަށުން އިންތިޚާބު ކުރާ މަގާމުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އެ ތާރީޚުތަކަށް ރިއާޔަތް ކުރައްވަމުން، މައުމޫން ވިދާޅުވީ އަސާސީ ގަވައިދާ އެއްގޮތަށް ޕީޕީއެމް ހިންގުމަށް އިންތިޚާބު ކުރި ކައުންސިލާއި ހުރިހާ ކޮމެޓީތަކާއި ގުނަވަންތަކުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

"އެހެންކަމުން، ޕާޓީގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު މާދަމާ ހަމަވާނެތީ، އެ ހިސާބުން ޕާޓީ ހިންގުން ހުއްޓޭނެ ކަމަށް ގަބޫލުކުރެވެ އެވެ. މިކަމުގައި ޕާޓީގެ އާއްމު މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، ޕާޓީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، ތިޔަ ކޮމިޝަންގެ ސަމާލުކަމަށް މިކަން ގެންނަމެވެ،" މައުމޫން ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ ދައުރު ވެސް އެ ދުވަހު ހަމަވާތީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބޭއްވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ޕާޓީގެ ޓިކެޓްގައި ރިޔާސީ ކެންޑިޑޭޓަކު ނެރުމާ މެދު ވެސް ގާނޫނީ އެތައް ސުވާލުތަކެއް އުފެދިފައިވާކަން ވެސް އެ ސިޓީގައި މައުމޫން ފާހަގަކުރައްވާފައިވެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީ މިދަނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށެވެ. ވީމާ ޕާޓީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މިކަންކަން ތިޔަ ކޮމިޝަނުގެ ސަމާލުކަމަށް ގެނައީމެވެ،" ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ބާރު އޮންނަ ކައުންސިލްގެ އިއްތިފާގުން، އެ ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވާ މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެ ޕާޓީގެ ރައީސްކަމާއި މެމްބަރުކަމުން ވެސް މައުމޫން ވަކިކުރައްވާފައިވާއިރު، ޕީޕީއެމް މިހާރު ހިންގަވަނީ މުސްތަޝާރުގެ ހައިސިއްޔަތުން ރައީސް ޔާމީނެވެ.