13 ޖުލައި 2016
ދަތުރު ކުރާއިރު މީހުން ދޭ އެއްޗިއްސާ އެއްވެސް ސުވާލެއް ނެތި ގިނަ ދިވެހިން ހަވާލުވެ އެވެ. ދަތުރުފަތުރު ކުރުމުގައި ރާއްޖޭގައި ހުރި އުނދަގޫތަކުގެ ސަބަބުން އެހެން މީހުން ހަވާލުކުރާ އެއްޗެހި ގެންގޮސް ދެނީ އެހީގެ އަތެއް ދިއްކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނަ މިންވަރަށް ބަލާއިރު އެއީ މިހާރު ވަރަށް ނުރައްކާތެރި ކަމެކެވެ.
ދަތުރު ކުރާއިރު މީހުން ދޭ އެއްޗިއްސާ އެއްވެސް ސުވާލެއް ނެތި ގިނަ ދިވެހިން ހަވާލުވެ އެވެ. ދަތުރުފަތުރު ކުރުމުގައި ރާއްޖޭގައި ހުރި އުނދަގޫތަކުގެ ސަބަބުން އެހެން މީހުން ހަވާލުކުރާ އެއްޗެހި ގެންގޮސް ދެނީ އެހީގެ އަތެއް ދިއްކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނަ މިންވަރަށް ބަލާއިރު އެއީ މިހާރު ވަރަށް ނުރައްކާތެރި ކަމެކެވެ.
ފުލުހުންނާއި ކަސްޓަމްސް އިން އަބަދުހެން އިލްތިމާސް ކުރަނީ ދަތުރު ކުރާއިރު މީހުން ހަވާލުކުރާ ތަކެތީގައި ނުހިފުމަށެވެ. އެކަމަކު ހިތާމައަކީ އެގޮތަށް ހަވާލުވާ އެއްޗެހީގެ ތެރެއިން މަސްތުވާތަކެތި ފެނި، ބައެއް ފަހަރަށް ބޮޑު ކުށަކާ ހަވާލުވާން ޖެހުމެވެ.
މިއީ ހޭލުންތެރިކަމާ ގުޅިފައިވާ މައްސަލައެކެވެ.
ކިތަންމެ ކުޑަ މިންވަރެއްގެ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރި ނަމަވެސް އުމުރަށް ޖަލަށް ލުމާ އެކު ބޮޑު އަދަދުތަކުން ޖޫރިމަނާ ވާނެ އެވެ. ރާއްޖޭގެ ގާނޫނުތައް މިހާރު ހުރި ގޮތުން އެއީ އެންމެ ބޮޑު އެއް ކުށެވެ. އެހެންކަމުން ހިތްހެޔޮ ނިޔަތެއްގައި ކުރެވޭ ކަމަކާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެ އޮތީ ވަރަށް ކައިރީގަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ނުވަތަ އެއްޗަކުން ނުވަތަ މީހަކު ގެންގުޅޭ ނުވަތަ ހިފައިގެން އުޅޭ އެއްޗަކުން މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެއީ އެމީހެއްގެ އެއްޗެއް ކަމަށް ބެލެވޭނެ އެވެ.
މީގެ އަހަރުތަކެއް ކުރިން 2009 ގައި ހިނގި ހާދިސާއެކެވެ. ޓެކްސީ ޑްރައިވަރަކު ކާރުގައި ދަނިކޮށް ނަސަންދުރައާ ދިމާލު ތޮށިގަނޑު މަތީގައި ވެރިފަރާތެއް ނެތި ފޮށިގަނޑެއް ހުއްޓާ ފެނުނެވެ. އެ ފޮށިގަނޑު އެ މީހާ އެ ޓެކްސީ އަށް އަރުވައިގެން ގެންގުޅުމަށް ފަހު ކާރު ބާއްވައި، ފޮށިގަނޑު ހިފައިގެން ހިނގައިގަތް ތަނާ ފުލުހުން އޭނާ ހުއްޓުވައި، ފާސްކުރިއިރު އެ ފޮށިގަނޑުގައި އޮތް ރައިސް ކުކަރެއްގެ ފޫ ދަށުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނެވެ.
