Roadha Mihaaru
ބަންކަރިންއަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ގެނެސްފި

ދެވަނަ ބޯޓު ވެސް ރާއްޖެއަށް ގެނެސް، ބަންކަރިން ހިދުމަތް ފަށަން ތައްޔާރުވެއްޖެ

13 ސެޕްޓެމްބަރ 2024

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ރާއްޖެއަށް ގެނެސް، އެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ރާއްޖެއަށް ގެނެސް، އެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ބަންކަރިން ހިދުމަތް ދޭން ފެށުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދާއިރު އެކަމަށް ބޭނުން ކުރާ ފުރަތަމަ ބޯޓު މިދިޔަ ހަފްތާގައި ގެނެސްފައިވާ އިރު، މިހާރު ވަނީ އެކަމަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އޮފުޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގެ ދެ ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަންދިއްޕޮޅަށް ގެންގޮސް ނިމިފައިވާ ކަމަށެވެ.

"އަދި މިފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ވެސް ގާއިމް ކޮށް ނިމި، ބަންކަރިން ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިއްޖެ އެވެ،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވި އެވެ.

ބަންކަރިންއަށް ގެނައި ދެވަނަ ބޯޓު.

ބަންކަރިންއަށް ގެނައި ދެވަނަ ބޯޓު.

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރިން ނިންމާފައި އޮތީ އިއްޔެ އެވެ. ނަމަވެސް މޫސުން ގޯސްވެގެން އުޅަނދުތައް އައުން ލަސްވުމުން ތާރީހު ފަސްކުރަންޖެހުނީ އެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ" އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި، ބަންކަރިންގެ ހިދުމަތާ އެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތްތަކެއް މި ސަރަޙައްދުން ފޯރު ކޮށްދޭން ފެށޭނެ އެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ މީހުންނަށް ވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ރާއްޖޭގެ އުތުތުގައި މިފެށޭ ބަންކަރިންގެ ހިދުމަތާ އެކު އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ހިދުމަތްތަކަށް ums.mv" ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

"އިރާދަކުރެއްވިއްޔާ، މި ޕްރޮޖެކްޓުގެ 2 ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކުތައް މި ސަރަހައްދުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ،" ވަޖީހު ވިދާޅުވި އެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.