Roadha Mihaaru
އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ

އައިޑީބީން އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ދެނީ

28 ޑިސެމްބަރ 2017

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ން އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ދޭން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ން އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ދޭން ނިންމައިފި އެވެ.

މިއީ އައިޑީބީގެ އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ން ރާއްޖެއަށް މިހާތަނަށް ދިން އެންމެ ބޮޑު އިސްލާމިކް ފައިނޭންސިން ފެސިލިޓީ އެވެ.

މި ފެސިލިޓީ ދިނުމުގެ އެއްބަސްވުމުގައި އެ ބޭންކުގެ ފަރާތުން މިއަދު ސޮއިކުރެއްވީ ސީއީއޯ އަޒީމް ނޫރުދާލީ އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

އެސްޓީއޯގެ އިސް އޮފިޝަލަކު ވިދާޅުވީ މިއީ ވަކި މުއްދަތަކަށް ހަމަޖެއްސި ފެސިލިޓީއެއް ނޫން ކަމަށެވެ. އަދި އެ ފެސިލީޓީ ބޭނުންކޮށްގެން ކުއްލިއަކަށް ބޭނުންވާ މުހިންމު މުދާ ރާއްޖެއަށް ގެނައުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައިޑީބީގެ ޓްރޭޑް ފައިނޭންސިން މިދިން ފެސިލިޓީއަކީ އެލްސީ ހުޅުވައިގެން، އަދި ޑައިރެކްޓް ޕޭމަންޓްތައް ދައްކައިގެން ކުއްލިއަކަށް ގެންނަން ޖެހޭ ބޮޑު ޝިޕްމަންޓެއް ގެންނަން ލިބުނު ވަރަށް ބޮޑު އެހީއެއް. މި ފެސިލިޓީގެ އަދަދު އަޅުގަނޑުމެންނަށް އިތުރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ތެލާއި ގޭހައި ކާޑުގެ ބާވަތްތަކުގެ އިތުރުން ބޭހާއި އެނޫން ވެސް ކާބޯތަކެތި އެތެރެކޮށް ވިޔަފާރި ކުރާ އެންމެ ބޮޑު ކުންފުންޏެވެ.