އެއާޕޯޓެއްގައި ދާގީނާ ބެލްޓް މަތީގައި ފޮށިތަކެއް: ދަތުރު ކުރާއިރު މީހުން ދޭ ގޮތް ނޭނގޭ އެއްޗިއްސާ ހަވާލުވުން ހުއްޓާލަން ޖެހޭ --މިހާރު ފޮޓޯ
އެ މީހާގެ ފަރާތުން ބުނަމުން ދިޔައީ އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެ ފޮށިގަނޑު ގެންގުޅުނީ ވެރިފަރާތެއް ނެތި އެތަނުގައި އޮތުމުން ކަމަށެވެ. އަދި ވެރިފަރާތެއް ނެތި އެހެން ހުންނަ ފޮށިގަނޑުތައް ކުރިން ވެސް ވެރިފަރާތް ހޯދައި އެމީހުންނާ ހަވާލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ފޮށިގަނޑު ކާރުގައި އޮތް ކަމާއި އެ ހޯދަން މީހަކު ގުޅައިފި ނަމަ އޭނާގެ ފޯނު ނަމްބަރު ދޭން ޓެކްސީ ސެންޓަރަށް އެމީހާ އޮތީ އަންގައިފަ އެވެ. އަދި އެފަދަ ފޮށިގަނޑެއް ކާރަށް ލާފައި އޮންނާނެ ކަމަށް އިތުރު ބައެއް ގާތުގައި ވެސް އޭނާ ބުންޏެވެ.
އެކަމަކު ހައި ކޯޓުން ނިންމީ އޭނާ ކުށްވެރިވާ ކަމަށާއި އުމުރަށް ޖަލަށް ލާށެވެ. އެ މައްސަލާގައި ހައި ކޯޓުން 2013 ގައި ކުރި ހުކުމުގައި ވަނީ އެ ފޮށިގަނޑާ މެދު ޒިންމާވާނެ އެހެން ފަރާތެއް އޭނާ އަށް ނުދެއްކޭ ކަމަށާއި އެހެންވެ އޭގެ ޒިންމާ ނަގަން ޖެހޭނީ ވެސް އޭނާ ކަމަށެވެ.
ބައެއް ކޭސްތަކުގައި އެބަހުރި ވަރަށް ގާތް ރަހުމަތްތެރިން ބުނެގެން ގެންގޮސްދޭ އެއްޗެހިން ވެސް މަސްތުވާތަކެތި ފެނިފައި، މަސްތުވާތަކެތި ފެނުނީމަ އެއްކަލަ ރަހުމަތްތެރިޔާ ވެސް މި ބުނަނީ ތިމަންނަ އެއްވެސް އެއްޗެއް ހަވާލެއް ނުކުރަމޭ، ތިމަންނައާ ބެހޭ އެއްޗެއް ނޫނޭ -- ވަކީލެއް
ހދ. ކުޅުދުއްފުށްޓަށް 2009 ގައި ދިޔަ ބޯޓަކުން ގެންދިޔަ ބިސް ކޭހަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ވެސް ކުށްވެރިވީ އެ ފޮށިގަނޑު ބޯޓުން ބާލައިގެން ގެންދިޔަ މީހާ އެވެ. އެ ފޮށިގަނޑު ބޯޓުން ބޭލީ ރަހުމަތްތެރިއަކު ބުނެގެން ކަމަށާއި އެއީ ރަހުމަތްތެރިޔާގެ ގެއަށް ގެންދިޔަ ފޮށިގަނޑެއް ކަމަށް އެ މީހާގެ ބުނެފައިވެ އެވެ. އޭނާގެ ބަހަށް ބާރު ލިބެނީ އެ ފޮށިގަނޑުގައި ރަހުމަތްތެރިޔާގެ ގޭގެ އެޑްރެސް ލިޔެފައި އޮތުމުންނެވެ. އެކަމަކު ރަހުމަތްތެރިޔާއާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އޭނާގެ ގެއަށް އެ ފޮށިގަނޑު ގެންދަން ދައުވާ ލިބޭ މީހާއަށް އަންގާފައިނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުން 2011 ގައި ނިންމީ އެ ފޮށިގަނޑު ބޯޓުން ބޭލި މީހާ ކުށްވެރިވާ ކަމަށާއި އެހެންވެ އޭނާ އުމުރަށް ޖަލަށް ލާށެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑު ބޯޓުން ބާލައިގެން ގެންދަން ދައުވާ ލިބޭ މީހާއަށް އަންގާފައިނުވާ ކަމަށް އޭނާގެ ރަހުމަތްތެރިޔާ ބުނެފައިވުމުން އޭގައި ހުރި ތަކެއްޗަށް ޒިންމާވާން ޖެހޭނީ ދައުވާ ލިބޭ މީހާ އެވެ.
