Roadha Mihaaru
"ދޮގު ހަދައިގެން ސަޕޯޓަރުންގެ ރުހުން ބޭނުމެއް ނޫން"

ދޮގު ހަދައިގެން ސަޕޯޓަރުންގެ ރުހުން ބޭނުމެއް ނޫން: ކޮންޓޭ

13 ޑިސެމްބަރ 2017

ހަޑްސްފީލްޑް، އިންގްލެންޑް (ޑިސެމްބަރު 13) - ޗެލްސީ އަށް މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ލިބޭނެ ކަމުގެ ގޯސް ހުވަފެނެއް ސަޕޯޓަރުންނަށް ދައްކައިގެން އެމީހުންގެ ރުހުން ހޯދަން ބޭނުމެއް ނުވާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ހަޑްސްފީލްޑް، އިންގްލެންޑް (ޑިސެމްބަރު 13) - ޗެލްސީ އަށް މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ލިބޭނެ ކަމުގެ ގޯސް ހުވަފެނެއް ސަޕޯޓަރުންނަށް ދައްކައިގެން އެމީހުންގެ ރުހުން ހޯދަން ބޭނުމެއް ނުވާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގައި ރޭ ރަށުން ބޭރުގައި ހަޑްސްފީލްޑް ޓައުން އަތުން 3-1 އިން މޮޅުވެ، ޗެލްސީ ވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ރޭގެ މެޗަށް ފަހު ކޮންޓޭ ބުނީ މިއީ އެ ޓީމަށް ހަމައެކަނި ހަމަޖެހިލަން ލިބުނު މޮޅެއް ކަމަށެވެ.

"އަހަރެން އޮޅުވާލަކަށް ނެތިން. ސިޓީ ކުޅުނު މެޗުތަކުން 15 މެޗުން މޮޅުވެފައި އެއް މެޗުން އެއްވަރުވެފައި މި އޮތީ. އަހަރެމެން 17 މެޗު ކުޅުނުއިރު މި އޮތީ ހަތަރު ބަލިވެފައި. ސިޓީ ކަހަލަ ހުރިހާ މެޗަކުން މޮޅުވަމުން އަންނަ ވާދަވެރި ޓީމެއް އޮއްވައި ލީގު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. މިއީ އަހަރެމެންނަށް ހަމަޖެހިލަން ލިބުނު މޮޅެއް،" މިދިޔަ ސީޒަނުގައި ޗެލްސީ އަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ ލީގު ހޯދުމުގެ ރޭހުގެ ވާހަކަ ދައްކާއިރު އޭނާ އަށް މުހިއްމީ ސަޕޯޓަރުންނަށް ތެދު ބުނުން ކަމަށެވެ.

"މީހުން ޕޮޒިޓިވް އަދި ނެގެޓިވް ކޮށް ވެސް ވާހަކަ ދައްކާނެ. އަހަރެންނަށް މުހިއްމީ ހަގީގަތް އޮޅުވާނުލައި ސަޕޯޓަރުންނަށް ތެދު ބުނުން. ލީގު އެއް ވަނަ ސިޓީ އަށް ދީފައި އަހަރެމެން ތިބޭ ވާހަކައެއް ނޫން މި ބުނީ. ކޮންމެ މެޗެއް ވެސް ކާމިޔާބުކޮށް ސިޓީ އަތުލެވޭތޯ ހުރިހާ މަސައްކަތެއް ކުރާނަން،" ކޮންޓޭ ބުންޏެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ނުކުޅެ އެވެ. ޗެލްސީ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ޓިއެމް ބަކަޔޯކޯ، ވިލިއަން އަދި ޕެޑްރޯ ރޮޑްރިގޭޒް އެވެ. ހަޑްސްފީލްޑްގެ ހަމައެކަނި ލަނޑުޖެހީ ބެލްޖިއަމް ފޯވާޑް ލޯރެންޓް ޑިޕޮއިޓްރޭ އެވެ.

މި މޮޅާ އެކު ޗެލްސީ ލީގުގެ ތިން ވަނައިގައި އޮތީ 17 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ރޭ އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީ އަތުން 1-0 އިން މޮޅުވެ ބާންލީ ވަނީ ލީގުގެ ހަތަރަކަށް އަރައިފަ އެވެ. އެ ޓީމަށް ވަނީ 17 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. މިރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އަތުން މޮޅުވެގެން އަލުން ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.