15 ޖެނުއަރީ 2018
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރުމަށް އެ ޕާޓީން ޓިކެޓް ދޭނެ މީހަކާއި އެކަން ކުރާނެ ގޮތެއް އިދިކޮޅު ފަރާތްތަކަށް ނޭނގޭނެ ކަމަށް ބުނެ، ޕީޕީއެމްގެ އިސް ވެރިން މިރޭ ރައްދު ދީފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރުމަށް އެ ޕާޓީން ޓިކެޓް ދޭނެ މީހަކާއި އެކަން ކުރާނެ ގޮތެއް އިދިކޮޅު ފަރާތްތަކަށް ނޭނގޭނެ ކަމަށް ބުނެ، ޕީޕީއެމްގެ އިސް ވެރިން މިރޭ ރައްދު ދީފި އެވެ.
މިއަދު ހަވީރު އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޕްރައިމަރީ އަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީން ވިސްނި ނަމަވެސް، އެއީ ގަވައިދާ އެއްގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ އިތުރުން ޑިމޮކްރަޓިކް އުސޫލުތަކާ ވެސް ޚިލާފުކަމެއް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ މީހަކާ ދޭނެ ގޮތެއް އިދިކޮޅު ފަރާތްތަކަށް ނޭނގޭނެ ކަމަށާއި އެކަން އެނގޭނީ ޕީޕީއެމްގެ ކައުންސިލަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން ޕީޕީއެމްގެ މިހާރުގެ އެންމެ އިސް ވެރިއަކީ ޕާޓީގެ މުޝްތަޝާރު، ރައީސް ޔާމީން ކަމަށާއި އެ ޕާޓީގެ ގާނޫނީ ކައުންސިލަކީ ވެސް މުޝްތަޝާރު ރިޔާސަތު ބަލަހައްޓަވާ ކައުންސިލެއް ކަމަށް ވިދާޅުވި އެވެ.
"ޕީޕީއެމްގެ ކައުންސިލުން ބޭނުން ވެއްޖެ ނަމަ ޕްރައިމަރީއަކާ ނުލައި އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމުގެ ބާރު، މި ޕާޓީގެ އަސާސީ ގަވައިދުން ޕީޕީއެމްގެ ކައުންސިލަށް ލިބިގެންވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވެސް މިރޭ ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފަ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަން ދޭނެ މީހެއް އެނގޭނީ އެ ޕާޓީ އަށް ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޗެލެންޖުނުކޮށް، "ތިމާމެން އަމިއްލަ އަށް ނެރޭނެ ކެންޑިޑޭޓަށް، ޓިކެޓެއް އޮމާން ޓިނުގައި އެންގްރޭވްކޮށްފަ ދޭންވީނޫންހޭ" އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ކުރިމަތިލައްވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ރައީސް ޔާމީންގެ ފޮޓޯއެއް މިރޭ ޓްވީޓް ކުރައްވައިފަ އެވެ. އެއާއެކު ދެން އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ދޭނެ މީހެއް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށާއި ކައުންސިލްގެ މެޖޯރިޓީ އޮތީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ.
"މިހާރު"އާ ކުރިން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި ޕްރައިމަރީއަކަށް ނުގޮސް ރައީސް ޔާމީނަށް ފުރުސަތު ދެއްވަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެގޮތަށް ނިންމުމަށް އެދިި ކައުންސިލަށް ހުށަހެޅުއްވުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
PPM ge Riyasee Candidate kan Dheyne Meeheh ingeynee PPM Ah, MUO akah noon, Thimaa men Amilla ah Nereyne Candidate ah tkt eh omaan tinu ga engrave kohffa dheyn vee nun Challenge nukoh!
— Ahmed Nihan (@ahmed_nihan) January 15, 2018
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ ގައުމެއްގެ ރައީސަކު ދެ ވަނަ ދައުރަކަށް ކުރިމަތިލާއިރު، އެއީ ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކުގެ ދަށުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި ޕީޕީއެމުން އެ އުސޫލުތަކާ ޚިލާފަށް އަމަލު ކުރުމަކީ ހުދުމުހުތާރު އަދި ޑިމޮކްރަސީއާ ބީރައްޓެހި އަމަލެއް ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ، ރިއާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ވާނީ އެކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ. ޕީޕީއެމްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ފުރަތަމަ ދައުރު ފުރިހަމަކޮށް ނިމޭ އިރު ބާއްވާ އިންތިހާބުގައި، އަމަލުކުރާނެ ގޮތް ބަޔާންކުރާ މާއްދާގައި ބުނެފައި ވަނީ، ޕީޕީއެމްގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެ ވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއެއް ނުބާއްވައި އެ ބޭފުޅަކަށް ޓިކެޓް ދެވިދާނެ ކަމަށެވެ.
PPM ge council in beynun vejje nama primary akaa nulaa,Anna Riyaasee inthikh’aabugai PPM ge Riyaasee ticket RY ah dhinumuge baaru PPM ge AQ in PPM ge council ah libigenvey.
— Abdul Raheem Abdulla (@Banafsaa) January 15, 2018
ޕްރައިމަރީއެއް ބާއްވަން ޖެހޭނީ، ޕްރައިމަރީ ބާއްވަން ފެންނަ ކަމަށް ކޮންގްރެސްގެ ބައްދަލުވުމުން ފާސްކޮށްފި ނަމަ އެވެ.
އަމީތު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކައުންސިލްގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ވަކިކޮށް، ސައްހަ ނޫން ކައުންސިލަކުން، އާއްމުކޮށް އިއުލާނު ކުރުމަކާ ނުލައި ވަކި މީހަކަށް ދޭ ޓިކެޓެއްގައި ގާނޫނީ ސައްހަ ކަމެއް ނޯންނާނެ އެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކަށް ފަހުން ޗެލެންޖު ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ވެސް ގޯސްވީ، ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީގެ ކައުންސިލަށް ގަރާރެއް ހުށަހަޅަން އުޅުނު ހިސާބުންނެވެ. އޭރު އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ޕާޓީން ވަކި ކުރެއްވީ އެ މައްސަލަގަނޑުގެ ތެރެއިންނެވެ.
"އެންޓި ޑިފެކްޝަން ގާނޫނެއް ބަދަލަކާއެކު މުހިންމު"
އިބޫގެ އަމަލުތައް ހުރީ ޖެއްސުންކުރާ ގޮތަށް: ނިހާން
ރައީސް ޔާމީން މަގާމަށް ފިޓުކަން ދައްކައިދީފި: ނިހާން
ގާސިމްގެ ވާހަކައަކީ ވެރިކަން ވައްޓާލުމުގެ އިއުތިރާފެއް
ސިފައިންނާއި ފުލުހުންނަށް އަމުރުކުރަނީ ނިހާނާއި އަދުރޭ
ފުލުހުންނަށް ޕީޕީއެމުން ގޮތް ކިޔައިދޭތީ ކަންބޮޑުވޭ
ޕްރައިމަރީއާ ނުލައި ރައީސަށް ޓިކެޓް ނުދެވޭނެ: އިދިކޮޅު
ރިޔާސީ އިންތިހާބު ފަސްކުރަން އިދިކޮޅުން ގޮވާލައިފި
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ކާމިޔާބުން އެނގުނީ ޔާމީނަށް ދެމުންދާ އަނިޔާ: އަދުރޭ