Roadha Mihaaru
ތެހެރާންގައި މިހާރު ބުރުގާ މަޖުބޫރެއް ނޫން: ފުލުހުން

ތެހެރާންގައި ބުރުގާ އެޅުން މިހާރު މަޖުބޫރެއް ނޫން: ފުލުހުން

30 ޑިސެމްބަރ 2017

ބުރުގާ އަަޅައިގެން ނޫނީ އީރާންގެ ވެރިރަށް ތެހެރާންގެ އާންމު ތަންތަނަށް އަންހެނުން ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން 38 އަހަރަށް ފަހު އެ ގައުމުން އުވާލައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ބުރުގާ އަަޅައިގެން ނޫނީ އީރާންގެ ވެރިރަށް ތެހެރާންގެ އާންމު ތަންތަނަށް އަންހެނުން ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން 38 އަހަރަށް ފަހު އެ ގައުމުން އުވާލައިފި އެވެ.

އީރާންގެ ވެރިރަށުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރި ގޮތުގައި ތެހެރާންގެ އާންމު ތަންތާނގައި މީގެ ފަހުން ބުރުގާ ނާޅައި އަންހެނަކު އުޅުނު ކަމުގައި ވިޔަސް، އެމީހަކު ހައްޔަރުކޮށް ތަހުގީގުކޮށެއް ނުހަދާނެ އެވެ. ތެހެރާންގައި އަންހެނުން އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު ބުރުގާ އެޅުން މަޖުބޫރު ކުރީ 1979 ވަނަ އަހަރު، އާޔަތުﷲ ޚުމައިނީ ގެންނެވި އިންގިލާބަށް ފަހުގަ އެވެ.

އީރާން ސަރުކާރުގެ މި ނިންމުމަށް އީރާންގެ ޒުވާން އަންހެނުންނާއި މިނިވަން އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އީރާންގެ މިހާރުގެ ރައީސް ހަސަން ރޫހާނީ ދެ ވަނަ ދައުރަކަށް އިންތިހާބު ވުމުގައި އީރާންގެ ޒުވާން އަންހެނުންގެ ތާއީދު ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ.

އީރާން ސަރުކާރުގެ މި ނިންމުމާ ގުޅިގެން، އެ ގައުމުގެ ހަރުކަށި ދީނީ އިލްމުވެރިން ދަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އީރާންގެ ޝަރުއީ ދާއިރާ އާއި ސަލާމަތީ ބާރުތައް އަދިވެސް އޮތީ ހަރުކަށި ދީނީ ޚިޔާލުގެ އިލްމުވެރިންގެ ނުފޫޒުގެ ތެރޭގައި ކަމަށްވާތީ، ސަރުކާރުގެ މި ނިންމުން އޭގެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭނެ ކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.

"އިސްލާމީ މިންގަނޑާ އެއްގޮތަށް ހެދުން ނޭޅިޔަސް، މީގެ ފަހުން އެމީހުން ހައްޔަރެއް ނުކުރާނެ. އަދި އެމީހުންނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ނުފޮނުވާނެ،" ތެހެރާންގެ ފުލުހުންގެ ވެރިޔާ ޖެނެރަލް ހުސައިން ރަހީމީ، މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

ތެހެރާންގެ ތެރޭގައި އުޅޭ އުޅުމުގައި މި މިނިވަންކަން ދިން ކަމުގައި ވިޔަސް، އީރާންގެ އެހެން ސަރަހައްދުތަކުގައި މިހާރު ވެސް އާންމު ތަންތަނަށް އަންހެނުންނަށް ނުކުމެ އުޅެވޭނީ ބުރުގާ އަޅައިގެންނެވެ. އެއާ ޚިލާފަށް އަމަލުކުރާ އަންހެނުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާނެ އެވެ.

އީރާނަށް ގެނައި އިންގިލާބަށް ފަހު، އެ ގައުމުގައި އާންމު ތަންތަނަށް އަންހެނުންނަށް ނުކުމެ އުޅެވެނީ، ބުރުގާ އަޅައިގެން ފަޔާ ހަމަޔަށް ނިވައިވާ އަދި ހަށިގަނޑަށް ދޫ ހެދުމެއް ލައިގެންނެވެ. އަދި ނިޔަފަތީގައި ކުލަ ޖައްސައިގެން އާންމު ތަންތަނަށް ނުކުމެ އުޅުން ވެސް އޮންނަނީ މަނާ ކޮށްފަ އެވެ.

ނަމަވެސް އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ބައެއް އަންހެނުންނާއި، ޒުވާން އަންހެން ކުދިން، ސަރުކާރުގެ އެ ނިންމުމަށް ގޮންޖެހުމުގެ ގޮތުން، ބޯ އެކުގައި ނިވައިނުވާ ގޮތަށް ބޮލުގައި ފޮތިކޮޅެއް އޮޅާލައިގެން މަގުތަކަށް ނުކުމެ އުޅެ އެވެ. އެފަދަ އަންހެނުން ހައްޔަރުކޮށް ބައެއް ފަހަރު ނަސޭހަތް ދީ ފޮނުވައިލި ނަމަވެސް ގިނަ ފަހަރަށް އެމީހުންގެ މައްސަލަ ކޯޓާ ހަމައަށް ދެ އެވެ.