Roadha Mihaaru
އައިބިއުޕްރޮފިން: ފިރިހެނުންނަށް ދަރިން ލިބުން ދަތިވޭ

އައިބިއުޕްރޮފިން: ފިރިހެނުންނަށް ދަރިން ލިބުމަށް ހުރަހެއް

10 ޖެނުއަރީ 2018

އައިބިއުޕްރޮފިން އަކީ ހުމަށާއި ތަންތަނަށް ތަދުވާތީ ވަރަށް އާއްމުކޮށް ޑޮކްޓަރުން ދޭ ބޭހެކެވެ. ޖާނަލް އޮފް ޕްރޮސީޑިންގްސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސްގައި މިދިޔަ ހޯމަ ދުވަހު ޝާއިއުކުރި ދިރާސާއެއް ބުނާ ގޮތުގައި ޒުވާން ފިރިހެނުން އައިބިއުޕްރޮފިން ބޭނުންކުރުމުން އުރަވަޅި އަށް ގެއްލުން ލިބެ އެވެ.

އައިބިއުޕްރޮފިން އަކީ ހުމަށާއި ތަންތަނަށް ތަދުވާތީ ވަރަށް އާއްމުކޮށް ޑޮކްޓަރުން ދޭ ބޭހެކެވެ. ޖާނަލް އޮފް ޕްރޮސީޑިންގްސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސްގައި މިދިޔަ ހޯމަ ދުވަހު ޝާއިއުކުރި ދިރާސާއެއް ބުނާ ގޮތުގައި ޒުވާން ފިރިހެނުން އައިބިއުޕްރޮފިން ބޭނުންކުރުމުން އުރަވަޅި އަށް ގެއްލުން ލިބެ އެވެ.

ކުޅިވަރު ކުޅޭ އެތުލީޓުން ވެސް މި ބޭސް ބައެއް ފަހަރަށް ބޭނުންކުރެ އެވެ. މިގޮތަށް ބޭސް ބޭނުންކުރި ޒުވާން ބައެއް ފިރިހެނުންގެ ހޯމޯންތަކަށް މައްސަލަތައް ދިމާވެ މެދު އުމުރަށް އަޅާއިރު ދަރިން ލިބުމުގެ ގާބިލްކަން ކުޑަވާ ކަމަށް މި ހޯދުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެޑްވިލް އާއި މޯޓްރިން އަކީ އައިބިއުޕްރޮފިންގެ ދެ ބްރޭންޑް ނަމެކެވެ. އަދި މިއީ ވަރަށް އާއްމުކޮށް ބޭސްފިހާރަތަކުން ވިއްކާ އެއްޗެކެވެ. މި ދެ ބްރޭންޑް އުފައްދާ ފައިޒާ އާއި ޖޯންސަން އެންޑް ޖޯންސަން އާ ސީއެންއެން އިން ވަނީ މިކަމާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. ބޭސް އުފައްދާ މި ކުންފުނިތައް ތަމްސީލުކުރާ ކޮންސިއުމާ ހެލްތުކެއާ ޕްރޮޑަކްޓްސް އެސޯސިއޭޝަނުން މިކަމާ ގުޅޭ ގޮތުން ބުނީ އެ ފަރާތުން ބޭސް ތައްޔާރުކުރަނީ ވަރަށް ބޮޑަށް ބަލާފައި ކަމަށާއި އިތުރު ދިރާސާތަކަށް އަަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.

މިއީ އެތައް އަހަރެންގެ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް، އުފައްދާތާ ޒަމާންތަކެއް ވެފައިވާ ބޭހެއް ކަމަށް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.

މި އާ ހޯދުމަކީ މީގެ ކުރިން ހޯދާފައިވާ މި ފަދަ ހޯދުމަކާ ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ދިރާސާއެކެވެ. ކުރިން ދިރާސާކުރީ އައިބިއުޕްރޮފިން ބޭނުންކުރުމުގެ މާބަނޑު މީހުންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށެވެ.

ޑެންމާކާއި ފްރާންސްގެ ސައިންސްވެރިންގެ ޓީމަކުން ކުރި ހޯދާފައިވަނީ އާދަކޮށް ފިހާރަތަކުން ލިބެން ހުންނަ ތަދުކަނޑުވާ ބޭހުގެ ތިން ވައްތަރަކުން މަންމައަކަށް ވާން ތައްޔާރުވެފައިވާ އަންހެނުންނަށް ކުރާ ނޭދެވޭ އަސަރު ތަކެވެ. އެ ތިން ބޭހަކީ އެސްޕްރިން އާއި އެސިޓެމިނޯފެން (ޕެރަސެޓަމޯލްގެ ނަމުގައި ވެސް މި ބޭސް އުފައްދާ) އަދި އައިބިއުޕްރޮފިން އެވެ.

ކުރީގެ ތަހުލީލުތަކުގެ ނަތީޖާތައް ވެސް ވަނީ ޝާއިއުކުރެވިފަ އެވެ. މި ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި މާބަނޑުއިރު މިތިން ބާވަތުން އެއް ބާވަތެއްގެ ބޭސް ބޭނުން ކުރިޔަސް އެމީހުންގެ ބަނޑުގައި އޮންނަ ފިރިހެން ދަރިންގެ އުރަވަޅި އަށް ނޭދެވޭ އަސަރުތަކެއް ފޯރަ އެވެ.