25 ޑިސެމްބަރ 2017
ރައްޔިތުންނާ ގުޅުންހުރި އެކި ކަންކަމުގައި މި ސަރުކާރަށް ވުރެ ގިނަ އިން މަޝްވަރާކުރި ސަރުކާރެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބ. އޭދަފުށީގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ގުޅުންހުރި އެކި ކަންކަމުގައި މި ސަރުކާރަށް ވުރެ ގިނަ އިން މަޝްވަރާކުރި ސަރުކާރެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބ. އޭދަފުށީގައި ވިދާޅުވެއްޖެ އެވެ.
އޭދަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މަޝްވަރާކުރުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށް އަދިވެސް އެބައޮތް ކަމަށެވެ. އެކަމަކު އެކަން ކުރަން ޖެހޭނީ އެއްވެސް ޝަރުތެއް ކުރިމަތިނުކޮށް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ކެބިނެޓް ބައްދަލުވުންތަކަށް އަޅިއަޅުއްވާލައްވައި ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބާއްވަމުން ދިޔައީ އަހަރެއްގެ މައްޗަށް ކެބިނެޓުގެ 3-4 ޖަލްސާ ކަމަށެވެ. އެކަމަކު، އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއަށް ކެބިނެޓް ބަހާލައި މި ސަރުކާރުން ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ވަރަށް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއްވެފައި.---ފޮޓޯ: ހައުސިން މިނިސްޓްރީ
"އިގްތިސާދީ ދާއިރާގައި މި ދެންނެވި ޖަލްސާތައް ހަފުތާގެ ކޮންމެ ދުވަހަކު ދެ ގަޑިއިރު ވަންދެން އޮންނާނެ. އިޖުތިމާއީ ދާއިރާގެ ބައްދަލުވުންތައް ވަޒީރުންގެ މަޖިލިސް އޮންނަ ކޮންމެ ދުވަހަކު ރައީސް އޮފީހުގައި ދެ ގަޑިއިރު އޮންނާނެ. އެހެންވީމަ މަޝްވަރާ ނުކުރެވޭތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ވެސް އެމަނިކުފާނަށް ވުރެން ގާތް ގުޅުމެއް ބޭއްވެވި ލީޑަރަކު ހުންނަވާނެ ކަމާ މެދު ޝައްކު ކަމަށާއި ރައްޔިތުންނާ ގުޅުންހުރި އުސޫލީ ގިނަ ކަންކަމުގައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަތުމަށް އެކި ކަރަކަރައިން މީހުން ގެންނަން ނުޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ޔާމީން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެ މައްސަލަތައް ވަރަށް ސާފު ކަމަށާއި އެކަންކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަކީ ވަގުތު ނަގާލުން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ގާނޫނާ ޚިލާފަށް އެކަކުވެސް މި ސަރުކާރުން ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އަދި ރައީސް އޮފީހުން އަންގައިގެން މީހަކަށް އަނިޔާއެއް ނުދޭއިރު މީހެއްގެ ކާމިޔާބަށް ވެސް ހުރަހެއް ނާޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“މިސަރުކާރަށްވުރެ ބޮޑަށް ގާނޫނު ތަންފީޒު ކުރާ ސަރުކާރެއް ނޯންނާނެ. ފަނޑިޔާރު ގޭގެ ތެރޭގައި އޮންނަ މައްސަލަތަކާ ނުބެހެން. އަނިޔާވެރި ނުވުމަކީ އެންމެނަށް އެއް އުސޫލެއް އޮތުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަނޑިޔާރު ގޭގައި ހިނގާ ކަންކަމަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނޯންނާނެ އެވެ. ފަނޑިޔާރުގެއިން ނިންމާ ނިންމުންތައް ފައިސަލާކުރުމުގެ ގާބިލްކަން އެމަނިކުފާނުގެ ނެތްއިރު އެކަމަށް ޝައުގުވެރިކަމެއް ވެސް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ތަފާތު ފިކުރުތަކުގެ ބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ގާބިލްކަން ހުންނެވި ނަމަވެސް އެ ބޭފުޅުން ނިކުމެވަޑައިގެން އެމަނިކުފާނު "ކަފުނަށް ތިރިކުރާތަން" ބައްލަވަން ނުހުންނަވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ ރާއްޖޭގެ މުސްތަގުބަލާއި މެދު މާޔޫސް ނުވުމަށް އެދިވަޑައިގެންނެވެ.
ވަޒީރުން ތިބީ ހިދުމަތް ކުރަން ކެތްމަދުވެފައި: ރައީސް
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވާން ކޮމިޓީން ފާސްކޮށްފި
ކޮމަންވެލްތުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީ އަށް
ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައިފި
އިބޫގެ ކެބިނެޓް، 22 މިނިސްޓްރީއާ އެކު އެކުލަވާލަނީ