Roadha Mihaaru
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް

ބަންކަރިންގެ ހިދުމަތް ފުރަތަމަ ދެނީ ލަންކާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ބޯޓަކަށް

17 ސެޕްޓެމްބަރ 2024

ރާއްޖޭގައި ރަސްމީކޮށް ބަންކަރިންގެ ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނައިރު، އެ ހިދުމަތް ފުރަތަމަ ދޭނީ ސްރީ ލަންކާގެ ކޮލަންބޯ އިން ރާއްޖެއާ ދެމެދުގައި ދަތުރުކުރާ ބޯޓަކަށް ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ރަސްމީކޮށް ބަންކަރިންގެ ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނައިރު، އެ ހިދުމަތް ފުރަތަމަ ދޭނީ ސްރީ ލަންކާގެ ކޮލަންބޯ އިން ރާއްޖެއާ ދެމެދުގައި ދަތުރުކުރާ ބޯޓަކަށް ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ބަންކަރިން ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އެސްޓީއޯ އިން ބުނީ، ކޮލަންބޯ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ވައިސީ ބެރިއާ އަށް ހިދުމަތް ދެނީ ތާވަލް ކޮށްގެން ކަމަށެވެ. އޭގެ ކުރިން އެ ބޯޓު ބަންކަރު ކުރަމުން އައީ ކޮލަމްބޯގަ އެވެ. ސަބަބަކީ ލޯ ސަޕްލައި ފިއުލް ރާއްޖެއިން ނުލިބޭތީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ އުޅަނދަށް މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންވެ އެވެ. އުޅަނދުގައި 1،100 ކޮންޓެއިނަރު އުފުލުމުގެ ގާބިލުކަން ހުރެ އެވެ.

އެސްޓީއޯގެ އޮފިޝަލް ވިދާޅުވީ، ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތަށް އެދި މިހާރު ވެސް ބުކިންތައް ލިބެމުން އަންނަ ކަމަށެވެ. ހިދުމަތް ފަށައި، އިތުރަށް ފުޅާކުރުމުން މާކެޓް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް ދޭން ބޭނުންކުރާ ދެ ބޯޓު މިހާރު ވަނީ ރާއްޖެ އަށް ގެެނެސްފަ އެވެ. އެ ދެ ބޯޓުގައި ވެސް 3،200 ޓަނުގެ ތެޔޮ އުފުލުމުގެ ގާބިލުކަން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގާއިމްކޮށް، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް" އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.