Roadha Mihaaru
ފޯނެއް އޮތްތޯ ބަލަން އަދީބުގެ ގޮޅި ފާސްކޮށްފި

ފޯނެއް ގެންގުޅުއްވާ ކަމަށް ތުހުމަތުކޮށް އަދީބުގެ ގޮޅި ފާސްކޮށްފި

10 ޖެނުއަރީ 2018

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފޯނެއް ގެންގުޅުއްވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނު ދޫނިދޫގައި އޮންނެވި ގޮޅި ބަލައި މިދިޔަ ހޯމަ ދުވަހު ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފޯނެއް ގެންގުޅުއްވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނު ދޫނިދޫގައި އޮންނެވި ގޮޅި ބަލައި މިދިޔަ ހޯމަ ދުވަހު ފާސްކޮށްފި އެވެ.

އަދީބުގެ ވަކީލް، މޫސާ ސިރާޖް މިއަދު ވިދާޅުވީ، އާއްމު ގޮތެއްގައި، ގޮޅިތައް ފާސްކުރަނީ ދޫނިދޫގައި ތިބޭ ފުލުހުން ކަމަށް ވިޔަސް، އެ ރޭ އަދީބުގެ ގޮޅި ފާސްކުރީ ފުލުހުންގެ ފޮރެންސިކް ޓީމަކުން ކަމަށެވެ.

"ގޮޅި ފާސްކުރި ސަބަބެއް ނޭނގެ،" ތަފާތު ދެ މައްސަލައަކާ ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އަދީބުގެ ވަކީލް ސިރާޖް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އަދީބުގެ ގޮޅި ފާސްކުރީ އޭނާ ގެންގުޅުއްވާ މޮބައިލް ފޯނަކުން، ސިޔާސީ ފަރާތްތަކަށް އެސްއެމްއެސް ފޮނުއްވާ ކަމުގެ ތުހުމަތުގަ އެވެ. އެ ގޮޅި ފާސްކުރިއިރު، އިދިކޮޅު ސިޔާސީ ލީޑަރުން ވަނީ ބޭސްފަރުވާގެ ހައްގު އެމަނިކުފާނަށް ދޭން ސަރުކާރަށް ގޮވާލައިފަ އެވެ.

އަދީބުގެ ގޮޅިން ފުލުހުންނަށް ފޯނެއް ފެނުނު ކަމެއް ޔަގީނެއް ނޫނެވެ. މިކަމުގައި ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާއަށް ވަނީ ލޮލުގެ ބައްޔެއް ކަމަށްވާ ގްލުކޮމާ ޖެހިފަ އެވެ. އަދި އޭނާގެ އެތެރެހަށީގެ ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވެ އެވެ. އެހެންވެ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިދޭން އެދިފައިވީ ނަމަވެސް ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ކުރީގެ ނައިބު ރައީސް ރާއްޖެއިން ބޭރަށް ފޮނުވޭނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.