ރާއްޖެ އެތެރެކުރުމުން އަތުލައިގަތް މަސްތުވާއެއްޗެހިތަކެއް: ބައެއް ފަހަރު މީހުން ހަވާލުކުރާ ތަކެތީގައި މަސްތުވާތަކެތި ހުރުމުގެ ބިރު ބޮޑު -- ފޮޓޯ: ކަސްޓަމްސް
އެ ހުކުމްގައިވާ ގޮތުން މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާތަކެތި ފެނުމަކީ މުތުލަގު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައެބިލިޓީ) އުފުލަން ޖެހޭ ބާވަތުގެ ކުށެކެވެ. ސްޓްރިކްޓް ލައެބިލިޓީގެ ކުށްތައް ސާބިތުވަނީ އާންމު ޖިނާއީ ކުށްތައް ސާބިތު ކުރާ ގޮތާއި ތަފާތުކޮށެވެ.
އާންމު ޖިނާއީ މައްސަލަތަކުގައި ކުށުގެ ދެ ރުކުން ދައުލަތުން ސާބިތުކޮށްދޭން ޖެހުނަސް ސްޓްރިކްޓް ލައެބިލިޓީގެ ކުށުގެ މައްސަލަތަކުގައި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނީ ކުށުގެ މާއްދީ ރުކުން (އެކްޓަސް ރިއާ) އެކަންޏެވެ. މައުނަވީ ރުކުން (މެންސް ރިއާ) ސާބިތުކޮށްދޭން ދައުލަތަކަށް ނުޖެހޭނެ އެވެ. އެހެންވެ މިސާލަކަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ގެންގުޅުމުގެ މައްސަލައެއްގައި ނަމަ ދައުލަތުން ހަމައެކަނި ސާބިތުކޮށްދޭން ޖެހޭނީ ދައުވާ ލިބޭ މީހާގެ ކޮންޓްރޯލް އޮތް ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާތަކެތި ފެނުނު ކަމެވެ. އެ މަސްތުވާއެތި ގެންގުޅުމުގެ ނިޔަތް ނުވަތަ ގަސްދު ދައުވާ ލިބޭ މީހާގެ ކިބައިގައި އޮތްކަން ސާބިތުކޮށް ދޭކަށް ދައުލަތަކަށް ނުޖެހޭނެ އެވެ.
ލަގެޖް ބަރުވެއްޖެއޭ ކިޔާފައި ދަތުރުކުރާ އެހެން މީހަކު ކައިރީގައި މި ބުނަނީ މި ފޮށިގަނޑާ ހަވާލުވެދޭށޭ. އެކަން މިކުރަނީ އަތުލައިގަނެވޭ ހާލަތުގައި ސަލާމަތްވުމުގެ ފުރުސަތު ހޯދަންވެގެން. އަތުލައިގަނެވުނީމަ އެ މީހަކު ބުނަންވީ ތިމަންނަގެ އެއްޗެއް ނޫނޭ.
އެފަދަ މައްސަލަތަކުގައި ދެން އޮންނާނީ އެއީ އެހެން މީހެއްގެ އެއްޗެއް ކަން ނުވަތަ ދައުވާ ލިބޭ މީހާއާ ގުޅުން ނެތް އެއްޗެއްކަން އޭނާ އަމިއްލައަށް ސާބިތުކޮށް ދިނުމެވެ. އެކަމަކު އެއީ ސާބިތުކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް ބައެއް ވަކީލުން ވިދާޅުވެ އެވެ. އެހެންކަމުން އެ މީހަކު ކުށްވެރިވާނެ އެވެ.
