Roadha Mihaaru
ކެންސަރާއި ފުއްޕާމޭގެ ބައްޔަށް ދެ ސެންޓަރު ހުޅުވައިފި

ކެންސަރާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭ ދެ ސެންޓަރު އައިޖީއެމްއެޗުގައި ހުޅުވައިފި

11 ޖެނުއަރީ 2018

ކެންސަރާއި ފުއްޕާމޭ އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ދެ ސެންޓަރެއް ގާއިމުކޮށް މިއަދު ޚިދުމަތް ދޭން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކެންސަރާއި ފުއްޕާމޭ އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ދެ ސެންޓަރެއް ގާއިމުކޮށް މިއަދު ޚިދުމަތް ދޭން ފަށައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލަށް 70 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ސެންޓަރު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އައިޖީއެމްއެޗުން ބުނީ ދިވެހިން އެންމެ ގިނައިން ރާއްޖޭން ބޭރުން ފަރުވާ ހޯދަނީ ކެންސަރަށް ކަމަށާއި އެހެންވެ އެ ބައްޔަށް ހާއްސަ ސެންޓަރެއް ރާއްޖޭގައި ހުރުން މުހިއްމު ކަމަށެވެ. އަލަށް ހުޅުވި މި ސެންޓަރުން ރޭޑިއޭޝަންގެ ފަރުވާ ފިޔަވައި އެހެން ހުރިހާ ފަރުވާއެއް ލިބޭނެ ކަމަށް އެ ތަނުން ބުންޏެވެ.

ކެންސަރަށް ފަރުވާ ދޭ ސެންޓަރުގައި ފަރުވާ ދެއްވާ ޑރ. ޝިފާން މިއަދު "މިހާރު"އާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެން ވަހީދު

ކެންސަރަށް ފަރުވާ ދޭ ސެންޓަރުގައި ފަރުވާ ދެއްވާ ޑރ. ޝިފާން މިއަދު "މިހާރު"އާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެން ވަހީދު

ކެންސަރަށް ފަރުވާ ދޭ އެ ސެންޓަރުގައި ފުރަތަމަ ދިވެހި އޮންކޯސާޖަން ނުވަތަ ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރު މުހައްމަދު ޝިފާން ވެސް ފަރުވާ ދެއްވަ އެވެ.

އޭގެ އިތުރުން ކީމޯ ތެރަޕީ އަށް ބޭނުންވާ ސާމާނު ލިބޭ ފާމަސީއެއް އެ ސެންޓަރުގައި ހުންނައިރު، އެ ތަނުގައި ތިބޭނީ ވެސް އެކަމަށް ހާއްސަކޮށްގެން ތަމްރީނުކޮށްފައިވާ ނަރުހުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ފުއްޕާމެ އާއި ނޭވާލާ ނިޒާމުގެ ބަލިތައް ވެސް ރާއްޖޭގައި އިތުރުވަމުން އަންނަ އިރު، މި ފަދަ ސެންޓަރެއް ވަކިން ހުޅުވުމަކީ އޭގެ ފަސޭހަ އާއްމުންނަށް ލިބޭނެ ކަމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.