Roadha Mihaaru
ވިލާގެ ރިސޯޓުތަކުގެ މައްސަލާގައި މަޓީ ހިމޭނުން!

ވިލާގެ ރިސޯޓުތަކުގެ މައްސަލާގައި މަޓީ ހިމޭނުން!

18 ޖެނުއަރީ 2018

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ކުންފުނި، ވިލާ ހޮޓެލްސްގެ ރިސޯޓުތަކުގައި ހުރި ރަލާއި އޫރުމަސް ރަށުން ބާލަން ކަސްޓަމްސް އިން މަސައްކަތްކުރަމުން ދާ އިރު، ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ އެންމެ ބޮޑު ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެއްވެސް ވާހަކައެއް ނުދައްކާތީ ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައެއް މީހުން ބުނީ މީގެ ކުރިން އެއްވެސް ރިސޯޓެއްގައި ކަސްޓަމްސް އިން ހިންގާފައިނުވާ ފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު ޓޫރިޒަމާއި ޓޫރިސްޓުންގެ ހައްގުގައި ވެސް މަޓީން އެއްވެސް އެއްޗެއް ނުބުނެ ހިމޭންވުމަކީ މައްސަލައެއް ކަމަށެވެ.

ސަން އައިލެންޑް ރިސޯޓުގެ އިތުރުން، ވިލާގެ ޕެރެޑައިސް އާއި ރޯޔަލް އާއި ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓު ބަލާ ފާސްކުރަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އަށް ދޫކުރި ބަނގުރާތަކެއް އެ ރިސޯޓާ ގުޅުން ހުރި އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށެވެ. އެކަމަކު މި އަމުރުގައި އެއްވެސް އެއްޗެއް އެ ރިސޯޓުތަކުން ގެންދެވޭނެ ކަމުގެ ވާހަކައެއް ބުނެފައެއް ނެތެވެ.

މަޓީގެ ވައިސް ޗެއާމަނަކީ ވިލާ ހޮޓެލްސްގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އޭނާ މިހާރު ހުންނެވީ ޖަރުމަނަށް އަރުވާލެވިގެންނެވެ. ޖަރުމަނަށް ވަޑައިގަތީ، ތިން އަހަރަށް އިއްވި ޖަލު ހުކުމުގައި ހުންނަވަނިކޮށް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ހަތަރު ރިސޯޓްގައި އެއްފަހަރާ ކުރިއަށް ގެންދާ އޮޕަރޭޝަނާ މެދު މަޓީން ދެކޭ ގޮތެއް ހޯދަން މީޑިއާތަކުން މިއަދު ތަކުރާރުކޮށް ގުޅުމުން ވެސް އެ ޖަމިއްޔާގެ ވެރިން ޖަވާބެއް ނުދެއްވަ އެވެ. ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު އަހުމަދު ނަޒީރު ފޯނެއް ނުނަންގަވަ އެވެ. އަދި އެސްއެމްއެސްތަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

މަޓީގެ ޗެއާމަނަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އަދި ވައިސް ޗެއާމަނުންގެ ގޮތުގައި ތިއްބަވަނީ ގާސިމްގެ އިތުރުން ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު ޗަމްޕާ ހުސެއިން އަފީފެވެ.