"ބައެއް ކޭސްތަކުގައި އެބަހުރި ވަރަށް ގާތް ރަހުމަތްތެރިން ބުނެގެން ގެންގޮސްދޭ އެއްޗެހިން ވެސް މަސްތުވާތަކެތި ފެނިފައި، މަސްތުވާތަކެތި ފެނުނީމަ އެއްކަލަ ރަހުމަތްތެރިޔާ ވެސް މި ބުނަނީ ތިމަންނަ އެއްވެސް އެއްޗެއް ހަވާލެއް ނުކުރަމޭ، ތިމަންނައާ ބެހޭ އެއްޗެއް ނޫނޭ މި ބުނަނީ. ދެން އެ އެއްޗެއް ހަވާލުކުރިކަން ސާބިތުކޮށްދެވޭނެ މާ ބޮޑު ގޮތެއް ނޯވޭ. އެ ހިސާބުން ގެނައި މީހާ ކުށްވެރިވަނީ،" އެފަދަ ބައެއް މައްސަލަތަކުގައި ވަކާލާތުކުރެއްވި ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަތުރު ކުރާއިރު ކަނޑައެޅިފައިވާ މިންވަރަށް ވުރެ ލަގެޖް ބަރުވުމުން އެހެން މީހުންނާ ހަވާލުކޮށްގެން ވެސް ބައެއް އެއްޗެހި އުފުލުން މިހާރު އާންމު ކަމަށެވެ. އެކަމަކު އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އެ ވަކީލް ވިދާޅުވި އެވެ.
"ލަގެޖް ބަރުވެއްޖެއޭ ކިޔާފައި ދަތުރުކުރާ އެހެން މީހަކު ކައިރީގައި މި ބުނަނީ މި ފޮށިގަނޑާ ހަވާލުވެދޭށޭ. އެކަން މިކުރަނީ އަތުލައިގަނެވޭ ހާލަތުގައި ސަލާމަތްވުމުގެ ފުރުސަތު ހޯދަންވެގެން. އަތުލައިގަނެވުނީމަ އެ މީހަކު ބުނަންވީ ތިމަންނަގެ އެއްޗެއް ނޫނޭ. އެކަން ސާބިތުކޮށް ނުދެވުނީމަ ހަވާލުވި މީހާ ކުށްވެރިވީ،" އޭނާ ވިދާޅުވި އެވެ.
ދަތުރުކުރާ އިރު ގޮތް ނޭނގޭ އެއްޗިއްސާ ހަވާލުވުމަކީ މި ޒަމާނުގައި ހިތްހެޔޮކަމުގެ އަމަލެއް ކަމަށް ބެލެވޭކަށް ނެތެވެ. އޭގެ ބަދަލުގައި އެއީ ތިމާ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ހުޅުވޭ ކަމެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެފައިވާ މިންވަރަށް ބަލާއިރު ކިތަންމެ ގާތް މީހަކު އެދުނަސް އެ އާދަ ދޫކޮށްލާށެވެ.
ފަސް ކިލޯގެ ޑްރަގް އެތެރެކުރަނިކޮށް އަތުލައިގެންފި
ރާއްޖެ ގެނައި 13 މިލިއަން ރުފިޔާގެ ޑްރަގް ހޯދައިފި
ރާއްޖެ އައި މީހެއްގެ އަތުގައި 15 މިލިއަންގެ ޑްރަގް
ކަނޑުމަގުން އެތެރެކުރި ދެ ކިލޯގެ ޑްރަގް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ފަސް މިލިއަންގެ ޑްރަގް އަތުލައިގަނެ، ބަޔަކު ހައްޔަރު
ޕާރުސަލަކުން ކިލޯއެއްހާ ޑްރަގް:އެންމެން ސަލާމަތްވެއްޖެ